ހިޔާ ޓަވަރު 9ގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު އެޕާޓްމަންޓް (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
ރަހީނުކުރި މީހާ ސަލާމަތްކުރީ އެނގުނުތާ 40 މިނެޓު ތެރޭގައި، ފުލުހުންނަށް ވަދެވުނީ އިނގިލި ބުރިކުރަން އުޅެނިކޮށް
ހިޔާ ފްލެޓެއްގައި ގްރޫޕަކުން ދިވެހި ފިރިހެނަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލަން އުޅެނިކޮށް ފުލުހުން ވަދެ އެ މީހާ ސަލާމަތްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެކަން ހިނގީ ރޭގެ ވަގުތެއްގައި ހިޔާ H9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓުގަ އެވެ.
ބުނީ ކީކޭ؟ - އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން އެ ތަނަށް ވަދެ އެމީހާ ސަލާމަތްކޮށް 12 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން 'ދައުރު'އަށް ވިދާޅުވީ ރަހީނުކުރިތާ މާ ގިނައިރު ނުވަނީސް ފުލުހުންގެ އިންޓެލިޖެންސަށް އެކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.
"ރަހީނުކުރީތާ ގާތްގަނޑަކަށް 40 ވަރަކަށް މިނެޓު ވާނީ. އަޅުގަނޑުމެން [އެ އޮޕަރޭޝަންގެ] ފުލް ޓައިމްލައިން ނޫސްވެރިންނާ ހިއްސާކުރާނަން،" އިހުސާން ވިދާޅުވި އެވެ.
ތަފްސީލު - އެ އެޕާޓްމަންޓަށް ފުލުހުންނަށް ވަދެވުނުއިރު ރަހީނުކުރި މީހާއަށް ކޮންމެވެސް ވަރަކަށް އަނިޔާކޮށްފައި ހުއްޓެވެ.
"އެ މީހާގެ ބޯހުރީ ވަރަށް ތުނިކޮށް ކޮށާލާފައި. ފުލުހުންނަށް ވަދެވުނީ އެ މީހާގެ އިނގިލި ބުރިކޮށްލަން އުޅެނިކޮށް،" އިހުސާން ވިދާޅުވި އެވެ.
ރަހީނުކުރި މީހާއަކީ މަހަށް ދާ މީހެއް ކަމަށާއި އޭނާ ރަހީނުކުރި މީހުން އެނގޭ ކަމަށް ވެސް ބައެއް ނޫސްތަކުން ރިޕޯޓްކުރި އެވެ.
އިހުސާން ވިދާޅުވީ އިތުރު ކަންކަން ސާފުވާނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށާއި އޭގެ ފަހުން އިތުރު މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
ރަހީނުކުރި މީހާ ސަލާމަތްކުރެވުނީ އޭނާގެ އިނގިލި ބުރިކޮށްލަން ތައްޔާރުވެގެން ތިއްބާ: ފުލުހުން pic.twitter.com/SQfWDBV1EK
— PSM News (@psmnewsmv) November 7, 2024
ފުލުހުން ފަރިތަ ފްލެޓެއް؛ ދެން އޮތީ ދައުލަތަށް ނެގުން
އިހުސާން ވިދާޅުވި ގޮތުގައި އެއީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ބަލައިފާސްކޮށްފައިވާ ފްލެޓެކެވެ.
"މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ކަމަށް ފުލުހުންނަށް ފާހަގަވެފައި އޮތް ތަނެއް އެއީ. މީގެ ކުރިން ހަތަރު ވަރަކަށް ފަހަރު ރެއިޑްކުރި ވެސް ކުރި،" އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ކުށުގެ އަމަލުތައް ހިންގާ މިފަދަ ތަންތަނާ މެދު އަމަލުކުރާނެ ގޮތްތައް ކަނޑައަޅަން ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުގައި ހިމަނާފައިވާނެ ކަމަށެވެ.
މިހާރު ވެސް އެޗުޑީސީއިން އެޕާޓްމަންޓުތައް ދޫކުރާއިރު ހަދާ އެއްބަސްވުމުގައި ގާނޫނާ ހިލާފު އެފަދަ ކަންކަން ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެޕާޓްމަންޓުގެ ވެރިފަރާތަށް [މިފަދަ ކަމެއް ހިނގާކަން[ އަންގާފައި، އެކަން ތަކުރާރުވަމުންދާ ނަމަ ވަކި ޕްރޮސެސްއެއްގެ ތެރެއިން އަޅުގަނޑުމެން އެކަން ކުރާނީ،" އިހުސާން ވިދާޅުވި އެވެ.
ކޮމެންޓް (6)
ހިނި ހޮރު
ލާލާ
ޝަޒޫ
މުޖުތާޒު
އެޗްޱީސީ ގެ ވެރިންނަށް
ށަލްމާ