1 އޮކްޓޯބަރު 2023 - އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވަނީ: އެ ބައްދަލުވުން އޮތީ ރައީސް އޮފީހުގައި (ފޮޓޯ/ރައީސް އޮފީސް)
ޔާމީން ގެއަށް ބަދަލުކުރަން މުއިއްޒު އެދިވަޑައެއް ނުގަންނަވާ: ސޯލިހް
ރިޔާސީ އިންތިހާބަށް ފަހު އޭރުގެ ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރީ އެކަމަށް މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވުމުން ކަމަށް ވިދާޅުވާ ވިދާޅުވުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދޮގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ތެރޭ އޭރުގެ ރައީސް ސޯލިހް ޔާމީން ގެއަށް ބަދަލުކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވަނީ ޔާމީން ގެއަށް ބަދަލުކުރެއްވީ އެ މަނިކުފާނު އެދިވަޑައިގެންނެވުމުން ކަމަށެވެ. އެ މަނިކުފާނު މިނިވަންކޮށްދެއްވުމަށް އެދި ސޯލިހްގެ އަރިހުގައި އާދޭސް ދެންނެވިކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި އެކަމަށްޓަކައި ކުރެއްވި މެސެޖުތައް ފޯނުގައި ހުންނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ މިފަހުން ވިދާޅުވެފަ އެވެ.
އިތުރަށް ކިޔާލަން
އެކަމަކު ޔާމީން ވިދާޅުވަނީ:
-
ޔާމީން ޖަލުގައި ބަހައްޓަވަން މުއިއްޒު ކުރިން ވެސް އަދި މިހާރު ވެސް މަސައްކަތްކުރައްވައި ޝަރީއަތަށް ނުފޫޒު ފޯރުވާ
-
ސަރުކާރު ބަދަލުވުމާ އެކު ޖަލުން ދޫކޮށްލި ދުވަހު ވެސް ރައީސް މުއިއްޒު ހުންނެވީ ޔާމީން މިނިވަންވާން ބޭނުންވެގެންނެއް ނޫން
-
އެ ދުވަހު އޭރުގެ ރައީސް ސޯލިހްގެ ދައުވަތަކަށް އަބްދުއްރަހީމް އަބްދުﷲއާ އެކު މުއިއްޒު ވަޑައިގެންނެވިޔަސް އެ ބައްދަލުވުމުގައި ޔާމީން މިނިވަންކުރުމަށް އެދިވަޑައިގެން އެއްވެސް ވާހަކައެއް ނުދައްކަވާ
-
އެ ބައްދަލުވުމުން ނުކުންނަވައި ޔާމީން ޖަލުން ދޫވެފައި ހުރި ތަން ފެނުމުން މުއިއްޒު އާއި އަބްދުއްރަހީމަށް ވެސް ލިބުނީ ހައިރާން ކަމެއް
އިތުރަށް ކިޔާލަން
ބުނީ ކީކޭ؟ - މިކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ކުރި ސުވާލަށް ޖަވާބުދެއްވަމުން ސޯލިހް މިއަދު ވިދާޅުވީ އެކަމުގައި މުއިއްޒު ހައްދަވަނީ އިތުރުފުޅެއް ކަމަށާއި ތެދު ހައްދަވަނީ ޔާމީން ކަމަށެވެ.
ސޯލިހު ވިދާޅުވީ:
-
30 ސެޕްޓެމްބަރުގައި ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވުމުން މަރުހަބާ ކިޔަން ފޯނު ކުރެއްވިން؛ އެ ފޯނު ކޯލުގައި ވެސް އެފަދަ އެއްވެސް ވާހަކައެއް މުއިއްޒު ނުދައްކަވާ
-
ޖެހިގެން އައި 1 އޮކްޓޫބަރުގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒުއާ ކުރެއްވި ބައްދަލުވުމުގައި ވެސް އެ ކަމަށް އެދިވަޑައެއް ނުގަންނަވާ
-
ޔާމީން ގެއަށް އެ ދުވަހު ބައްދަލުކުރައްވާ ވާހަކަ ވިދާޅުވީ ސޯލިހް އަމިއްލަފުޅަށް؛ އޭރު ޔާމީން މާލެ ވަޑައިގަންނަވަނީ
"އަޅުގަނޑު ދެންނެވިން މިއަދު ސަރުކާރުން ވަރަށް ބޮޑު ކަމެއް އެބަކުރަމޭ. އަޅުގަނޑު ދެންނެވިން ކަރެކްޝަންސްއިން މިހާރު ޔާމީން ގެއަށް ގެނައުމުގެ މަސައްކަތް އެބަކުރެއޭ. ލޯންޗަށް މިހާރު އެ އަރާވަޑައިގަންނަވަނީއޭ. ތިބޭފުޅުން ބޭނުންފުޅުވާނެ ނޫންތޯއޭ ދާން،" ސޯލިހު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑަށް ފެންނަނީ އަވަހަށް މި ބައްދަލުވުން ނިންމާލާފައި ވަޑައިގަންނަވާށޭ. އަޅުގަނޑު އެހެން ދެންނެވީމާ އެ ބޭފުޅުންނަށް ހައިރާންކަމެއް ލިބިވަޑައިގަތީ. އަޅުގަނޑަށް އެނގުނު އެބޭފުޅުންނަށް އެނގިވަޑައިނުގަންނަވާކަން. ނުވެސް އެނގޭނެ އެނގޭތޯ."
ސޯލިހް ވިދާޅުވީ އެ ދުވަހު ޔާމީން ގެއަށް ބަދަލުކުރެއްވީ އެއްވެސް ހާލަތެއްގައި ރައީސް މުއިއްޒު އާއި އޭރު ޕީޕީއެމް ހިންގުމާ ހަވާލުވެގެން ހުންނެވި މިހާރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެދިވަޑައިގެން ނޫން ކަމަށެވެ.
އެކަމަކު ޔާމީންގެ މައްޗަށް މީގެ ކުރިން އިއްވި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވިއިރު ޕީޕީއެމްގެ ފަރާތުން ވަރަށް ގިނަ ބޭފުޅުން ޔާމީން މިނިވަންކޮށްދެއްވުމަށް އެދި މެސެޖު ކުރެއްވި ކަމަށް ސޯލިހް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ސޯލިހް ވިދާޅުވި އެވެ. މުއިއްޒުގެ މެސެޖެއް އޭރު ލިބިވަޑައިގެން ކަމަށާއި އޭގެ ފަހުން އެފަދަ އެއްވެސް މެސެޖެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ސޯލިހް ވިދާޅުވި އެވެ.
"މިދައްކަނީ އޭގެ ފަހުގެ ވާހަަކަ. ފަހު ބުރުގައި ޔާމީން ގެއަށް ބަދަލުކުރިއިރު [11 އަހަރުގެ ޖަލު ހުކުމުގައި ހުންނެވިއިރު] މިއިން އެއްވެސް ބޭފުޅަކު އަޅުގަނޑަކާ ގުޅާފައެއް ނެތް. އިންތިހާބީ ކަންތަކުގައި ގުޅުއްވީ. ފަހަރުގައި ވެދާނެ އެ ބޭފުޅުން ބޭނުންފުޅު ނުވަނީ ކަމަށް ރައީސް ޔާމީން ނިކުމެވަޑައިގެން އެ ކަމުގައި އުޅުއްވަން. ދައްޗެއް އުޅެނީ ކަންނޭނގެ ރައީސް މުއިއްޒަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި ރައީސް ޔާމީން އެ ދުވަހު ގެއަށް ގެނައީ އެއިން އެއްވެސް ބޭފުޅަކު ވިދާޅުވެގެނެއް ނޫން. އެއްވެސް ރިކުއެސްޓެއް ނެތް."
އެނގުން މުހިންމު - ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މިދިޔަ 25 ޑިސެމްބަރު 2022ގައި އިއްވި 11 އަހަރުގެ ޖަލު ހުކުމުގައި މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އެމަނިކުފާނު ހުންނެވީ ޖަލުގަ އެވެ. ގޭބަންދަށް ބަދުލުކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބު އިދިކޮޅުގައި އޭރު ތިއްބެވި މިހާރުގެ ރައީސް މުއިއްޒު ކާމިޔާބު ކުރެއްވި ފަހުންނެވެ.
މި ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން މިދިޔަ އެޕްރީލް މަސްތެރޭ ހުކުމް ކުރުމާއެކު ޔާމީން މިހާރު ހުންނެވީ މިނިވަންވެފަ އެވެ.
މި މައްސަލައާ އެކު ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދެ މައްސަލައެއްގެ ޝަރީއަތްތަކެއް ކުރިއަށް އެބަދެ އެވެ. އެކަމަކު މިއަޑުއެހުންތައް އަނެއްކާވެސް އޮތީ މަޑުޖެހިފަ އެވެ.
ކޮމެންޓް (1)
އަހްމަދު