ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ސަޕްލިމެންޓަރީ ބަޖެޓެއް ބޭނުންވާ ވަރުގެ ހާލަތެއް ނެތް؛ އެއީ ހުސް ދަޅަ: ޔާމީން
މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް އިތުރު 5 ބިލިއަން ރުފިޔާ ހިމަނަން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓްގައި އޮތީ ހުސް ދަޅަ އާއި އޮޅުވާލުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ މެޖޯރިޓީ ނެތް ކުރީގެ މަޖިލީހުން ފާސްކުރި 50 ބިލިއަން ރުފިޔާގެ ބަޖެޓުން ދައުލަތުގެ ހަރަދުތައް މުޅި އަހަރަށް ނުކުރެވޭނެ ކަމަށް ފެނިގެން މިއަދު 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅި އެވެ.
މިއަދުު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ބަހާލާފައިވަނީ:
-
ޕީއެސްއައިޕީ މަޝްރޫއުތަކަށް: 2 ބިލިއަން ރުފިޔާ
-
އެސްއޯއީތަކަށް: 441.1 މިލިއަން ރުފިޔާ
-
ކޮންޓިންޖެންސީ ބަޖެޓަށް: 650 މިލިއަން ރުފިޔާ
-
ސްޓޫޑެންޓް ލޯނަށް: 458 މިލިއަން ރުފިޔާ
-
މެޑިކަލް ކޮންސިއުމެބަލްސްއަށް: 200 މިލިއަން ރުފިޔާ
-
ބޭސް ފަރުވާގެ އެހީއަށް: 262.6 މިލިއަން ރުފިޔާ
-
ސަބްސިޑީއަށް: 1.02 ބިލިއަން ރުފިޔާ
-
މުސާރަ އާއި އުޖޫރައަށް: 24.4 މިލިއަން ރުފިޔާ
ބުނީ ކީކޭ؟ - ޕީއެންއެފްގެ އޮފީހުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓުން އެމަނިކުފާނަށް ފެނިވަޑައިގަތީ މުޅިން ވެސް އޮޅުވާލުންތަކެއް ކަމަށެވެ.
"ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް އެބަ އޮތް ނުވަ ބިލިއަނެއްހާ ރުފިޔާ ޖަހާފައި. އެ ފައިސާ ހަރަދުކުރާ ތަނެއް ނުފެނޭ ރަށްރަށަކުން. ދެން އެ ފައިސާ ހުސްވަނީ ކަމަށް ބަލާފައި އިތުރުކުރާ ދެ ބިލިއަން ރުފިޔާ. މި އޮތް ދެ މަހުން ދެ ބިލިއަން ރުފިޔާއެއް، އެ ވަރަކަށް ހަރަދުކުރާނެ ގޮތެއް ނުފެނޭ،" ޔާމީން ވިދާޅުވި އެވެ.
ކުއްލިއަކަށް ދިމާވެދާނެ ކަމަކަށް ކޮންޓިންޖަންސީ ބަޖެޓެއް ހުށަހަޅާއިރު, ކުރިން ފާސްކުރި ކޮންޓިންޖަންސީ ބަޖެޓަށް ވީ ގޮތް ވެސް ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރިން އޮތް ބަޖެޓުން ކޮންޓިންޖަންސީއަށް ހަރަދުކުރަން ޖެހޭ ވަރު ބޮޑެތި ކަންކަން ހިނގި ތަނެއް ނުފެންނަ ކަމަށް ޔާމީން ވިދާޅުވި އެވެ.
ކުންފުނިތަކަށް ސަބްސިޑީ ދޭން ވެސް އޮތީ އެންމެ ހާލަތެއް ކަން ފާހަގަކުރައްވާ ވިދާޅުވީ އެއީ މަސްވެރިންނަށް ނުދީ އޮތް ފައިސާ ދެއްކުން ކަމަށެވެ.
އެކަމަކު އެއަށް ވުރެ އިތުރަށް ފައިސާ ހޯދަނީ މަސްވެރިންނަށް ފައިސާ ދިނުމަށް ވުރެ, ސަރުކާރުން ވަކިކުރާ ސިޔާސީ މުވައްޒަފުންނަށް ކުންފުނިތަކުން ވަޒީފާ ހަމަޖައްސައިދޭން ކަމަށް ތުހުމަތު ކުރެއްވި އެވެ.
"ސަރުކާރުން މި ހުރި ކަންކަމަށް ޖަވާބުދާރީވާން ޖެހޭ. ރަނގަޅު އެކްސްޕްލެޝަނެއް ދޭން ޖެހޭ. އަދި މި ފެންނަނީ ހަމަ ހުސް ބްލަފް [ދަޅަ ދެއްކުމާއި އޮޅުވާލުން]" ޔާމީން ވިދާޅުވި އެވެ.
"މިއީކީ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދޭން ހުށަހަޅާ ބަޖެޓެއް ނޫން. ބަޖެޓަކަށް އެދޭކަށް ގާނޫނީ އަދި އިގުތިސާދީ އެއްވެސް ސަބަބެއް ނެތް."
ކޮމެންޓް (1)
ވިނަވި