ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
48 ގަޑިއިރުން މަސްވެރިންނަށް ފައިސާ ދޭން ވީ ވައުދު ހަނދާން އެބަހުރި، ނުފިލާނަން: ޝިޔާމް
މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދު ހަނދާން އެބަހުރި ކަމަށާއި އެއީ ސަރުކާރުން ފިލާނެ ވައުދެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި ސަރުކާރަށް އެއް އަހަރު ވާން ކައިރިވެފައިވާއިރު މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޭނެ ކަމަށް ވެފައިވާ ވައުދު ނުފުއްދި އޮތީ ކީއްވެތޯ ނޫސްވެރިޔަކު ވަނީ ސުވާލުކޮށްފަ އެވެ.
ނޫސްވެރިޔާ ފާހަގަކުރީ އެ ވައުދު ނުފުއްދި، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިން އަތުން ދަރަންޏަށް މަސް ކިރުމަށް ފަހު ފައިސާ ނުދީ ބައެއް ފަހަރު ދިގުލައިގެންދިއުމާއި ބައެއް މަސްތަކުގައި މަހު މުސާރަ ދޭ އުސޫލުން ވެސް ފައިސާ ދެމުންދާ މައްސަލަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މީގެ ކުރިން އައި ސަރުކާރުތަކުން ވެފައިވާ ބައެއް ވައުދުތައް ހަނދާން ވެސް ނުހުންނަ ކަމަށާއި ނަމަވެސް މަސްވެރިންނަށް ވީ ވައުދަކީ މި ސަރުކާރުން ފިލާނެ ވައުދެއް ނޫން ކަމަށެވެ.
ބުނީ ކީކޭ؟ - "[މަސްވެރިން ކިރާ މަހަށް] 48 ގަޑިއިރު ތެރޭގައި ފައިސާ ދޭން އެއީ މި ސަރުކާރުގެ ވައުދެއް. އަޅުގަނޑު ކުރިން ދުވަހު ވެސް ދެންނެވިން، އެއީ އަޅުގަނޑުމެން ފިލާނެ ވައުދެއް ނޫން ޔަގީނުން ވެސް،" ޝިޔާމް ވިދާޅުވި އެވެ.
"ސަރުކާރުތަކުގެ ވައުދުތައް އެބަހުރޭ، ބައެއް ސަރުކާރުތަކުން މިސާލަކަށް ނިމިދިޔަ ސަރުކާރުން ބައެއް ވައުދުތައް ހަނދާން ވެސް ނުހުރޭ. ސަރުކާރު ނިމިގެންދިޔަ އިރު ވެސް އެ ވައުދުތައް ނުފުއްދި ހުރިކަން ފާހަގަކުރެވޭ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަރުކާރުގައި ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއް ވަކިން ހާއްސަކޮށް މަސްވެރިކަމާ ގުޅޭ ވައުދެއް ނުފުއްދާ އަޅުގަނޑުމެން ނުތިބޭނަން."
ތަފްސީލު - ނަމަވެސް، ސަރުކާރަށް އެ ވައުދު ނުފުއްދި އަހަރެއް ވާން އުޅޭކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ވައުދު ފުއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަަތްތައް އެބަހުރި ކަމަށެވެ. މިސާލެއްގެ ގޮތުގައި ދެއްކެވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބެކްލޮގެވެ.
ޝިޔާމް ވިދާޅުވީ އެ ފައިސާ ދެއްކުމަށާއި އެހެން ހަރަދުތައް ހަމަޖައްސައި އާމްދަނީ ހޯދަން ކުރީގެ ސަރުކާރުން ފައިސާ ޗާޕުކުރުން ނޫން ގޮތެއް ރާވާފައި ނެތް ކަމަށެވެ. ނަމަވެސް އެކަމުގެ ގެއްލުން ބޮޑުވުމުން މި ސަރުކާރުން ފައިސާ ޗާޕުނުކުރަން ނިންމި ކަމަށާއި އެ ނޫން ގޮތްގޮތުން އާމްދަނީ ހޯދައިގެން ބެކްލޮގް ސާފު ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެކަން ވެސް މި ސަރުކާރުން ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އަރާ [ކުރީގެ ސަރުކާރުން] ފައިސާ ޗާޕުކޮށްގެން ކީއްވެގެންބާއޭ، މަސްވެރިންނަށް އެހާ ބޮޑު ބެކްލޮގެއް އޮތްއިރު، ފައިސާ ނުދެއްކީ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކަންކަން މިހެން ހުރުމާ އެކު، މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ކަމަށެވެ. އެގޮތުން ފާހަގަކުރެއްވި ކަންތައްތަކަކީ:
-
ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުން
-
މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރުން؛ އެކަން ކުރުމުގައި މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދިނުން ހިމެނޭ
-
މިފްކޯގެ ހިންގުން ހަރުދަނާ ކުރުން
"އިރާދަކުރެއްވިއްޔާ 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ މި ވައުދަކީ ލަސްތަކެއް ނުވެ ފުއްދާނެ ވައުދެއް. އެ އަމާޒަށް އެއް އަހަރު ތެރޭގައި މަސައްކަތް ކޮށްފިން. އެއް އަހަރު ތެރޭގައި އެކަން ނުކުރެވުނީ މާލީ އުނދަގޫ [ކުރިމަތިވުމުން]،" ޝިޔާމް ވިދާޅުވި އެވެ.
"އެ ވައުދު ފުއްދުމުގެ ކަންތައްތައް މިހާރު ވެސް އަޅުގަނޑުމެން މި ކުރަނީ. މިފްކޯ އާއި ފިނޭންސް އާއި އަޅުގަނޑުމެންނާ އެކީގައި. އަދި އެސްޓީއޯ އާއި ބީއެމްއެލްއާ އެކީގައި ވެސް މަސައްކަތްތަކެއް އެބަކުރެވޭ އެކަމުގައި ފަސޭހަ މަގެއް އަޅުގަނޑުމެންނަށް ހޯދަން."
އޭނާ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ ބޮޑު މާލީ އުނދަގުލުގައި ސަރުކާރެއް އުޅުނު ދުވަހެއް އޮތްހެން ހީނުވާ ކަމަށެވެ. ބިލުތަކަށް ފައިސާ ދައްކަމުން ލޯނުތަކަށް ފައިސާ ދައްކަމުން އަންނަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ.
ކޮމެންޓް