މީގެ ކުރިން ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމެއް: މިއަދު ބޭއްވި ބައްދަލުވުމުގައި ސަރުކާރަށް ސިޓީ ކައުންސިލްގެ އޮފީސް ޖާގައެއް ހިލޭ ދިނުމަށް ފާސްކުރި (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

ވިލިމާލޭގައި ހަދާ ސިޓީ ކައުންސިލްގެ އިމާރާތުގެ ބުރިއެއް ސަރުކާރަށް ހިލޭ ދެނީ

ސިޓީ ކައުންސިލްގެ ވިލިމާލޭ އޮފީސް ހަދަނީ ފަސް ބުރިއަށް؛ ސަރުކާރުން އެދިގެން ފާސްކުރީ އެންމެ ތިރީ ބުރި ދިނުމަށް
23 އޮކްޓޯބަރު 2024

ވިލިމާލޭގައި ގާއިމުކުރާ މާލޭ ސިޓީ ކައުންސިލްގެ އިމާރާތުގެ އެންމެ ތިރީ ބުރި އިމިގްރޭޝަނަށާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ އާންމު ހިދުމަތްތައް ދިނުމަށް ހިލޭ ދޫކުރުމަށް ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

ވީކިހިނެއް؟ - އިމިގްރޭޝަނުގެ ޕާސްޕޯޓު ހިދުމަތާއި ޑީއެންއާރުގެ އައިޑީ ކާޑު ފަދަ ހިދުމަތްތައް ވިލިމާލޭން ދެވޭ ގޮތަށް، ސިޓީ ކައުންސިލުން ގާއިމުކުރާ ފަސް ބުރީގެ އިމާރާތުގެ އެންމެ ތިރީ ބުރި ދިނުމަށް އެދި ކައުންސިލަށް ރައީސް އޮފީހުން ސިޓީއެއް ފޮނުވި އެވެ.

ތަފްސީލް - ކައުންސިލުން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު އަރީޝް ފާހަގަކުރެއްވި ގޮތުގައި:

  • ސަރުކާރުން އެދުނީ 2000 އަކަފޫޓަށް ވުރެ ބޮޑު ނުވާ ގޮތަށް އޮފީސް ޖާގައެއް ވިލިމާލޭގައި ހަދާ ކައުންސިލްގެ އިމާރާތުން ދިނުމަށް

  • ވިލިމާލޭ އޮފީސް އިމާރާތުގެ ކޮންމެ ބުރިއަކީ ގާތްގަނޑަކަށް 2000 އަކަފޫޓު؛ ސަރުކާރުން އެދިގެން ހުށަހެޅީ އެންމެ ތިރީ ބުރި ދިނުމަށް

  • ސަރުކާރުން އެދިފައިވަނީ ކުއްޔަށް ދޭން ނުޖެހޭ ގޮތަށް ދިނުމަށް؛ އެކަމަކު މާރާމާތާއި އެހެނިހެން ހަރަދުތައް ސަރުކާރުން ކުރަން ޖެހޭ ގޮތަށް

  • އިމިގްރޭޝަނާއި ޑީއެންއާރުގެ ހިދުމަތްތައް ހިމެނޭ ގޮތަށް ސަރުކާރުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓަރެއްގެ ގޮތުގައި ހިންގަން ކޮންސްޓްރަކްޝަންސް މިނިސްޓްރީއަށް ދޫކުރުމަށް

ކީކޭ ބުނީ؟ - "އަޅުގަނޑުމެންގެ ފަރާތުން މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ވާހަކަ ދަންނަވަން" އަރީޝް ވިދާޅުވި އެވެ.

ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެކަމާ ދެކޮޅަށް ވޯޓު ދެއްވީ، ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ފާތިހު އެކަންޏެވެ.

އެ ބައްދަލުވުމުގައި ސައިފު ކަންބޮޑުވުން ފާޅުކުރެއްވީ އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކައުންސިލަށް ލިބޭ އޮފީސް ޖާގައެއް ސަރުކާރަށް ދޫކޮށްލާތީ އެވެ. ކައުންސިލްގެ ހިދުމަތްތަކާއި އިދާރީ ކަންކަން ހިންގަނީ ކުއްޔަށް އެކި ތަންތަން ނަގައިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ސިޓީ ކައުންސިލްގެ ހާދަ ގިނަ ޑިޕާޓްމަންޓްތަކެއް، މާލޭގެ އެކި ކޮށިކޮށިން ކުއްޔަށް ޖާގަ ހިފައިގެންނޭ މި ހިންގަނީ. ކުއްޔަށް އެބަ ހިނގާ ބޮޑު ހަރަދެއް. މި ޖަލްސާ ބާއްވާ ޖާގައަކީ ވެސް ސަރުކާރު ކުންފުންޏަކުން ކުއްޔަށް ހިފައިގެން ހިންގާ ތަންކޮޅެއް،" އޭނާ ވިދާޅުވި އެވެ.

ސައިފު ވިދާޅުވީ ވިލިމާލޭގައި މިފަދަ އާންމު ހިދުމަތްތައް ދެވޭ ގޮތް ހަމަޖައްސައި ރައްޔިތުންނަށް ލުޔެއް ލިބުމަކީ އޭނާ ވެސް ބޭނުންވާ ކަމެއް ކަމަށެވެ. އެކަމަކު އެހާ ދަތިކޮށް ކައުންސިލް ހިންގަމުން، އެއްވެސް އަގެއް ސަރުކާރުން ނުލިބޭ ގޮތަށް ދިނުން ހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގްރައުންޑް ފްލޯ އެއްކޮށް ދީފައި އަޅުގަނޑުމެންނަށް ކައުންޓަރެއް ބަހައްޓާނެ ޖާގައެއް ވެސް ނެތިއްޔާ، ކީއްކުރަންތޯ އަޅުގަނޑުމެން ބަޔަކަށް އިމާރާތެއް މި އަޅައިދެނީ، [ކުއްޔަށް ހިފައިގެން ހިންގާ] މިއިން ޑިޕާޓްމަންޓެއް ގެންގޮސް ވެސް ބަހައްޓާނެ ޖާގަ މި ނަގައިލަނީ،" ސައިފް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - މި ބައްދަލުވުން ބޭއްވި އިރު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މޭޔަރު އާދަމް އާޒިމާއި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހުންނެވީ ރަސްމީ ދަތުރެއްގައި އިންޑިއާގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް