17/އޮގަސްޓް/2024؛ ޕީޖީގެ މަގާމަށް ކުރިމަތިލި އައްބާސް ޝަރީފް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި (ފޮޓޯ: މަޖިލީސް)
ޕީޖީ ކަމަށް އައްބާސް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީީޖީ)ގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕީޖީގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. ނަމަވެސް އެ މަގާމަށް އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ. އައްބާސް އެ މަގާމަށް އައްޔަންކުރަން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވަން އިއްޔެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ތަފްސީލް - މިއަދު ދައުރުން ބޭރު ބޭއްވި ހާއްސަ ޖަލްސާގައި އައްބާސް އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 85 މެމްބަރުންގެ އިއްތިފާގުންނެވެ.
އެނގުން މުހިންމު - ޕީޖީގެ މަގާމު ހުސްވެފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމު މިދިޔަ މަހުގެ 22ގައި އިސްތިއުފާ ދެއްވަމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހުން އޭނާ ވަކިކުރަން ނިންމާފައި ވަނިކޮށެވެ.
ކޮމެންޓް