މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ބޭރު ފައިސާ އެންމެ ގިނައިން ވައްދާ ދާއިރާއަކަށް މެރިކަލްޗާ ހަދަނީ
ރާއްޖެއަށް ބޭރު ފައިސާ އެންމެ ގިނައިން ވައްދާ ސިނާއަތަކަށް މެރިކަލްޗާ ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ މެންބަރުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ތަފްސީލް - މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މެރިކަލްޗާ ސިނާއަތަކީ ފައިދާ ނެރެވޭނެ ސިނާއަތެއް ކަމަށް ގަބޫލުުކުރާ ކަމަށެވެ.
"މެރިކަލްޗާގެ ސިނާއަތް މިއަދާހަމައަށްވެސް މިއޮތީ ވަރަށް އިންފަންޓް ސްޓޭޖެއްގައި، ވަރަށް ޅަފަތުގައި މިއޮތީ، އަނެއްހެން ދަންނަވާ ކަމަށްވަންޏާ ކޮމިއުނިޓީ ސްކޭލްގައި މިއޮތީ، އަޅުގަނޑުމެންގެ އަމާޒަކީ އެ ސިނާއަތް ކޮމާޝަލް ސްކޭލަށް ގެނެސް ކުރިން ދެންނެވިހެން މިގައުމަށް ވައްދާ އާމްދަނީ ވަކިން ހާއްސަކޮށް ބޭރު ފައިސާގެ ގޮތުގައި ވައްދާ އާމްދަނީ އެންމެ ގިނައިން ވައްދާ ސިނާއަތަކަށް މެރިކަލްޗާގެ ސިނާއަތް ހެދުން،" ޝިޔާމް ވިދާޅުވި އެވެ.
އެގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދެއް މެރކަލްޗާ ކުރުމަށް ކެބިނެޓުން ފާސްކޮށްފައިވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިވަގުތު އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަކީ މިކަރުދާހާ ގުޅިގެން ފާސްކުރަންޖެހޭ ގަވާއިދުތައް ގާނޫނަކަށް ގެންނަންޖެހޭ ބަދަލެއް ވިޔަސް އެ ބަދަލުތައް ގެންނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ އެ މަސައްކަތަށް ހުޅުވާލާނީ އެ މަސައްކަތް ކުރާ އެހެން ގައުމުތަކަށްވެސް ވާދަކުރެވޭނެ ފަދަ ލުއިތަކަކާ އެކު ކަމަށެވެ.
"ބޭރުގެ އިންވެސްޓަރުން އިރާދަކުރެއްވިއްޔާ ދޮރުބުޑުގައި ޓަކި ޖަހާލަ ޖަހާލައި އެބަތިބި،"
"އިރާދަކުރެއްވިއްޔާ މި ސިނާއަތް ވެގެންދާނެ ދިވެހިރާއްޖެ ބަދަލުކުރާނެ ދިވެހިރާއްޖޭގެ އިގްތިސޯދު ބަދަލުކުރާނެ ސިނާއަތަކަށް،" ޝިޔާމް ވިދާޅުވި އެވެ.
ކޮމެންޓް (1)
ސަން