އުރީދޫއިން ހަދިޔާކުރި 16 މިލިއަން ރުފިޔާގެ އަގުހުރި ސިއްހީ ސާމާނު (ފޮޓޯ/އުރީދޫ)

އުރީދޫ

އެއާ އެމްބިއުލަންސް ހިދުމަތަށް އުރީދޫއިން 16 މިލިއަން ރުފިޔާގެ ސާމާނު ހަދިޔާ ކޮށްފި

އުރީދޫއިން ބުނީ މިއީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، މެޑިކަލް އިމަޖެންސީތަކަށް އިޖާބަ ދިނުން ހަރުދަނާކުރަން ފަރުމާކޮށްފައިވާ ސާމާނުތަކެއް ކަމަށް

ގައުމީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް 16 މިލިއަން ރުފިޔާގެ ހާއްސަ މެޑިކަލް ސާމާނު އުރީދޫ މޯލްޑިވްސް އިން މިއަދު ހަދިޔާކޮށްފި އެވެ.

ތަފްސީލް - އުރީދޫއިން ބުނީ އެ ކުންފުނީގެ އެހީތެރިކަމާ އެކު މި އަހަރުގެ މާޗް 1ގައި ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ސިއްހީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތުގައި ވަރަށް މުހިންމު ހިދުމަތެއްކަން މިހާރު ވެސް ސާބިތުވެފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި:

  • މިދިޔަ މާޗް މަހު އުރީދޫއިން ފޯރުކޮށްދިން ޒަރޫރީ ސާމާނުން މި ހިދުމަތް ކާމިޔާބުކަމާ އެކު ތައާރަފްކުރުމަށް މަގުފަހިކޮށްދިން

  • އެއާ އެމްބިއުލާންސް ހިދުމަތް ފެށީއްސުރެ މިހާތަނަށް 436 ކޭސްގައި، 517 ބަލިލީހުން މިހާރުން މިހާރަށް ބޭނުންވާ ފަރުވާއަށް ގެންގޮސްދެވިފައިވޭ

މި ހިދުމަތުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް އެއާ އެމްބިއުލާންސްގެ ގާބިލްކަން އިތުރުކުރުމަށް މިއަދު ހަދިޔާ ކުރި އިތުރު ސިއްހީ ސާމާނަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހަރުދަނާ ގޮތެއްގައި އިޖާބަ ދިނުމުގެ ގާބިލްކަން ފުޅާކުރުމަށް ފަރުމާކޮށްފައިވާ ބެޗެއް ކަމަށް އުރީދޫއިން ބުންޏެވެ.

އެއާ އެމްބިއުލާންސްއަށް ބޭނުންވާ ސިއްހީ ސާމާނު ހަދިޔާ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/އުރީދޫ)

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ:

  • މިއަދު އުރީދޫއިން އެއާ އެމްބިއުލާންސް ހިދުމަތަށް  ފޯރުކޮށްދިން އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށް

  • ރާއްޖޭގެ ސިއްހީ ހިދުމަތަށް އުރީދޫއިން އިންވެސްޓް ކުރަމުން ގެންދަނީ، ކޮންމެ ދިވެއްސަކަށް ވެސް އަޅާލާ، އަގުވަޒަންކޮށް، ރައްކާތެރިކަން އިހްސާސްކޮށްދީގެން ކަމަށް

"ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަ ބޭފުޅުން (އުރީދޫ) އިން ކަނޑައަޅުއްވައިފި. އަޅުގަނޑުމެން އުންމީދު ކުރަނީ، އެހެން ފަރާތްތަކުން ވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި ތިޔަ ބޭފުޅުން ތިދެއްކެވި ނަމޫނާ ބެއްލެވުން،" ނާޒިމް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދު އަލް-ހަމާދީ ވިދާޅުވީ:

  • މުޖުތަމައުގެ އެންމެ މުހިންމު ބޭނުންތައް ފުއްދުމަށްޓަކައި ޕާޓްނަޝިޕްތައް ވަރަށް މުހިންމު ކަމުގައި އުރީދޫއިން ގަބޫލުކުރާ ކަމަށް 

  • ސިއްހީ ހިދުމަތަކީ އަސާސީ ހައްގެއް ކަމަށް ވުމާއެކު، އެއާ އެމްބިއުލާންސްގެ ހިދުމަތް ފަދަ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާ ގުޅިފައިވާ ކަންކަމުގައި އެހީ ފޯރުކޮށްދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް 

  •  މި އިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް ބެލުމެއްނެތި، ކޮންމެ މީހަކަށް ވެސް ބޭނުންވެއްޖެ ހިނދެއްގައި ނާޒުކު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމެއް ކަމަށް 

"އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމައުތަކާ އެއްބައިވެގެން، ސިއްހީ ހިދުމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި މިފަދަ ހައްލެއް އެންމެ ބޭނުން ޖެހިފައިވާ ދާއިރާއަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ، ހަރުދަނާ ގައުމެއް ބިނާކުރުމަކީ އަޅުގަނޑުމެން އަހައްމިއްޔަތުކަންދޭ ކަމެއް،" އަލް-ހަމާދީ ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްއަށް ބޭނުންވާ ސިއްހީ ސާމާނު ހަދިޔާ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/އުރީދޫ)

ފާހަގަކޮށްލެވޭ - އެންމެ ޒަމާނީ މެޑިކަލް ޑިވައިސްތައް ހިމެނޭ އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ނާޒުކު ހާލަތްތަކުގައި ބަލި މީހުން އުފުލާ ވަގުތު އިމަޖެންސީ ފަރުވާ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހިދުމަތެކެވެ. މި އިތުރު އާލާތްތަކާ އެކު މި ހިދުމަތުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

care@ooredoo.mv
9613929

އިތުރު އާޓިކަލް

އިތުރު އާޓިކަލް