ރައީސް މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)
ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު ސޮލާހުއްދީނުގެ ހަނދާނަށް
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ދިވެހިބަހުގެ މަޝްހޫރު އިލްމުވެރިޔާ ހުސެން ސޮލާހުއްދީނުގެ ހަނދާނަށް އެރުވުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - މި ޝަރަފު އެރުއްވުމަށް ރައީސް ކަނޑައެޅުއްވީ އިސްލާމްދީނާއި ދިވެހި ބަސް އަދި ތަރިކަ އާއި ސަގާފަތަށް އޭނާ ކޮށްދެއްވާފައިވާ ގައުމީ ހިދުމަތަށްޓަކާ ކަމަށް ރައީސް އޮފީހުން ބުންޏެެވެ.
އެ ރޮނގުތަކުން ދިވެހިންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް ސޮލާހުއްދީން ކޮށްދެއްވާފައިވާ ހިދުމަތަކީ އެ ޝަރަފު އެރުވުމަށް ރައީސް ނިންމެވި ސަބަބެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެނގުން މުހިއްމު - ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ގައުމިއްޔަތަށް ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. މި ޝަރަފު ދެއްވުމަށް ކަނޑައެޅުއްވީ، ރާއްޖޭގެ އިއްޒަތުގެ ގާނޫނުން ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.
ތަފްސީލް - މި ޝަރަފު، ހުސެން ސޮލާހުއްދީނުގެ ހަނދާނަށް އެރުވުން އޮންނާނީ، މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ބާއްވާ ޖަލްސާގަ އެވެ. އެ ޖަލްސާ އޮންނާނީ 9 ޖަހާއިރު ދަރުބާރުގޭގަ އެވެ.
މާދަމާ ބާއްވާ ޖަލްސާގައި:
-
ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުން އޮންނާނެ
-
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ
-
އޭގެ ތެރެއިން އެއް ބޭފުޅަކަށް އެ އިނާމު ދޭނީ ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއިން އެ ބޭފުޅެއްގެ ހަނދާނަށް؛ އެ ބޭފުޅަކީ އަވަހާރަވެފައިވާ މުހައްމަދު ތައުފީގު، ހ. ހާޖަރާގެ
-
ތައުފީގުގެ ހަނދާނަށް މި ޝަރަފު އަރުވަނީ، ރަސޫލާގެ ސިޔަރަތު އޭނާގެ އަޑުން ގެނެސްދީފައިވާލެއް ފުރިހަމަކަމާއި ސިޔަރަތު އަޑުއެހުމަށް ދިވެހިންގެ ހިތްތަކުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އޭނާ ކުރެއްވި ގައުމީ ހިދުމަތަށްޓަކާ
މީގެ އިތުރުން، މި ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުން ވެސް އޮންނާނެ އެވެ. އެ އިނާމު 10 ބޭފުޅަކަށް ލިބިިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން:
-
ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ދެއްވާނީ، ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުމެއް
-
ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެއް
ކޮމެންޓް