ޖޫން 29، 2023: އިދިކޮޅު ޕީޕީއެމް-ޕީއެންސީން 'އިންޑިއާ އައުޓް' ދިދަތަކާއެކު ބޭއްވި އެއްވުމެއް: ސަރުކާރުން އެ ކެމްޕެއިން ހިންގުން މަނާވާ ގޮތަށް ނެރުނު ގަރާރު ބާތިލްކުރަން ޔާމީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއް ބޭރުކޮށްލި (ދައުރ ފޮޓޯ/ މުޒައްޔިން ނާޒިމް)
ޔަމީންގެ ވަކީލުން ހާޒިރުނުވުމުން އިންޑިއާ އަައުޓް ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ސަރުކާރުގައި ފެއްޓެވި "އިންޑިއާ އައުޓް" ކެމްޕެއިން ނުހިންގޭ ގޮތަށް އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލުކުރުމަށް ސިވިލް ކޯޓަށް އެ މަނިކުފާނު ހުށަހެޅުއްވި މައްސަލަ އެ ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ.
ވީކިހިނެއް؟ - އިއްޔެ މެންދުރު ފަހު 1 ޖަހާއިރަށް އަޑުއެހުމަށް ހާޒިރުވުމަށް، ޔާމީން އައްޔަންކުރައްވާފައިވާ ވަކީލަށް ކޯޓުގެ ޗިޓު ރައްދުވި ނަމަވެސް ކޯޓުގެ އަމުރާ އެއްގޮތަށް އިއްޔެގެ އަޑުއެހުމަށް ހާޒިރުވެފައިނުވާ ކަން ސިވިލް ކޯޓުން ކުރި ހުކުމުން އެނގެ އެވެ.
ތަފްސީލް - ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ނިންމާފައިވަނީ އަޑުއެހުމަށް ޔާމީންގެ ވަކީލުން ހާޒިރުނުވުމުން، އެމަނިކުފާނު ދައުލަތާ ދެކޮޅަށް ކުރައްވާ ދައުވާ ބާތިލުކޮށް، ކޯޓުން މައްސަލަ ބޭރުކޮށްލުމަށެވެ. އެ ގޮތުން:
-
އަމިއްލަ ބާރު ނުފޯރާ، ކޯޓަށް ބަލައިގަނެވޭނެ ސަބަބެއް މެދުވެރިވެގެން ނޫން ގޮތަކަށް، އަމުރުގައިވާ ތާރީހާއި ގަޑިއަށް ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ ދައުވާ ބާތިލުކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށް ކޯޓުގެ ގަވާއިދުގައި ބުނޭ
-
ޔާމީނުގެ ވަކީލުން މަގުބޫލު އުޒުރެއް ނެތި، ކޯޓު އަމުރުގައިވާ ތާރީހާއި ގަޑިއަށް ހާޒިރުނުވާތީ، ކޯޓުގެ ގަވާއިދުގެ އެ ބަޔަށް ހަވާލާދީ މައްސަލަ ބޭރުކޮށްލުމަށް ނިންމާ ކަމަށް
ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އަބްދުއްނާސިރު ޝަފީގެވެ.
ފަސްމަންޒަރު - ކުރީގެ ރައީސް ސޯލިހުގެ އެ ގަރާރަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް އޮތް ގަރާރެއް ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ބުނަމުން ދިޔަ އެވެ. ކޯޓަށް މައްސަލަ ހުށަހެޅީ ވެސް އެހެން ބުނެ އެވެ.
މި ސަރުކާރު އައި ފަހުން ވެސް އެ ގަރާރު ރައީސް މުހައްމަދު މުއިއްޒު ބާތިލުކުރައްވާފައި ނުވާތީ، ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވެ އެވެ.
ކޮމެންޓް