ކުރީގެ ރައީސް ޔާމީން ބައިވެރިވި ފްރަންޓް އޮފީސް ޖަލްސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މި ސަރުކާރުން ދޮގުން ސަލާމަތްވާން ވެސް ހަދަނީ ދޮގު: ޔާމީން

ރައީސަކު ދައްކަވާ ވާހަކަތަކަކީ ތެދުވެރިކަމާ އެކު ދައްކަވާ ވާހަކަތަކަށް ވާން ޖެހޭނެ ކަމަށާއި ރައްޔިތުންގެ އިތުބާރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ޔާމީން ވިދާޅުވި

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ ކަންކަމުގައި ދޮގު ހައްދަވައި އޮޅުވާލައްވާ ކަމަށާއި އެ ދޮގުން ސަލާމަތްވުމަށް ވެސް ހައްދަވަނީ ދޮގު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔާމީންގެ ޕާޓީ، ޕީއެންއެފް އިން އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި މިހެން ވިދާޅުވީ ސަންގް ޓީވީއަށް ރައީސް މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވި ދެ އިންޓަވިއުއެއްގައި ޔާމީންއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އެ އިންޓަވިއުތަކުގައި، ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ ލޭންއާ ގުޅޭ ގޮތުން ދެ ބޭފުޅުން ދެއްކެވި ވާހަކަ އާއި ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތްތަކާ ގުޅޭ ގޮތުން އެ ދެ ބޭފުޅުން ދެއްކެވި ވާހަކަތަކަކީ "ބުހުތާނު ދޮގު" ކަމަށް ޔާމީން ސިފަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ދައްކާ ވާހަކަތަކަށް ފަންނީ ޖަވާބު ދެއްވާށޭ. ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ނުކުރާށޭ. ދޮގު ހަދަން ވެސް ދޮގު. ދޮގުން ސަލާމަތްވާން ވެސް ދޮގު،" ޔާމީން ވިދާޅުވި އެވެ.

'ލޭން މައްސަލާގައި ބަވާލާފައި ނިންމާލިކަން ރަނގަޅު'

ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވަނީ، ޔާމީންގެ ސަރުކާރުގައި ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްއޯޔޫގައި ސޮއިކުރުމަށް ފަހު، އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި ރައީސް މުއިއްޒު އިސްވެ ހުންނަވާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްރިޖު މަޝްރޫއުގައި ހަ ލޭން އޮންނާނެ ކަމަށް ވިދާޅުވި ވާހަކަތަކުގެ ވީޑިއޯއެއް ދައްކައި މިފަހުން ސަންގް ޓީވީގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާ އަޅާބަލާފަ އެވެ.

އެގޮތުން، 9 ޖުލައި 2015ގައި ބޭއްވި އެ ބައްދަލުވުމުގައި ބްރިޖުގައި ހުންނާނެ ކަމަށް، ރައީސް މުއިއްޒު ވިދާޅުވެފައިވަނީ:

  • ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން

  • ސައިކަލް ދުއްވާ ދެ ލޭން

  • ބައިސްކަލް ދުއްވާނެ ލޭނެއް

  • ހިނގާފައި ބްރިޖު ހުރަސްކުރާ މީހުންނަށް ލޭނެއް

ނަމަވެސް، ސަންގް ޓީވީއަށް މިފަހުން ރައީސް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ އެ މަނިކުފާނާ މަޝްރޫއު ހަވާލުކުރި ހިސާބުން ފެށިގެން އެއްވެސް މަރުހަލާއެއްގައި ލޭނުގެ އަދަދު ބަދަލުވެފައެއް ނެތް ކަމަށާއި އެންމެ ފުރަތަމަ ވެސް އޮތީ ކޮޅަކަށް ދެ ލޭން ކަމަށެވެ. 

ސައިކަލު ލޭނެއް އިތުރުކުރުމުގެ ވާހަކަ ޔާމީން ދެއްކެވީ ބްރިޖު ނިމެން މަހަކަށް ވެފައި އޮއްވާ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ އެ ވާހަކަ ދެއްކެވޭނީ ލޭނެއް މަދުކަން އެނގޭ ހިސާބުން ކަމަށެވެ. ޑިޒައިނަރުންނާއި ފަންނީ މީހުންނަކީ ޔާމީން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޑިޒައިން ބޯޑުގެ މައްސަލާގައި މިއުޅެނީ. ބްރިޖު ކުރަހާ ނިމުނީމާ އުޅޭ މައްސަލައެއް ނޫން މިއުޅެނީ. މިއުޅެނީ ޑުރޯވިން ބޯޑުގައި މީތި އޮތްއިރު އަޅުގަނޑުމެން ބޭނުންވާ ވަރަށް [ބްރިޖުގައި ހުންނަން ޖެހޭ ކަންކަމަށް] ވިސްނާފައި މިކަން ނުކުރެވިގެން އުޅޭ ވާހަކަ މިދައްކަނީ،" ޔާމީން ވިދާޅުވި އެވެ.

"ދެން އެހެންވީމާ ރައީސް ޔާމީން ބަވާފައި އެހާ ހިސާބުން ނިންމާލިކަން ރަނގަޅު ކަންނޭނގެ." 

ޔާމީން ވިދާޅުވީ ބްރިޖަކީ ރައްޔިތުންގެ ވަރަށް ބޮޑު ބޭނުމަކަށް ހަދާފައި އޮތް ތަނެއް ކަމަށާއި އެފަދަ ތަނެއް ހަދާއިރު ހަދާނީ މުސްތަގުބަލުގައި 100 އަހަރަށް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން، ބްރިޖު ގޯސްވެގެން އެ ވާހަކަދައްކާނީ މިއަދު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

މުސްތަގުބަލަށް ވިސްނައިގެން ބްރިޖެއް ހަދާއިރު އެތަނުގައި އޮންނަން ޖެހޭނެ ލޭނުގެ އަދަދު ކަނޑައަޅާނީ ސަރުކާރުން ކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ ހުންނަން ޖެހޭ ލޭނުގެ އަދަދު ނިންމާނީ ބްރިޖު ހަދަން ހަވާލުކުރާ ކުންފުނިން ނޫން ކަމަށާއި ބްރިޖުގައި އޮންނަން ޖެހޭ ލޭނުގެ އަދަދަކީ ވަކި ވަރެއް ކަމަކަށް ޗައިނާއިން ބުނެފައި ވެސް ނުވާ ކަމަށެވެ.

އެކަން ކުރާނީ ރައީސް އޮފީހުން ވެސް ނޫން ކަމަށާއި އެކަން ކުރާނީ ޑިޒައިންކުރާ ފަންނުވެރިން ކަމަށާއި އެކަމުގައި އިސްކޮށް އުޅުއްވީ ރައީސް މުއިއްޒު ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން، ލޭނެއް މަދުވެގެން އެ ވާހަަކަ އަހާނީ ވެސް ރައީސް މުއިއްޒުގެ ގާތުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ ބްރިޖު މަޝްރޫއުއަށް ހަ އަހަރު ފަހުން ލޭނެއް މަދުވެގެން އެ ވާހަކަތައް މިއަދު އަބްދުއްރަހީމް ދެއްކެވުމުގެ ބޭނުމާ ގުޅޭ ގޮތުން ވެސް ސުވާލު އުފައްދަވާފަ އެވެ.

"އަބްދުއްރަހީމް މިވާހަކަ މިދެއްކީ މުއިއްޒު އަބްދުއްރަހީމްއާ ގާތްކަމުން އަބްދުއްރަހީމްގެ ކޮނޑު މުއިއްޒުގެ ކަރުނައިގެ ތިކިތަކުން ފޯވެގެން، ކޮށްލާނެ ހިތްދަތިކަމޭ ބުނަންތޯ. އެއީތޯއޭ މިކުރި ކަމަކީ. އޭރުއްސުރެ މުއިއްޒުގެ ވެޓްނެސްއަކީ އަބްދުއްރަހީމޭ ބުނަން ހެއްޔޭ މިއުޅެނީ، އެއީތޯ މިވާހަކަ ދެއްކުމުގެ ބޭނުމަކީ،" ޔާމީން ސުވާލު އުފެއްދެވި އެވެ.

ނުވަތަ އެ ވާހަކަ ދެއްކެވީ ޔާމީނަކީ "ރުންކުރު، ބަވާ މީހެއް" ކަމަށް ސިފަކޮށް ރައްޔިތުންގެ ހަމްދަރުދީ ހޯދަންތޯ ވެސް ޔާމީން ސުވާލުކުރެއްވި އެވެ. 

'މާތްﷲ ގަންދީ ހުވާކުރިޔަސް މުއިއްޒު ދައްކާ ވާހަތަކަށް އިތުބާރެއް ނެތް'

ރައީސް މުއިއްޒުއަށް އަމާޒުކުރައްވާ ޔާމީން ދައްކަވާ ވާހަކަތަކާ މެދު ހައިރާންވާ ކަމަށާއި ޔާމީންއާ މެދު އަބަދުވެސް ހިތުގައި އޮތީ ގަދަރު ކަމަށް ރައީސް މުއިއްޒު މިފަހުން ވަނީ ވިދާޅުވެފަ އެވެ. އަދި ޔާމީން މިނިވަން ކުރެއްވުމަށް އިހްލާސްތެރިކަމާ އެކު ކުރެއްވި މަސައްކަތް މާތްﷲ ދެނެވޮޑިގެންވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި ވާހަކަތަކަށް ވެސް ރޭގެ ޖަލްސާގައި ޔާމީން ރައްދު ދެއްވި އެވެ.

"އަޅުގަނޑު މި ބުނަނީ ރައްޔިތުން ކުރިމަތީ އަޅުގަނޑާ މުއިއްޒަކާ ގުޅުމެއް ނެތް. އެހެންވީމާ އެހާ ވަރަށް އެތިބީ އަޅުގަނޑު އެކަހެރިކުރަން ނިންމާފައި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ:

  • ސަރުކާރު ބަދަލުވުމާ އެކު ޖަލުން ދޫކޮށްލި ދުވަހު ވެސް ރައީސް މުއިއްޒު ހުންނެވީ ޔާމީން މިނިވަންވާން ބޭނުންވެގެންނެއް ނޫން؛ ވިސްނަވައިގެން ހުންނެވީ މަޖިލިސް އިންތިހާބަށް ފަހު މިނިވަންކުރައްވަން

  • އެ ދުވަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އަބްދުއްރަހީމްއާ އެކު މުއިއްޒު ވަޑައިގެންނެވި ނަމަވެސް އެ ބައްދަލުވުމުގައި ވެސް ޔާމީން މިނިވަންކުރުމަށް އެދިވަޑައިގެން އެއްވެސް ވާހަކައެއް މުއިއްޒު ނުދައްކަވާ

  • އެ ބައްދަލުވުމުން ނުކުންނަވައި، ޔާމީން ޖަލުން ދޫވެފައި ހުރި ތަން ފެނުމުން މުއިއްޒު އާއި އަބްދުއްރަހީމަށް ވެސް ލިބުނީ ހައިރާން ކަމެއް 

"ދެން މިތާ އެބަތިބި މުއިއްޒު އާއި އަބްދުއްރަހީމްގެ ހިތަށް [އެ ދުވަހު] ނުތަނަވަސްކަން އައިކަން ފެނިފައި ތިބި މީހުން. ދެން ބުނެފި މިއީ [ޔާމީން ޖަލުން ދޫވުމަކީ] މުއިއްޒު އެދިވަޑައިގެން މުއިއްޒު އިލްތިމާސްއެއް ކަމަށް. މިއީ ރޯ ބުހުތާނު. މުއިއްޒު އެދިވަޑައެއްނުގަންނަވާ،" ޔާމީން ވިދާޅުވި އެވެ.

"މިވަރަށް ދޮގު ހަދަނީ. ހަމަ މިވަރަށް ދޮގު ހަދާތީ އަޅުގަނޑު ކަންބޮޑުވަނީ. ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ."

މިއަދު މާތް ﷲ ގަންދީ ހުވާ ކުރެއްވިޔަސް އެވާހަކަތައް ގަބޫލުކުރެވެން ނެތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ މުއިއްޒު ދައްކަވާ ވާހަކަތަކުގައި އިހްލާސްތެރިކަމެއް ހުރި ނަމަ އަމަލުން އެކަން ފެންނާނެ ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ އަމަލު ހުރީ ސީދާ އިދިކޮޅަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސްއަކަށް ހުންނަވާ ބޭފުޅަކު ދައްކަވާ ވާހަކަތަކަކީ ތެދުވެރިކަމާ އެކު ދައްކަވާ ވާހަކަތަކަށް ވާން ޖެހޭނެ ކަމަށާއި ރައްޔިތުންގެ އިތުބާރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިކަހަލަ ވާހަކަތައް ދައްކަވާފައި ބޮޓުން ލައްވާ ސޯޝަލް މީޑިއާގައި އުޅުނަސް ދެކޮޅެއް ނުޖެހޭ އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (2)

ކޮސް

3 ސެޕްޓެމްބަރު 2024
ކައިރިން ކަންކަން ނުފެންނަ މީހުންނަށްވެސް ސާފުވާނެ، މުއިއްޒު ބޭނުންފުޅުވަނީ ޔާމީން އެއްގޮތަކަށްވެސް ކައިރިނުކުރަންކަން. އެހެންނޫންނަމަ ، ދެބޭފުޅުންގެ ގުޅުން އެހާ ގޯސްވާކަށް ނުޖެހޭ. މުއިއްޒަކީ މިއަދުގެ ރައީސް. ފަހަރުގަ ޔާމީނުގެ ހިތްޕުޅުގައި ހިތްނުތަނަވަސްކަމެއް ހުއްޓަސް، މުއިއްޒަށް ގެއްލުނު އެއްޗެއްނެތް. އެކަމަކު މުއިއްޒު ބޭނުންފުޅުވަނީ ޔާމީނާއި ދުރުވަން. ބޮލެއް ސިކުނޑިއެއްހުރި މީހަކަށް މިކަން ވިސްނޭނެ.
1 3

ކިލަމަންޑްޒް

3 ސެޕްޓެމްބަރު 2024
ދޮގު އެވަރަށް ހެދުމުގެ އިތުރަށް ހާމަކުރަންޖެހޭ ކަންކަން ސިއްރުވެސް ކުރަނީ. ސިޔާސީ މުއައްޒަފުންގެ އަދަދާ އެމީހުންގެ ބޮޑުމުސާރަތަކަށް ދައުލަތުގެ ބަޖެޓުން ލޫޓުވާ މިންވަރުވެސް. އިޒުރޭލް ޕާސްޕޯޓް ބޭން ކުރަން ނިންމާފަވެސް އެއީ ރައީސް އަމިއްލައަށް ސަރުކާރަށް ގެއްލުންދޭން ނިންމި ނިންމުމަކަށް ވެފަވާހެން ހީވަނީ. މިއީ ހަމަ އެލްބޯޑުގަ ނާގާބިލް ބޮޑުމުސާރަވެރިން ހިންގާ ވެރިކަމެއް.
3 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް