އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލް (ވ) ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަޒްމީ އަހުމަދު)
މައުލޫމާތު ހާމަކޮށް ނޫސްވެރިކަމަށް ޖާގަ ދޭން ހުދުމުހުތާރު ވެރިން ބޭނުމެއް ނުވާނެ: ފައްޔާޒު
މައުލޫމާތު ހާމަކޮށް، ނޫސްވެރިކަމަށް ޖާގަ ދޭން ހުދުމުހުތާރު ވެރިން ބޭނުން ނުވާނަ ކަމަށާއި މި ސަރުކާރުން ދަނީ މިނިވަން ނޫސްވެރިކަން ނައްތާލަމުން ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު އެގޮތަށް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް 50،000ރ. ދެއްވާ ކަމަށް ބުނެ 'އަދަދު' ނޫހުގައި ގެނައި ރިޕޯޓަކާ ގުޅިގެން އެ ނޫހަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް އޮފީހުން ދީފާއިވާތީ އެކަން ކުރެއްވިކޮށެވެ.
ބުނީ ކީކޭ؟ -"ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބެއް ނުވާނެ. ކޮންމެ ކަމެއްގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުން ފިޔަވައި އިތުރު ކަމެއް މި ސަރުކާރަށް ނުކުރެވޭ. ނޫސްވެރިންނަށް ބިރުދައްކައި ނޫސްވެރިކަމަށް ހުރަސް އެޅުން ކުށްވެރިކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
ތަފްސީލު - ނިމިދިއަ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ދައްކައިގެން ކަމަށެވެ. އެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކުރި ރިޔާސީ ކެމްޕެއިނަކީ 'ފިތުނަވެރި ދޮގު ކެމްޕެއިނެއް' ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
"ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ދޮގު މައްޗަށް ދޮގު ހެދި ނަމަވެސް ކަންކަމުގެ ހަގީގަތް ހާމަވާނެ. މައުލޫމާތު ހާމަކުރުމާއި ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ ހުދުމުހުތާރު ވެރިން ބޭނުންވާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައީ ހަގީގަތާ ހިލާފު އެތަކެއް ވާހަކަތަކުގެ މައްޗަށް ބިނާވި ފިތުނަވެރި ދޮގު ކެމްޕޭނަކުން.ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ދޮގު މައްޗަށް ދޮގު ހެދި ނަމަވެސް ކަންކަމުގެ ހަގީގަތް ހާމަވާނެ. މައުލޫމާތު ހާމަކުރުމާއި ނޫސްވެރިކަމަށް ފުރުސަތު… https://t.co/CVGprZrPA0
— Fayyaz Ismail (@faya_i) September 11, 2024
އެނގުން މުހިންމު - ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން 50،000ރ. ދޭ ކަމަށް ބުނާ އާ ރިޕޯޓެއް 'އަދަދު'ން އާންމުކުރީ މިއަދެވެ.
އެ ރިޕޯޓްގައި ހުރި ކަންކަން ދޮގުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ވަނީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، "ފިތުނަ އުފެއްދުމުގެ ބޭނުމުގައި" އެފަދަ ދޮގު ފެތުރި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އަޅަން މަސައްކަތް ކުރަމުން ކަމަށެވެ.
ކޮމެންޓް (1)
އަސްލަމް އަހްމަދު