މުހައްމަދު އަހްމަދު ދީދީގެ މަރުގެ ދައުވާ އުފުލާފައިވާ ފައިހް (ވ) އަދި ޝިރުހާން (ކ) މާފުށީ ޖަލުން އޮންލައިންކޮށް މިއަދުގެ ޝަރީއަތުގައި ބައިވެރިވަނީ.
ފިހާރައެއްގައި ހުއްޓައި މީހަކު މަރާލުން: ދައުލަތުގެ ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރަކަށް އެދިއްޖެ
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، 'ކްރާސާ' ފިހާރަ ތެރެއަށް ބަޔަކު ވަދެ ވަޅިން ހަމަލާދީ މުހައްމަދު އަހުމަދު ދީދީ (ނައުއްޓެ) މަރާލި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް ފުލުހުން ހިމާޔަތް ދިނުމުގެ އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން މިއަދު އެދިއްޖެ އެވެ.
މައްސަލައިގެ ފެށުން - މިދިޔަ އަހަރުގެ 24 ފެބްރުއަރީގެ ރޭ މާފަންނު މުރަނގަމަގުގައި ހުންނަ އެ ފިހާރަ ތެރެއަށް ބަޔަކު މީހުން ވަދެ، މުހައްމަދު އަހްމަދު ދީދީއަށް ތޫނު ހަތިޔާރަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ. އެ ޒަހަމުތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ އޭގެ ތިން ދުވަސް ފަހުން، 27 ފެބްރުއަރީގަ އެވެ.
އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދެ މީހެއްގެ މައްޗަށް އުފުލާފައިވެ އެވެ. އެ ދެ މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. އެ ދެ މީހުންނަކީ:
-
އިބްރާހީމް ފައިހް ނިޒާމު، ރަށްދެބައިގެ/ސ. މަރަދޫފޭދޫ
-
ސިރުހާން އަލީ، ގުލޭނޫރައްމާގެ/ތ. ގާދިއްފުށި
ވީ ކިހިނެއް؟ - އެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ދިފާ އާއި ދައުލަތުން ވެސް ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމެވެ.
ދައުލަތުން ހުށަހަޅާފައިވާއިވާ ހަތް ހެއްކެއް ހިމާޔަތް ކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ދައުލަތުން އެދުނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތަށެވެ. މިއީ ދިފާއަށް ވެސް ވަނަވަރު ސިއްރުކޮށްފައިވާ ހެކިތަކެކެވެ.
ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލު ފާހަގަ ކުރެއްވީ:
-
'ވިޓްނަސް ޕްރޮޓެކްޝަން އޯޑަރު' ނެރެދިނުމަށް ޝަރީއަތުގައި އެދުމުގެ އިހުތިޔާރު ދައުލަތަށް އޮތްކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވޭ
-
މި މައްސަލާގައި ދައުވާކުރާ ދެ މީހުން، މާލޭގެ ހެންވޭރުކޮޅުގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނުވަތަ 'ގޭންގަކަށް' ނިސްބަތްވާ ކަމަށް ދައުލަތުން ތުހުމަތު ކުރި
-
އެހެންވެ، ހެކިން ހާމަވެއްޖެ ނަމަ އަދި އެފަދަ ހާލަތެއްގައި ހެކިންނަށް ހިމާޔަތް ނުދެވިއްޖެ ނަމަ، ޖިސްމާނީ އަނިޔާއެއް ލިބޭނެ ކަމުގެ ފުރުސަތު ބޮޑު
ދިފާއުން ބުނީ ކީކޭ؟ - ޝިރުހާންގެ ދިފާއީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ ގާނޫނުގައި ބަޔާންކުރަނީ ހިމާޔަތް ދިނުމުގެ ދަރަޖައެއް ކަނޑައަޅައި އެކަމާ މެދު ފަނޑިޔާރު ގޮތެއް ނިންމުމަށް ކަމަށެވެ. ނަމަވެސް އެކަން ސާފުނުވާ ކަމަށް ވިދާޅުވެ، ހަމްޒާ ފާހަގަކުރެއްވީ:
-
ދަރަޖަ ކަނޑައެޅުމުގެ އުސޫލެއް، ގާނޫނު ތަސްދީގުކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ފުލުހުން އެކުލަވާލަން ޖެހޭ؛ އެފަދަ އުސޫލެއް އަދިއެއް ނެތް
-
ފުލުހުން ގާނޫނުގައިވާ މުއްދަތަށް އުސޫލު އެކުލަވާލާފައި ނުވާތީ، އެ އަމުރު ނެރެދިނުމުގައި ފަނޑިޔާރު ބަލަންވީ ކަންކަން ސާފެއް ނުވޭ
-
ފުލުހުންނާ މަޝްވަރާ ކުރުމަށް ފަހު، ދަރަޖަތަކާއި ސަބަބުތައް ތަފްސީލްކޮށް ދައުލަތުން އަލުން ހުށަހަޅަން ގާޒީ އެންގުމަށް އެދޭ
ފައިހުގެ ވަކީލު އަލީ އާސިފް ވެސް ފާހަގަކުރެއްވީ، ޝިރުހާންގެ ވަކީލު ފާހަގަކުރެއްވި ކަންކަމަވެ.
ދައުލަތުގެ ރައްދު - ދައުލަތުގެ ވަކީލު ދެން ވިދާޅުވީ އުސޫލެއް ހަމަޖެހިފައި ނެތުމަކީ ހެކިންނަށް ހިމާޔަތް ދޭން ނުޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ދައުލަތުން ދެކެނީ ހެކިންނަށް އެންމެ މަތީ ދަރަޖައިން ފުލުހުންގެ ހިމާޔަތް ބޭނުންވާ ކަމަށެވެ.
އިތުރު ކަންކަން - މީގެ އިތުރުން، ދިފާއީ ހެކިން ވެސް މިއަދުގެ އަޑުއެހުމުގައި ކަންކަން ހާމަކޮށްފައިވެ އެވެ. އެ ގޮތުން:
-
ޝިރުހާނާއި ފައިހު ވެސް ދިފާއަށް ނެގި ކަމަކީ ކުށް ހިނގި ތަނުގައި އެ ދެ މީހުން ނެތް ކަމުގެ ދިފާއު
-
ޝިރުހާން އެކަން ސާބިތުކުރަން ހުށަހެޅީ ހެއްކެއް
-
ފައިހުގެ ފަރާތުން ފަސް ހެކި ހުށަހެޅި
މިއަދުގެ އަޑުއެހުން ނިންމާލީ، ދެން އޮންނަ އަޑުއެހުމުގައި ހުށަހެޅުންތަކަށް ގޮތެއް ނިންމަވާނެ ކަމަށް، މައްސަލަ ބައްލަވާ ގާޒީ އާއިޝަތު ނުޒުހާ ވިދާޅުވުމަށް ފަހު އެވެ.
އެނގުން މުހިންމު - މި މައްސަލާގައި ހިމެނޭ ފައިހް ނިޒާމް ހައްޔަރުކުރީ ފައިހް ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރި ފަހުން، އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.
ކެފޭއެއްގެ ތެރޭގައި ހިންގި މާރާމާރީތަކާ ގުޅިގެން އޭނާގެ މައްޗަށް ތުހުމަތުކުރާ އިތުރު މައްސަލައެއްގެ ޝަރީއަތެއް ވެސް ކޯޓުގައި މިހާރު ކުރިއަށް އެބަދެ އެވެ.
އެ މައްސަލާގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލި އެވެ. އެއީ:
-
ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ
-
ގައިގާ އަތްލުން
-
ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުން
ކޮމެންޓް