ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ: އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ ރާއްޖެ
ރައީސް އަނޫރާގެ ސުވާލެއް: ރާއްޖެއަށް ވަންޏާ ލަންކާއަށް ނުވާންވީ ކީއްވެ؟
މަގާމުގެ ހުވާ އިއްޔެ ކުރެއްވި، ސްރީ ލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ކެމްޕެއިންގައި އޭނާގެ ސަޕޯޓަރުންނަށް ސުވާލެއް ކުރެއްވި އެވެ: ދިވެހި ރާއްޖެއަށް ވަންޏާ ސްރީ ލަންކާއަށް ނުވާންވީ ކީއްވެ ހެއްޔެވެ؟
އެ ސުވާލު އޭނާ ކުރެއްވީ މި ފަހުން ރާއްޖެއަށް ކުރެއްވިި ދަތުރެއްގައި ރާއްޖެއިން ފެނިވަޑައިގެންނެވި މަންޒަރުތަކުންނެވެ. އޭނާއަށް ފެނިވަޑައިގެންނެވީ މާ ބޮޑު، މާ މީހުން ގިނަ އަދި ވަސީލަތްތައް ގިނަ ލަންކާއަށް ވުރެ ރާއްޖެ ކުރީގައި އޮތް ތަނެވެ.
ލަންކާ އޮތީ އިގްތިސޯދީ ގޮތުން ބަނގުރޫޓުވެފަ އެވެ.
އަނޫރާ ވިދާޅުވި ގޮތުގައި ހުރިހާ ގޮތަކުން ވެސް ރާއްޖެ ބަރޯސާ ވެފައި އޮތީ ބޭރު ގައުމުތަކަށެވެ. ކަނީ ބަންގްލަދޭޝް އިން ގެންނަ ހަނޑުލެވެ. ތަރުކާރީ އިންޑިއާއިންނެވެ. ސިންގަރޫޕުގެ 'ޕްރިމާ ފުށެ'ވެ. ސްރީ ލަންކާގެ 'އެލަފަންޓް ހައުސް'ގެ އައިސްކްރީމާއި އެ ގައުމުގެ 'މަންޗީ ބިސްކޯދު' ވެސް ދިވެހިން ބޭނުންކުރެ އެވެ.
"އެކަމަކު އެ ގައުމުގައި މަސައްކަތް ކުރަން އެބަ އުޅެއޭ ލަންކާގެ 15،000 މީހުން،" އަޑުހަރުކޮށް، އަނޫރާ ވިދާޅުވި އެވެ.
"ލަންކާ އާއި ބަންގްލަދޭޝް އާއި އިންޑިއާގެ އެތައް ބަޔަކު އެބަ އެތަނުގައި މަސައްކަތް ކުރޭ."
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހަމައެކަނި ވަސީލަތަކީ މޫދެވެ. މުޅި އިގްތިސޯދު ބަރޯސާވެފައި އޮންނަނީ މޫދާ ގުޅިފައިވާ ޓޫރިޒަމާއި މަސްވެރިކަމަށެވެ. އެކަމަކު ވެސް ބޮލަކަށް ޖެހޭ ނިސްބަތް ރާއްޖޭގައި ހުރީ 13،800 ޑޮލަރުގަ އެވެ. ލަންކާގައި އެ ނިސްބަތް ހުރީ 3،800 ޑޮލަރުގަ އެވެ.
އަނޫރާގެ ބަހުން ނަމަ ރާއްޖެ އޮތީ ލަންކާއަށް ވުރެ ހަތަރު ގުނަ ކުރީގަ އެވެ.
އާ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއަށް ވުރެ މާ ގިނަ ވަސީލަތްތައް ލަންކާގައި އެބަ ހުއްޓެވެ. ވަށައިގެން އޮތީ މޫދާއި ސައިފަތް ދަނޑުތަކެވެ. އެކި ކަހަލަ އަގުބޮޑު މައުދަންތަކެވެ. ތަފާތު މޫސުން އާދެ އެވެ. ތާރީހީ އާސާރުތައް އެބަ ހުއްޓެވެ.
އަނޫރާގެ އަމާޒަކީ އާ ވެރިކަމުގައި އެ ހުރިހާ ވަސީލަތްތަކަކުން ނަފާ ހޯދުމެވެ. ސަރުކާރު ހިންގާ އެންޕީޕީގެ ވެރިކަމުގައި ތަފާތު އިންޑަސްޓްރީތަކާއި ވިޔަފާރިތައް ހެދުމަކީ އޭނާގެ ވައުދެކެވެ. އާ ޓެކްނޮލޮޖީތައް ތައާރަފްކޮށް، ހިދުމަތްތަކާއި ތަކެތީގެ ހަބަކަށް ލަންކާ ހެދުމެވެ. ރާއްޖެ ފަދަ ގައުމެއް ޒުވާނުންނަށް ހޯދައިދިނުމަކީ އޭނާގެ ލަނޑުދަނޑި އެވެ.
ކޮމެންޓް (5)
ޖާޖި
މަގޭހިޔާލު
މިބުނީ
ކިލަމަންޑްސް
ނާސިރު