ވަގަށް ގެންދިޔަ ދަބަހާއި ވައްކަން ކުރި ނ. ވެލިދޫ އަހުމަދު މާޖިދު. އޭނާ މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފައި
ދަރިފުޅުގެ ސްކޫލު ދަބަސް ހޯދަން މުޅި މާލޭގައި އަތްފުނާ އަޅައިފި
އަބްދުލްހަމީދަށް އެއީ ހަމައެކަނި ސްކޫލު ދަބަހެއް ނޫނެވެ. އަހަރު ނިމެން ކައިރިވެފައި ވާއިރު، ގްރޭޑް ނުވައެއްގައި ކިޔަވާ އޭނާ ދަރިފުޅުގެ ހުރިހާ ފިލާވަޅުތަކަކާއި ޕާސްޕޭޕަރުތައް ހުރީ އެ ދަބަހުގަ އެވެ. އެހެންވެ، މަގުމަތިން ގެއްލުނު އެ ދަބަސް ހޯދުމަށް، ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އޭނާ ހުރީ ތައްޔާރަށެވެ.
"މީގެ ދެ ދުވަސްކުރިން ގެއްލުނު އެއްޗެއް އެއީ. މި ދެ ދުވަހު އަޅުގަނޑު ގެއަށް ވަންނަނީ ނިދާލަން އެކަނި. އެހެން ހުރިހާ ވަގުތެއްގައި މި މަސައްކަތް ކުރީ ދަބަސް ހޯދުމަށް،" ހަމީދު ބުންޏެވެ.
"މުޅި މާލެ އާއި ހުޅުމާލޭގެ އެކި ތަންތަން އަޅުގަނޑު ބަލައިފިން."
މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ދަރިފުޅުގެ ދަބަސް ގެއްލުނީ، ހަމީދު ކިޔައިދިން ގޮތުގައި މެންދުރު ގަޑީގައި ސްކޫލު ނިމިގެން ގެއަށް ދަނިކޮށެވެ. ދިޔަ މަގުމަތީގައި ފިހާރައަކަށް ވަނުމަށް، ބަރު އެ ދަބަސް ދަރިފުޅު ބެހެއްޓީ ސްކޫޕީ ސައިކަލުގެ ހަރުގަ އެވެ. އެކަމަކު ދެ މިނިޓެއްހާއިރު ފަހުން ފިހާރައިން ނުކުތް އިރު އެޔެއް ނެތެވެ.
އަމިއްލަ ވިޔަފާރިއެއްގައި އުޅޭ ހަމީދު، ދަބަސް ހޯދަން އެންމެ ފުރަތަމަ ބެލީ ފިހާރައިގެ ސީސީޓީވީ އެވެ. ދަބަސް ގެންދާތަން އެއިން ސާފުކޮށް ނުފެންނާތީ، އެ ސަރަހައްދުގައި ހުރި އެހެން ކެމެރާތައް ބަލައި، ވަގުކަލޭގެ ދެނެގަނެފި އެވެ. ދަބަސް ވަގަށް ގެންދިޔައީ، ކިޑްނެޕްގެ ބޮޑު މައްސަލައެއްގައި މިދިޔަ ޖޫން މަހު ފުލުހުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލި މީހެކެވެ.
ހިޔާ ޓަވަރަށް ގެންގޮސް، ގިނަ ބައެއްގެ އަތުން އެ ފިރިހެން މީހާ އާއި އޭނާގެ އެކުވެރިން ވަނީ، ބްލެކްމެއިލްކޮށް، ފޭރިފަ އެވެ. އެ މައްސަލައަށް ފަހު، އެ ޒުވާން ފިރިހެން މީހާ ދޫކޮށްލިތާ އަދި ދެ ހަފުތާ ވެސް ނުވެ އެވެ.
ހަމީދު ވަނީ، މައްސަލަ ފުލުހަށް ރިޕޯޓުކުރުމަށް ފަހު، އޭގެ އެއް ދުވަސް ފަހުން އާއްމުންގެ އެހީތެރިކަމަށް އެދި ފޭސްބުކްގައި ލިޔެފަ އެވެ. ވައްކަން ކުރި މީހާ އާއި ދަބަހުގެ ފޮޓޯއަކާ އެކު އެވެ. އެއާއެކު އެ މީހާ އުޅޭތަނާއި ފެންނަ ތަންތަން މީހުން އޭނާއަށް އަންގަން ފެށި އެވެ.
"ހުރިހާ ތަނަކަށް ވެސް އަޅުގަނޑު ދަން. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ޓަވަރުތައް ކައިރިން ފެންނާތީ އެތަންތަނަށް ގޮސް އެ ޓަވަރުތަކަށް އަރައި، ހުރިހާ ފްލޯއަކަށް ފައިބައިގެން ބެލިން،" ހަމީދު ބުންޏެވެ.
"މުޅި މަގުމަތީގައި ސައިކަލުގައި ބުރު ޖެހިން. އެ ދަބަސް އަވަހަށް ހޯދުން އަޅުގަނޑަށް ވަރަށް މުހިއްމު."
އެންމެ ފަހުން މިއަދު ވަނީ ދަބަހާއެކު ވަގުކަލޭގެ އަތުލައިގަނެފަ އެވެ. ހަމީދު ބުނިގޮތުގައި އެމީހާ އުޅޭތަން ފުލުހުންނަށް އެންގީ އާއްމުންގެ ބައެކެވެ. އެހެންވެ، އޭނާ ވަނީ ދަރިފުޅުގެ ދަބަސް ހޯދުމުގައި އެހީތެރިވި ހުރިހާ އެންމެންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.
"މީގެ ދަބަހެއް އަޅުގަނޑަށް ގަނެވިދާނެ. އެކަމަކު މީގެ އެތެރޭގައި ހުރި ދަރިފުޅުގެ އަހަރު ދުވަހުގެ މަސައްކަތެއް އަޅުގަނޑަކަށް ނުހޯދުނީސް،" އޭނާ ބުންޏެވެ.
ކޮމެންޓް