ސަދާ؛ މަރުވީ ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ނިންމާފައިވީ ނަމަވެސް ފުލުހުންގެ ތަހުގީގު ލަސް. (ފޮޓޯ/އާއިލާ)
ހޮސްޕިޓަލްގެ އިހުމާލުން ސަދާ މަރުވިތާ ތިން އަހަރު: ތަހުގީގު ނުނިމި އިންސާފަށް ސަލާންޖެހުމުގައި
ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ސަދާ ސައުދުﷲއަށް ފަރުވާ ދިނުމުގައި އިހުމާލުވި ޑޮކްޓަރުންނާއި ނަރުހުންގެ މައްޗަށް ޖިނާއީ ތަހުގީގު ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ތަހުގީގު ނުނިމޭތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - އޭރު އުމުރުން ހަ އަހަރުގެ ސަދާ މަރުވީ އޮކްޓޯބަރު 3، 2021 ގަ އެވެ. ސަދާ މަރުވިތާ މިއަދަށް ތިން އަހަރު ފުރުނީ އެވެ. އަދިވެސް އިންސާފު ނުލިބޭތީ އާއި ފުލުހުން ހިންގަން ޖެހޭ ތަހުގީގު ނުނިމޭތީ، ކަންބޮޑުވުން ފާޅުކޮށް ސަދާގެ ބައްޕަ ސައުދުﷲ އަހުމަދު މިއަދު ވަނީ އޭނާގެ ޝުއޫރު ފާޅުކޮށްފަ އެވެ.
ކީކޭ ބުނީ؟ - ސައުދުﷲ މިއަދު 'ދައުރު'އަށް ބުނީ އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓްރީންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ތަހުގީގުން ވެސް ނިންމާފައިވާ ކަމެއްގައި ފުލުހުންގެ ތަހުގީގު މިހާ ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އިހުމާލުވި ކަމަށް ތުހުމަތުކުރާ ހަތަރު މީހުންގެ ވެސް ނަމާއެކު، ހެލްތު މިނިސްޓްރީ އާއި އެޗްއާރުސީއެމްގެ ތަހުގީގު ރިޕޯޓްތަކާއެކު ހުށަހަޅާފައިވީ، ނަމަވެސް މައްސަލަ ގޮސްފައިވާ ހިސާބުގެ އެއްވެސް މައުލޫމާތެއް ނުލިބޭ، ތަހުގީގު ނިންމި ކަމުގެ ރިޕޯޓް ނުލިބެންޏާ ބެލޭނީ ތަހުގީގު ނުނިމޭ ކަމަށް،" ސައުދުﷲ ބުންޏެވެ.
ސިވިލް ކޯޓުގައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ މަދަނީ މައްސަލަ ކުރިއަށް ދިޔަ ނަމަވެސް އާއިލާއިން ދެކޭ ގޮތުގައި އިންސާފު ލިބޭނީ އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު ވެސް އެޅިގެންނެވެ. އަދި ނަސޭހަތް ދީފައި ވަޒީފާގައި ތިބެވޭ ގޮތަށް ވުމަކީ ފިޔަވަޅެއްގެ ގޮތުގައި ވެސް ނުދެކޭ ކަމަށް ސަދާގެ ބައްޕަ ބުންޏެވެ.
"މަދަނީ ބައި ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ނަމަވެސް ބޭނުންވަނީ އިތުރު އެހެން މީހަކަށް، ކުޑަކުއްޖަކަށް މިފަދަ ކަމެއް ދިމާނުވުން. އިހުމާލުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައް އަދިވެސް ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތްކުރޭ. އަޅުގަނޑުގެ އާއިލާ މި ދިރިއުޅެނީ ފުވައްމުލަކުގައި. ކޮންމެ ދުވަހަކު ވެސް އެ މީހުން ހޮސްޕިޓަލުން ހިދުމަތް ދޭ ތަން ފެނޭ،" އޭނާ ބުންޏެވެ.
"އަޅުގަނޑު މި ކުރާ ހިތްދަތިކަން، އެހެން މީހަކު ތަހައްމަލު ކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން."
'ބަންޑާރަ ނައިބު އޮފީހުގެ އެއްބާރުލުން ނުލިބޭ'
އިހުމާލު އޮތްކަން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ނިންމާފައިވީ ނަމަވެސް އިހުމާލަށް ބަދަލު ދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން އެއްބާރުލުން ނުލިބުމަކީ، އާއިލާގެ ދެން އޮތް ކަންބޮޑުވުމެވެ.
އެ ގޮތުން މީގެ ކުރިން، ސިވިލް ކޯޓަށް މައްސަލަ ބެލުމުގެ އިހުތިސޯސް ނެތް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅައިގެން ކޯޓުގެ ވަގުތުތައް ބޭކާރު ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ސައުދުﷲ ބުންޏެވެ. އާއިލާއިން މި ކަމުގައި ޒިންމާ ނުނަގަނީއޭ ކިޔައި ދައްކާފައިވާ ވާހަކަތައް ވެސް ސައުދުﷲ ސިފަކުރީ އާއިލާއަށް ކުރި ފުރައްސާރައެއް ގޮތަށެވެ.
"ދައުލަތުން ޝަރީއަތުގެ މަޖިލީހަށް ގޮސް ދެއްކީ ވެސް، އަޅުގަނޑުމެންގެ ބެލެނިވެރިންގެ ފަރުވާކުޑަ ވާހަކަ. ދައުވާކުރަން އަޅުގަނޑުމެން ވަގުތު ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް، ހިއުމިލޭޓްކޮށްލުން ދައުލަތުން ވެސް މި ކުރާ ކަމަކީ، ދެން ދައުލަތުން މި ކުރާ ކަމަކީ ބޭކާރު އިޖުރާއަތްތައް ނެގުން،" އޭނާ ބުންޏެވެ.
"ދައުލަތުން ވަރަށް ބޭއިންސާފުކޮށް، މިފަދަ މައްސަލައެއްގައި ދެވަނަ މީހަކު ނުދާ ވަރުކޮށްލާ ހަމަ، އަޅުގަނޑު ވެސް ކިތަންމެ ދުވަހަކު ހިތަށް އެރި މި ވަރު ކުރާ އިރު ދެން ކީއްކުރަން ހޭ މި ވަރަކުން އުޅެންވީ."
ސަދާ މަރުވި މައްސަލައިގެ ހަބަރުތައް
މައްސަލައިގެ ހުލާސާ - ބަނޑުގައި ރިިއްސައި ހޮޑުލާތީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ސަދާ މަރުވީ 3 އޮކްޓޯބަރު 2021ގައި އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ.
ދެމަފިރިއެއްގެ އޭރު ހުރި ހަމައެކަނި އަންހެން ދަރިފުޅު މަރުވީ ހޮސްޕިޓަލްގެ ފަރުވާކުޑަކަމުން ކަމަށް ބުނެ އާއިލާ އިން ނުރުހުން ފާޅުކޮށް މުޒާހަރާކުރަން ފެށުމުން ހެލްތުން ނިންމީ އެ މައްސަލަ ބެލުމަށެވެ.
ސަދާ މަރުވީ އެ ކުއްޖާގެ ހާލަތު ބެލުމެއް ނެތި ދިން ނުގުޅޭ ފަރުވާތަކެއްގެ ސަބަބުން ކަމަށް ވާތީ އެ ކަމުގައި އިހުމާލުވި އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ފިޔަވަޅު އެޅުމަށް ހެލްތު މިނިސްޓްރީން އަންގާފައިވެ އެވެ.
އެކަމުގައި އިހުމާލުވި ކަމަށް ނިންމާފައިވަނީ ދެ ޑޮކްޓަރުންނާއި، ދެ ނަރުހުންނެވެ.
އެ މައްސަލަ މެޑިކަލް ކައުންސިލުން ރިވިއުކޮށް، އިހުމާލުވި ދެ ޑޮކްޓަރުންގެ ރަޖިސްޓްރޭޝަނާއި ލައިސަންސް ވަނީ ބާތިލްކޮށްފަ އެވެ. އެ ދެ ޑޮކްޓަރުން ވަޒީފާއިން ވަކިކޮށް، އަނބުރާ ގައުމަށް ފޮނުވާލާފައިވާއިރު، ދެ ނަރުހުންނަށް އެޅި ފިޔަވަޅަކީ ނަސޭހަތް ދިނުމެވެ.
އެޗްއާރުސީއެމްގެ ރިޕޯޓް - މި މައްސަލަ ސަދާގެ އާއިލާ އިން އެޗްއާރުސީއެމަށް ހުށަހެޅުމުން، އެ މައްސަލަ ތަހުގީގުކޮށް، 28 އެޕްރީލް 2022ގައި އާއިލާއާ ހިއްސާކުރި ރިޕޯޓުގައި ވެސް ވަނީ، ސަދާއަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވާ ކަން ފާހަގަކޮށްފަ އެވެ.
އެ ރިޕޯޓުގައި ވާގޮތުން:
-
ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން ރަނގަޅަށް ޓެސްޓުނުކޮށް އަދި މެޑިކަލް ހިސްޓްރީ ބަލާފައެއް ނުވޭ
-
ކުއްޖާއަށް ފަރުވާ ދިނުމަށް ޑޮކްޓަރު އިމަޖެންސީ ރޫމަށް ދިޔައީ ވެސް 30 މިނިޓް ލަހުން ކަމާއި ވަގުތުން ފަށަން ޖެހޭ 'ފްލުއިޑް ތެރަޕީ' ވެސް ފެށީ ގަޑިއިރެއް ފަހުން
-
ކުއްޖާ މަރުވުމާ ހަމައަށް ވެސް ނަރުހުން ވިންދު ޗެކްކޮށްފައެއް ނުވޭ
-
ލެބޯޓަރީ ތަހުލީލުތަކުގައި ހުންނަން ޖެހޭ ރޭންޖަށް ވުރެ ދަށް ނުވަތަ މަތިވެފައި ވާ ނަމަ، ލެބޯޓަރީ ޓެކްނީޝަން އެކަން ޑޮކްޓަރަށް އަންގަން ޖެހުނު ނަމަވެސް އެކަން ކޮށްފައެއްނުވޭ
ފާހަގަކޮށްލެވޭ ކަމެއް - އަންހެން ދަރިފުޅުގެ ހަނދާނުގައި ސައުދުﷲ އާއި އޭނާގެ އަންހެނުން މިހާރު އަންނަނީ، ފުވައްމުލަކުގައި ކްލިނިކެއް ހިންގަމުންނެވެ. އެ މީހުންގެ މަގްސަދަކީ ވެސް ދަރިފުޅަށް ދިމާވި ފަދަ ކަަމެއް އިތުރު މީހަކަށް ދިމާ ނުވެ، އެންމެ ރަނގަޅު ފަރުވާ ރަށުގައި ހުރެގެން ހޯދުމެވެ.
ކޮމެންޓް (1)
އިންސާނެއް