ރައީސް މުހައްމަދު މުއިއްޒު ކޮޕް29 ސަމިޓުގައި މިއަދު ތަގުރީރު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)
ބައިނަލްއަގުވާމީ މާލީ ނިޒާމުތަކަށް ބަދަލު ގެންނަން ރައީސް މުއިއްޒު ގޮވާލައްވައިފި
ގައުމުތަކަށް އެހީ ދޭއިރު ކޮންމެހެން ބޭނުންޖެހިފައިވާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭން އިސްކަންދޭ ގޮތަށް ބައިނަލްއަގުވާމީ މާލީ ނިޒާމު ބަދަލު ކުރަން ރައީސް މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މިކަމަށް ގޮވާލެއްވީ އަޒަރްބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ އދ.ގެ ތިމާވެއްޓާ ބެހޭ ސަމިޓް، ކޮޕް29ގައި ތަގުރީރު ކުރައްވަމުންނެވެ.
ތަފްސީލް - މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތްތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމަށެެވެ.
ރައީސް ވިދާޅުވީ:
-
މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީ ދިނުމަށް ފައިސާގެ މިންވަރު ކަނޑައެޅުމުގައި މޫސުމީ ކާރިސާތަކުގެ ހަގީގީ މިންގަނޑުތަކަށް ރިއާޔަތްކުރަންޖެހޭ
-
އެ މިންގަނޑުން ބަލާއިރު މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ބޭނުންވަނީ ބިލިއަނަކުން ނޫން، ޓްރިލިއަނުން
-
ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ ހާލަތާއި މޫސުމީ ބަދަލުތަކަށް ހޭނިފައިވާ މިންވަރު އަދި ގެއްލުންތައް ކުޑަކުރެވޭ މިންވަރާއި ލިބޭ ގެއްލުންތަކަށް ބަލައިގެން މާލީ އެހީ އިތުރުކޮށްދޭން ޖެހޭ
ރައީސް ވިދާޅުވީ ދުނިޔެއިން ފެންނަމުންދަނީ ހަނގުރާމަތަކަށް ނިކަން ފަސޭހަކަމާ އެކު ފައިސާގެ އެހީތެރިކަން އޮއްސަމުންދާތަން ކަމަށާއި އެކަމަކު މޫސުމީ ބަދަލުތަކަށް ނަމަ އެ އެހީތެރިކަން ފޯރުކޮށްދެނީ ވަރަށް ބަލައިގެން ކަމަށެވެ. އިސްކަންދިނުމުގެ އެ ތަރުތީބު ބަދަލުކުރަން އެމަނިކުފާނު ގޮވާލެއްވި އެވެ.
"[މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި] އިސްކަންދޭ ގޮތް އަލުން ކަނޑައަޅަން ވެއްޖެ. ބައިނަލްއަގުވާމީ މާލީ ނިޒާމުތައް އަލުން މުރާޖައާ ކުރަން ވެއްޖެ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިހުތިޔާރު ކުރަންޖެހެނީ މީހުންގެ ދިރިއުޅުން ބަދަލު ކުރެވޭނެ މަގެއް."
ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަަކަށް ފޯރުކޮށްދެމުންދާ އެހީތެރިކަން އަދިވެސް ވަރަށް ބޮޑުތަން ކުޑަކަމަށާއި އެކަމުގެ ސަބަބުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އުންމީދުތައް ފަނޑުވަމުންދާ ކަމަށެވެ. ނަމަވެސް މިފަހަރުގެ ކޮޕް ސަމިޓުގައި އެކަން ބަދަލުކުރެވޭނެކަން ސާބިތުކޮށްދިނުމަށް ރައީސް ގޮވާލެއްވި އެވެ.
#Livestream: COP 29- Delivery of National Statements by Heads of States and Governments https://t.co/5bSVGvHPaQ
— The President's Office (@presidencymv) November 12, 2024
އެނގުން މުހިންމު - 'އިން ސޮލިޑަރިޓީ ފޮ އަ ގްރީން ވޯލްޑް' ޝިއާރުގެ ދަށުން ބާއްވާ ކޮޕް29 ބޮޑަށް އަމާޒުކޮށްފައި ވަނީ ދުނިޔެ ހޫނުވުމުގެ ޒިންމާ އެންމެ ބޮޑަށް ނަގަން ޖެހޭ ބޮޑެތި ގައުމުތަކުން އެހެން ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށެވެ. ކޮޕް ސަމިޓްތަކުގައި މޫސުމީ ބަދަލުތަކާ ގުޅޭ ވިލުންވެރިކަމުގެ މަސައްކަތާއި ދެމެހެއްޓެނިވި ތަރައްގީގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރެ އެވެ.
ކޮޕް29ގެ އެޖެންޑާގައި ހިމެނޭ ބައެއް ކަންކަމަކީ:
-
އެންހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވާކް ފުރިހަމަކުރުން
-
ހުރިހާ މެމްބަރު ގައުމުތައް ބައިވެރިވާ މާލީ އާ ލަނޑުދަނޑިއެއް ކަނޑައެޅުން
-
ބައިނަލްއަގުވާމީގޮތުން އެއްބާރުލުންދިނުން އިތުރުކުރުމަށާއި ނޭޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ކަނޑައެޅުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކާ މެދު މަޝްވަރާކުރުން
ކޮމެންޓް