1 އޮކްޓޯބަރު 2024: ޕީޖީ އައްބާސް ޝަރީފް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މަސްލަހަތު ފުށުއަރާ ނަމަ ޔާމީންއާ ގުޅޭ އެއްވެސް މައްސަލައެއްގައި ގޮތެއް ނިންމުމަށް ބައިވެރިއެއް ނުވާނަން: އައްބާސް
މަސްލަހަތު ފުށުއަރާ ނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭގޮތުން ކޯޓުތަކުގައި ހިނގަމުންދާ އެއްވެސް މައްސަލައެއްގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމާ ނިންމުންތަކުގައި ބައިވެރިނުވާނެ ކަމަށް ޕީޖީ އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އައްބާސް މިހެން ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ސުވާލަކީ އައްބާސްއަކީ ކޯޓުތަކުގައި ހިނގި ބައެއް މައްސަލަތަކުގައި ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރި ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ، މިހާރު ކޯޓުތަކުގައި ހުރި ޔާމީންގެ މައްސަލަތަކުގައި ޕީޖީ އޮފީހުން ނިންމާ އެއްވެސް ނިންމުމަކުން ތަނާޒުލްވެވަޑައިގަންނަވާނަންތޯ އެވެ.
ތަފްސީލް - ޖަވާބުގައި އައްބާސް ވިދާޅުވީ އޭނާ އެއްވެސް އިރެއްގައި ޔާމީންގެ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުގައި ވަކާލާތު ކުރެއްވި ހަނދާނެއް ނުވާ ކަމަށާއި އޭރު ބައެއް މައްސަލަތަކުގައި ކޯޓަށް ވަޑައިގަތީ ޕީޕީއެމްގެ ފަރާތުން، ޕާޓީގެ ވަކީލެއްގެ ހައިސިއްޔަތުން ކަމަށެވެ.
އޭނާ ވިދާޅުވީ، އެކަން ޔަގީން ކުރުމަށްޓަކައި، ކޯޓުތަކުގައި ވަކާލާތު ކުރައްވާފައިވާ ގޮތުގެ ރެކޯޑު ބައްލަވާނެ ކަމަށެވެ. އަދި މައްސަލަހަތު ފުށުއަރާ ކަމެއް އޮތް ނަމަ ތަނާޒުލްވެވަޑައިގަންނަވާނެ ކަމަށާއި އޭރުން ޔާމީންއާ ގުޅުންހުރި މައްސަލަތަކުގައި ޕީޖީ އޮފީހުން ނިންމާ އެއްވެސް ނިންމުމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - "[ޔާމީންގެ ވަކީލެއްގެ ހައިސިއްޔަތުން] އަޅުގަނޑަށް ކޯޓަށް ދެވިފައި ހުރި ކަމަށްވާ ނަމަ އަޅުގަނޑު ތަނާޒުލްވާންޖެހޭ ހާލަތެއް އަންނާނެ އެހެންނޫންތޯ. އެ ހާލަތުގައި އަޅުގަނޑު ތަނާޒުލް ވާނަން. އޭރުން މިހާރު ވެސް މި އޮފީހުގައި އުސޫލެއް ގާއިމުކުރެވިފައި އެބައޮތް ޕީޖީ ތަނާޒުލްވާ ހާލަތުގައި ކަންކުރާނެ ގޮތްތައް. އެ އުސޫލަށް ވެސް އަޅުގަނޑަށް އިތުބާރު އެބައޮތް،" އައްބާސް ވިދާޅުވި އެވެ.
އައްބާސް އިތުރަށް ވިދާޅުވީ:
-
ތަނާޒުލްވިޔަސް މިހާރު ޕީޖީ އޮފީހުގައި އޮތް ނިޒާމުގެ ތެރެއިން ޔާމީންގެ އަދި އެހެން މައްސަލަތައް ވެސް އިންސާފުވެރިކަމާ އެކު ބެލޭނެކަމުގެ %100 އިތުބާރު އެބައޮތް ކަމަށް
-
ޔާމީންގެ އެއްވެސް މައްސަލައެއްގެ އެއްވެސް ނިންމުމެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށާއި އެފަދަ ހާލަތެއް މިދިޔަ ތިން ހަފްތާތެރޭ ނާންނަ ކަމަށް
"އެކަހަލަ ހާލަތެއް މެދުވެރިވެގެން އެފަދަ ނިންމުމެއް ނިންމުމުގައި އަޅުގަނޑު ބައިވެރިވުމުގެ ކުރިއަށް ރިކޯޑު ބަލާފައި ތަނާޒުލްވާންޖެހޭ ހާލަތެއް އޮތް ނަމަ ތަނާޒުލްވާނަން،" އައްބާސް ވިދާޅުވި އެވެ.
ޔާމީންގެ މައްސަލަ އިސްވެ ރިވިއު ކުރުމުގެ ވިސްނުމެއް ނެތް
އައްބާސް ވިދާޅުވީ ޔާމީންގެ މައްސަލަ ވެސް ހިމެނޭގޮތުން، ކުރީގެ ޕީޖީ ހުސެއިން ޝަމީމް ނިންމަވާފައިވާ އެއްވެސް ނިންމުމެއް އިސްވެ ބަދަލުކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅުއްވާ ކަމަށެވެ. ނަމަވެސް ބައެއް މައްސަލަތަކާ ގުޅިގެން ޕީޖީ އޮފީހަށް ގިނަ ޝަކުވާތަކެއް ހުށަހަޅަމުންދާ ކަމަށާއި އެހެންވެ އެފަދަ ޝަކުވާތައް ހުށަހަޅަން 20 ދުވަހުގެ ފުރުސަތެއް ހުޅުވާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މި މުއްދަތުގައި ރައީސް ޔާމީންގެ މައްސަލަ ވެސް ހުށަހަޅައިފިއްޔާ މިކޮޅުން އެކަމަށް ހާއްސަކޮށްފައިވާ ކޮމިޓީން އެ މައްސަލަ ވެސް ރިވިއު ކުރުމަށް ފަހު ނިންމުންތައް ނިންމާނީ. އަމިއްލައަށް ރިވިއުކުރަން ނުނިންމާ ސަބަބަކީ ކުރީގެ ޕީޖީގެ ނިންމުންތަކުން ވަކި މައްސަލައެއް ރިވިއުކޮށްފި ނަމަ އަޅުގަނޑަށް ތުހުމަތު އަންނާނެ އަޅުގަނޑު އަމިއްލަ ޒާތީ މަސްލަހަތެއްގައޭ އެ މައްސަލަ އިހުތިޔާރުކުރީ،" އައްބާސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު އާންމުންނަށް މި ހުޅުވާލީ. އަޅުގަނޑު އަމިއްލަ އިސްނެގުމަކަށް އެއްވެސް މައްސަލައެއް ރިވިއުކުރާކަށް ވިސްނުމެއް ނެތް."
ޕީޖީކަމާ ހަވާލުވުމުގެ ކުރިން އައްބާސްއަކީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ކަމަށްވުމުން، ޕީޖީގެ މަސްއޫލިއްޔަތުތައް މިނިވަންކަމާއެކު ނުފޫޒެއްނެތި އަދާކުރެއްވުމަށް އޮތް ޔަގީންކަމާ ބެހޭގޮތުން ވެސް ނޫސްވެރިން ސުވާލުކުރި އެވެ.
ޖަވާބުގައި އައްބާސް ވިދާޅުވީ އެއްވެސް މީހަކަށް އޭނާއަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި ބިރެއް ވެސް ނުދެއްކޭނެ ކަމަށެވެ. އޭގެ އެއް ހެއްކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި މަސައްކަތް ކުރެއްވުމަށް ފަހު ހައި ކޯޓުގައި މަސައްކަތް ކުރެއްވި އިރު އެފަދަ ނުފޫޒެއްގެ ދަށުވެފައިނުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އެއްވެސް މުއައްސަސާއެއްގެ ނުވަތަ މީހެއްގެ އެފަދަ ނުފޫޒެއްގެ ދަށުން މަސައްކަތް ކުރަންޖެހޭ ދުވަހަކީ ޕީޖީގެ ގޮނޑިން އޭނާ އިސްތިއުފާ ދެއްވާނެ ދުވަސް ކަމަށެވެ. އަދި ޕީޖީގެ ހައިސިއްޔަތުން ނިންމުންތައް ނިންމާނީ އަމިއްލައަށް ބަލަންޖެހޭ ބެލުންތައް ބަލާފައި އޭނާއަށް ގަބޫލުކުރެވޭ ގޮތެއްގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް