މަޖިލީހުގެ ޖަލްސާއެއްގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ބަޖެޓު ފޮތް ނުދެނީ އަވަސް އަރުވާލައިގެން ބަޖެޓު ފާސްކުރަން: އެމްޑީޕީ
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތަފްސީލް ހިމެނޭ ފޮތް އަދިވެސް ނުދެނީ އަވަސް އަރުވާލައިގެން ރަނގަޅަށް ދިރާސާނުކޮށް ބަޖެޓުގެ މަސައްކަތް ނިންމަން ވެގެން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 31ގަ އެވެ. އެއީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ތަފްސީލް - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ މިއަދާ ހަމައަށް ވެސް ބަޖެޓު ފޮތް ލިބިފައި ނުވާ ކަމަށެވެ. އަދި މި މަހުގެ 20އަށް ބަޖެޓުގެ މަސައްކަތް ނިންމަން ޖެހޭއިރު، ބަޖެޓު ފޮތް ނުލިބޭތީ ތަފްސީލްތައް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މަޖިލީހުގައި މި ހޭދަކުރި ދިގު ތާރީހުގައި އެއްވެސް ފަހަރަކު ބަޖެޓު ފޮތް ނުލިބި ބަޖެޓު ހުށަހެޅިގެން ނުދޭ،" މަޖިލީހުގައި ހަތަރު ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ އެ މެންބަރު ވިދާޅުވި އެވެ.
"ބަޖެޓު ފޮތުގައި ހުންނާނެ ވަރަށް ބައިވަރު މައުލޫމާތު. އެ ފޮތް ލިބުނީމަ އަޅުގަނޑުމެންނަށް ބަޖެޓު ދިރާސާ ކުރުމުގައި ވެސް އަދި އިންޑިވިޖުއަލް މެންބަރުން ވެސް އެ ބޭފުޅުން ދާއިރާގެ ކަންތަކުގައި އެއްވެސް އެއްޗެއް ބުނަން އެނގޭނީ."
އޭނާ ވިދާޅުވީ މިއަހަރުގެ ބަޖެޓުން ހަރަދުވި ގޮތް އެނގޭނީ ވެސް ބަޖެޓު ފޮތް ލިބިގެން ކަމަށާއި އެ ހުސްވި ބަޖެޓަކީ ރާއްޖޭގައި މިހާތަނަށް ހޭދަކުރި އެންމެ ބޮޑު ބަޖެޓު ކަމަށެވެ.
"ބާކީ [ބަޖެޓު ދިރާސާކުރުމުގެ މަސައްކަތަށް] މިއޮތީ 14 ވަރަކަށް ދުވަސް. ކިހިނެއްތޯ އެއޮށް ބޮޑު ބަޖެޓު ދިރާސާކޮށް 14 ދުވަހުގެ ތެރޭގައި ބަޖެޓު ފާސްކޮށް ހުރިހާކަމެއް ކުރާނީ،" އަބްދުލްގަފޫރު ވިދާޅުވި އެވެ.
"އެހެން ގޮސް 10 ވަރަކަށް ދުވަހަށް ވުރެ ކުޑަވީމަ އަޅުގަނޑުމެންނަށް މި ކަންކަން ހިނގައިގަންނާނީ. އޭރުން ބުނާނެ ވަގުތެއް ނެތޭ މިވެނި ދުވަހަކަށް ފާސްކުރަންޖެހެޔޭ. އެހެންވީމަ އެއަށް ބަލަންވާ ވަރަށް ނުބެލި، އެއްވެސް ކަމެއް އުސޫލުން ނުގެންގޮސް، ކުރު ގަޅުވާލައިގެން ފާސްކުރަން މަޖުބޫރުވާ ހާލަތަށް އެގެންދަނީ. އެއީ މައިގަނޑު އޭގެ ބޭނުމަކީ."
އޭނާ ވަނީ ބަޖެޓު ފޮތް ލަސްކުރަނީ ގަސްތުގައި، ކަންކަން ހާމަނުކޮށް ސިއްރުކުރަން ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި ސަރުކާރުގެ އަމަލުތައް ހުރީ ވައްކަން ކުރުމަށް އާންމުކޮށް ގެންގުޅޭ އުސޫލާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރު ރަނގަޅަށް ހިނގަމުން އައި ނަމަ މި ދުވަސްތައް ކަނޑައެޅިފައި ހުރީ، ކަން ކުރަންވީ ގޮތް ލިޔެފައި ހުރީ. އެހެންވީމަ އެއާ އެއްގޮތަކަށް ނޫން ގޮސްފައި އެ ހުރީއެއް. އެއީ ގަސްތުގާ ނުގެންދަނީ. ނުގެންދިއުމުގެ ބޭނުމަކީ އެ ދިރާސާކޮށް އެއާ މެދު ބަހުސްކޮށް ވަގުތު ލިބިގެން އެކަން ކުރަން ފުރުސަތު ނުދިނުން،" އަބްދުލްގަފޫރު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ބަޖެޓު ފޮތް ނުލިބޭތީ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ވެސް އެމްޑީޕީގެ މެންބަރުން ވަނީ މިދިޔަ ހޯމަ ދުވަހު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެމްޑީޕީން ބުނީ ބަޖެޓު ފޮތް ދެތިން ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ބަޖެޓު ހުށަހެޅި ދުވަހު ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ޕީއޭންސީގެ މެންބަރުން ވިދާޅުވީ:
-
ދައުލަތުގެ ހަރަދަށް ޒިންމާވުމާ ގުޅޭ ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުން، ބަޖެޓު ފޮތް މަޖިލީހަށް ފޮނުވަން ޖެހެނީ، ބަޖެޓު ހުށަހެޅުމާ އެކު އޭގެ އިބްތިދާއީ ބަހުސް ފަށަން އޮންނަ ތާރީހާ ދެމެދުގެ ތާރީހެއްގައި
-
އިބްތިދާއީ ބަހުސް ފަށާނެ ތާރީހެއް އަދި ކަނޑައެއް ނޭޅޭ
އަބްދުލްގަފޫރު އެ ދުވަހު ވިދާޅުވީ:
-
ބަޖެޓު ހުށަހަޅާފައިވަނީ ގާނޫނާ ހިލާފަށް
-
އެގޮތުން ކައުންސިލްތަކަށް ބަޖެޓު ކަނޑައަޅާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަކަށް ނޫން
-
ކައުންސިލްތަކުގެ ބަޖެޓުން %30 ހުރީ އުނިކޮށްފައި
-
ގާނޫނުގައި އޮންނަނީ ކޮންޓިންޖެންސީ ބަޖެޓުން ލައިގެން ހަމަކުރާ ގޮތަކަށް ނޫން
އެނގުން މުހިންމު - ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައަޅާފައިވާ ބްލޮކް ގްރާންޓު ގާނޫނުގައިވާ ގޮތަށް ދިނުމަށްޓަކައި މަދުވާ ބައި، ކޮންޓިންޖެންސީ ބަޖެޓުން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހުގައި އެދިވަޑައިގެން، ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ.