ވޭޕްތަކެއް އަތުރާލާފައި (ފައިލް ފޮޓޯ)
ވޭޕް މަނާކުރަން ނިންމުމުން ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފި
ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވުމާ އެކު އެ ކަމަށް، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން މަރުހަބާ ކިޔައިފި އެވެ.
ވީ ކިހިނެއް؟ - ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާ ގޮފިން މިއަދު 'އެކްސް'ގައި ބުނީ ވޭޕް ކުރުމުގެ އާދަ، ޅަފުރާގެ ކުދިންގެ ގައިގާ ކަންބޮޑުވާ ދަރަޖައަކަށް އަށަގަންނަމުންދާ ކަމަށާއި އެހެންވެ، ވޭޕް ބޭނުން ކުރުން މަނާކުރުމަކީ އެކަމާ ދެކޮޅަށް ރާއްޖެއިން އެޅި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
ރައީސް މިދިޔަ ހޯމަ ދުވަހު ނިންމަވާފައިވަނީ:
-
އަންނަ މަހުގެ 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކުރަން
-
ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާކުރަން
ބުނީ ކީކޭ؟ - ޑަބްލިއުއެޗްއޯގެ ޕޯސްޓުގައި ވަނީ ރާއްޖޭގައި ވޭޕްކުރުމުގެ ހާލަތު އޮތް ގޮތަށް އަލިއަޅުވާލާފަ އެވެ. އެގޮތުން، 2019 ވަނަ އަހަރު ހެދި 'ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ'އާ ހަވާލާދީ ބުނީ:
-
އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން %23.1 ފިރިހެން ކުދިން އަދި %10.7 އަންހެން ކުދިން އީ-ސިގިރޭޓް ބޭނުން ކުރޭ
-
އޭގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ޒުވާނުންގެ މެދުގައި ވެސް، އެކި ބާވަތްތަކުގެ އިލެކްޓްޓްރޯނިކް ސިގިރޭޓް ބުއިން ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުން އެބަދޭ
-
މި ފަދަ ހުރިހާ ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް ކެންސަރާއި ފުއްޕާމޭގެ ބަލިތައް ފަދަ ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވާނެ ކަންކަން
ގުޅުން ހުރި - ރާއްޖެއަށް ވޭޕް އެތެރެ ކުރުން މަނާކުރަން ނިންމުމުގެ އިތުރުން ރައީސް ވަނީ، ދުންފަތާ ދެކޮޅަށް ވެސް ހަރުކަށި ނިންމުންތަކެއް ނިންމަވާފަ އެވެ. އޭގެ ތެރޭގައި، ސިނގިރެޓާއި ބިޑިން ނަގާ ޓެކްސް ބޮޑުކޮށް، އެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ބޮޑު ކުރުން ހިމެނެ އެވެ. އެގޮތުން:
-
ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓު 3ރ. އިން 8ރ.އަށް މަތިކުރުން؛ މިއާ އެކު ކޮންމެ ސިނގިރޭޓަކުން 5ރ. ބޮޑުވާނެ
-
މި ބަދަލާ އެކު މިހާރު ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބޭ އަގަށް ވުރެ 100ރ. ބޮޑުވާނެ؛ މިހާރު ފޮއްޓެއް ވިއްކަނީ 100ރ.އަށް ވުރެ ބޮޑު އަގެއްގައި
-
ސިނގިރޭޓާއި މުދަލުން ނަގާ އެޑްވަލޮރަމް ރޭޓު %50 އިން %100އަށް މަތިކުރުން