2022ގެ އީދު ބަންދާއި ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މާލޭން ރަށްރަށަށް މީހުން ފުރަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)
ސްކޫލް ޗުއްޓީއާ ދިމާކޮށް މޫސުން މިހާރަށް ވުރެ ރަނގަޅުވާނެ: މެޓް
މާދަމާ އިން ފެށިގެން މިޑް-ޓާމް ބްރޭކަށް ސްކޫލްތައް ބަންދުވެ، ގިނަ ބަޔަކު ޗުއްޓީއަށް ފުރަން ތައްޔާރުވެފައި ވާއިރު، ކުރިއަށް އޮތީ މިހާރަށް ވުރެ މޫސުން ރަނގަޅު ހަފްތާއެއް ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މޫސުން ގޯސްވެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ދެ ދުވަހު ދަނީ ބޯކޮށް ވިއްސާރަ ކުރަމުންނެވެ. ހާއްސަކޮށް، އުތުރާއި މެދު ރާއްޖެތެރޭގެ ރަށްރަށަށް ވައިގަދަވެ، ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އިއްޔެ އާއި މިއަދު ވެސް މެޓް އޮފީހުން ވައިޓް އެލާޓު ނެރެފައިވެ އެވެ.
ބުނީ ކީކޭ؟ - ނަމަވެސް، މެޓް އޮފީހުގެ އޮފިޝަލެއް މިއަދު 'ދައުރު'އަށް ވިދާޅުވީ، މާދަމާ މެންދުރުފަހުން ފެށިގެން މިހާރު ކުރަމުންދާ ގޮތަށް ބޯކޮށް ވާރޭ ނުވެހޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:
-
ދޭތެރެ ދޭތެރެއިން ކެރީގެ އަސަރު ފޯރަފާނެ؛ ކޮންމެވެސް ވަރަކަށް އަވި ދޭނެ
-
ވައި މިހާރަށް ވުރެ މަޑުވި ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ
ފާހަގަކޮށްލެވޭ - ފަހަކަށް އައިސް ރާއްޖެއަށް ވިއްސާރަ ކުރަމުންދާ ގޮތަށް ބޮޑެތި ބަދަލުތަކެއް އައިސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ދަނީ އިތުރުވަމުންނެވެ.
އެކަމަށް ސަމާލުވެ، ކުރިއާލާ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކުން އަބަދު ވެސް އިލްތިމާސް ކުރެ އެވެ. ހާއްސަކޮށް، ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވެ، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.