ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ދައުވާ ކުރަން އެދިފައިވާ ތިން މީހުން (ފޮޓޯ/ޕޮލިސް)

ޑްރަގު އެތެރެކުރި ޕާކިސްތާނު މީހާ އާއި ދިވެހިންނަށް ދައުވާކޮށްދޭން އެދިއްޖެ

ފުލުހުން ތުހުމަތުކުރާ ގޮތުގައި މި މީހުންނާއި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ދިވެހި ޑްރަގް ނެޓްވޯކަކާ ގުޅުން އެބަ އޮތް
22 ސެޕްޓެމްބަރު 2024

މަގުމަތީ އަގުން ބަލާ ނަމަ 2 މިލިއަން ރުފިޔާގެ އަގުހުރި، ބަރުދަނުގައި 2 ކިލޯ ހަމަވާ ހެރޮއިން ލަގެޖަކަށް އަޅައިގެން އެތެރެކުރަން އުޅުނު މައްސަލާގައި ތުހުމަތުކުރެވޭ ތިން މީހުންގެ މައްޗަށް ދަައުވާކޮށްދިނުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ 24 ޖުލައިގައި ރާއްޖެ އެތެރެވާން އުޅުނު ޕާކިސްތާނު މީހެއްގެ ލަގެޖުން ފެނުނީ 2.12 ކިލޯގެ ހެރޮއިން އެވެ. އެ މައްސަލާގައި އެ މީހާ އާއި އިތުރު ދެ ދިވެއްސަކު ހައްޔަރުކޮށްފައި ވާއިރު، ތިން މީހުންނަށް ވެސް ދައުވާކޮށްދިނުމަށް ވަނީ އެދިފަ އެވެ.

ތަފްސީލް - ފުލުހުން މިއަދު ބުނި ގޮތުގައި، ތިން މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހު އެވެ. ފުލުހުން ވަނީ ތިން މީހުންގެ ވަނަވަރު ވެސް ހާމަކޮށްފަ އެވެ. އެއީ:

  • 1-

    މޮލްވި މުހައްމަދު ހާރޫން، 49، ޕާކިސްތާން

  • 2-

    ޝާހިލް މުހައްމަދު، 40، ވ. ސިނަމާލެ 4 3-03

  • 3-

    އަހުމަދު އައްފާނު، 25، ނަރުގިސްވިލާ/ހދ. ކުމުންދޫ

ކްރިމިނަލް ކޯޓުން އިއްޔެ ޕާކިސްތާނު މީހާގެ ބަންދަށް އިތުރު 20 ދުވަސް ވަނީ ޖަަހައިފަ އެވެ. ކޯޓު އަމުރުން އެނގުނު ގޮތުގައި، ދައުލަތުން ކޯޓުގައި ބުނެފައި ވަނީ، މި ފެށުނު ހަފުތާގައި ދައުވާ ކޯޓަށް ހުށަހެޅޭނެ ކަމަށެވެ.

އެނގުން މުހިންމު - މި މައްސަލައިގެ ތަފުސީލު މީގެ ކުރިން ހާމަކުރައްވަމުން، ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންގެ ހެޑް، ޗީފް އިންސްޕެކްޓާ އަހްމަދު ވަހީދު ވިދާޅުވެފައިވަނީ މި މީހުންނާއި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ދިވެހި ޑްރަގް ނެޓްވޯކަކާ ގުޅުން އެބަ އޮތެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް