ތިލަފުށީގައި ހުންނަ ކެމިކަލް ވެއާހައުސްގެ ގުދަނެއް (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)
ކެމިކަލް ގުދަންތައް އިންސްޕެކްޓްކުރަން އޮޕަރޭޝަނެއް ފަށަނީ
ރާއްޖެއަށް އެތެރެކުރާ ކެމިކަލްތައް ގުދަންކުރަނީ ރައްކާތެރިކޮށްތޯ ބެލުމަށް ޑިފެންސް މިނިސްޓްރީން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކި ބޭނުންތަކަށް ރާއްޖެ އެތެރެކުރާ ނުރައްކާތެރި ކެމިކަލްތަކަށް ހުއްދަދީ، އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާކުރުމުގެ ކަންކަން ރެގިޔުލޭޓްކުރުން މަތިކޮށްފައިވަނީ ޑިފެންސް މިނިސްޓްރީ އަށް ކަމަށެވެ.
ތަފްސީލް - ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނިގޮތުގައި ކެމިކަލްތައް އެތެރެކުރަން ގާނޫނުގެ ތެރެއިން ހުއްދަދިން ނަމަވެސް އެތަކެތި ގެންގުޅުމާއި ގުދަން ކުރުމުގައި ބައެއް ފަރާތްތަކުން ގަވައިދާ ހިލާފުވާކަމުގެ ޝަކުވާ ލިބެ އެވެ.
ކެމިކަލް ގުދަންކުރުމުގައި ރައްކާތެރިނުވާ ނަމަ އަދި ގާނޫނާއި ގަވައިދުތައް ބުނާ ގޮތަށް އެކަން ތަންފީޒު ނުކުރެވޭ ނަމަ އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކަށް ރައްޔިތުން ހުށަހެޅޭނެ ކަން ވެސް އެ ބަޔާނުގައި ފާހަގަކުރި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖެ ގެނައުން މަނާ ތަކެތީގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ކެމިކަލާއި އެސިޑު ފަދަ ތަކެތި އެތެރެކުރުމުގެ އުސޫލުގެ ދަށުން އެ މިނިސްޓްރީއަށް ފެނިއްޖެ ނަމަ ކެމިކަލް ގެންގުޅޭ ފަރާތްތަކުން އެތަކެތި ގެންގުޅެނީ ރައްކާތެރިކޮށް ގަވައިދު ބުނާ ގޮތަށްތޯ ބަލާ، ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓްކުރުމުގެ ބާރު އެ މިނިސްޓްރީ އަށް ލިބޭ ކަމަށެވެ.
އެ ބާރުގެ ދަށުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކެމިކަލް ގުދަންކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ހުރިތޯ އާއި އެތަންތަން ހުންނަނީ ގަވައިދާ އެއްގޮތަށްތޯ ބަލާ ރައްޔިތުން ހޭލުންތެރިކުރަން ޒޯނުތަކަށް ބަހާލައިގެން ޕްރޮގްރާމެއް ފަށާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އެނގުން މުހިއްމު - އެއްވެސް ބާވަތެއްގެ ކެމިކަލެއް މާލޭގެ އެއްވެސް ތަނެއްގައި ގުދަންކުރުމަކީ މަނާކަމެކެވެ. މާލޭ ކެމިކަލް ގުދަނެއްގައި ރޯވެ، 2019ގައި ހިނގި އަލިފާނުގެ ހާދިސާއަކަށް ފަހު މާލޭގެ ކެމިކަލް ގުދަންތައް ބަދަލުކުރީ ތިލަފުއްޓަށެވެ. ނަމަވެސް އަދިވެސް ގަވައިދާ ހިލާފަށް މާލޭގައި ކެމިކަލް ގުދަންކޮށްފައި ހުންނަ ކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން އިވެ އެވެ.