ބީބީއެންޖޭ މުއާހަދާގައި އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.އަލީ ނަސީރު މުހައްމަދު(ފޮޓޯ/ފޮރިން މިނިސްޓްރީ)
މާކަނޑު ހިމާޔަތްކުރުމާ ބެހޭ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުއާހަދާ (ބީބީއެންޖޭ)ގައި ރާއްޖެއިން ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މުއާހަދާގައި ރާއްޖެއިން ސޮއިކުރީ އިއްޔެ މެންދުރު ވަގުތު އ.ދ.ގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.އަލީ ނަސީރު މުހައްމަދު އެވެ.
ތަފްސީލް - މި މުއާހަދާގައި:
-
ބޮޑެތި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އިޖުރާއަތު ގާއިމުކޮށްފައިވޭ
-
ކަނޑާ ގުޅޭ ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރުމާގުޅޭ ކަންތައްތައް ހިމަނާފައިވޭ
-
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާ ގުޅޭ ޝަކްލީ ކަންތައްތައް ހިމަނާފައިވޭ
ފޮރިން މިނިސްޓްރީން ބުނީ މި އެ އެންމެހާ ކަންތައްތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލިބޭ މަންފާތައް ހިމާޔަތްކުރުމަށް މުހިންމު ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން މި މުއާހަދާގައި ބައިވެރިވުމުން ރާއްޖެ އަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބުންޏެވެ.
ގާނޫނީ ގޮތުން ބަނދެވޭ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ ގާނޫނީ މަސްދަރެއް އެކުލަވާލުމަށް އދ.ގެ އާންމު މަޖިލީހުން ނިންމީ 2015ގަ އެވެ. އެ ނިންމުމަށް ފަހު 2016 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ގާނޫނީ މަސްދަރުގައި ހިމެނޭނެ މައުލޫ އެކުލަވާލުމަށް ފަހު، އެ ގާނޫނީ މަސްދަރު މުއާހަދާއެއްގެ ގޮތުގައި ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ 19 ޖޫން ގަ އެވެ.
މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް މި ސަރުކާރުން ނިންމައި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވާފައިވަނީ މިދިޔަ 29 ފެބްރުއަރީގަ އެވެ. މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ 13 މެއި ގަ އެވެ.
އެނގުން މުހިންމު - ރާއްޖެއިން މި މުއާހަދާގައި ސޮއިކުރުމާ ހަމައަށް ޖުމްލަ 91 ގައުމަކުން މި މުއާހަދާގައި ސޮއިކޮށްފައިވެ އެވެ. އަދި ޖުމްލަ އަށް ގައުމަކުން މި މުއާހަދާ ތަސްދީގުކޮށްފައިވެ އެވެ. އަދި 20 ސެޕްޓެމްބަރު 2025ގެ ނިޔަލަށް ހުރިހާ ގައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުއާހަދާއަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މި މުއާހަދާ ތަސްދީގުކުރިތާ 120 ދުވަސް ފަހުން ނެވެ.
ކޮމެންޓް