ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު. (ފައިލް ފޮޓޯ/ޕީއެސްއެމް)

އަބްދުﷲ ޖިހާދު

ޖިހާދުގެ ދައުވާ ބޭރުކޮށްލި މައްސަލަ ޕީޖީން އަލުން ހައި ކޯޓަށް ހުށަހަޅައިފި

ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ
16 އޮކްޓޯބަރު 2024

ކ. ފުށިދިއްގަރު ފަޅު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ ނިންމުމުގެ އިސްތިއުނާފު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖ) އޮފީހުން އިއްޔެ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ޖިހާދަށް ޗިޓު ރައްދު ނުކުރެވިގެން ކޯޓުން ވަގުތީ ގޮތުން މައްސަލަ އަނބުރާ ފޮނުވާލި އެވެ. އޭރު މައްސަލަ ފޮނުވާލީ، ޖިހާދަށް ޗިޓު ރައްދުކުރެވޭނެ ގޮތް ސާފުކުރުމަށް ފަހު މައްސަލަ އަލުން ހުށަހެޅޭ ގޮތަށް 15 ދުވަހުގެ ފުރުސަތެއް ޕީޖީ އޮފީހަށް ދީފަ އެވެ.

އޭރު ޖިހާދު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. ނަމަވެސް މިހާރު އޭނާ ރާއްޖެ ވަޑައިގެން އެބަ އުޅުއްވަ އެވެ. ސަރުކާރުގެ ކުންފުންޏެއްގެ އިސް މަގާމެއްގައި ހުންނެވި ޖިހާދު ސަރުކާރުގެ ބައެއް ރަސްމިއްޔާތުތަކުން ވެސް ފެނިފައިވެ އެވެ.

ކީކޭ ބުނީ؟ - ޖިހާދު ރާއްޖެ ވަޑައިގެން އުޅުއްވާތީ ސުވާލުކުރުމުން، ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު 'ދައުރު'އަށް ވިދާޅުވީ އޭނާ ރާއްޖޭގައި ހުންނެވި ކަމާއި ދިރިއުޅުއްވާ އެޑްރެސްގެ މައުލޫމާތާ އެކު އިއްޔެ އަލުން ހައި ކޯޓަށް އިސްތިއުނާފުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

"އިއްޔެ އަލުން އިސްތިއުނާފު ހުށަހަޅާފައިވާނެ، މިހާރު ޖިހާދު ރާއްޖޭގައި ހުންނެވުމުން އެ މައުލޫމާތުތަކާ އެކު،" ޝަފީއު ވިދާޅުވި އެވެ.

ދައުވާކުރި މައްސަލަ - ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ގޮތުން:

  • އޭރު އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު.

  • ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް، ކެބިނެޓުން އޭރު ނިންމީ ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން.

  • ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ޖިހާދު ސޮއިކުރެއްވީ، ސަރުކާރުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް

  • ސަރުކާރާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ސޮއިކުރީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު.

ފަސް މަންޒަރު - ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ 25 ޖުލައިގަ އެވެ. ހައި ކޯޓުގައި ދައުލަތުން އެ ނިންމުން އިސްތިއުނާފް ކުރީ މިދިޔަ މަހުގެ 29ގަ އެވެ. މި މަހުގެ 11ގައި މައްސަލަ ބަލައި ވެސް ގަތެވެ. އެގޮތުން:

  • މި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުމުގައި.

  • އެ މައްސަލަ ބެލެން ނެތް ސަބަބެއް ކަމަށް ކޯޓުގެ ނިންމުމުގައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އުނިކަމެއް ހުރި ކަމަށް ބުރަވެވޭތީ ކަމަށް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް