އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލާ މީގެ ކުރިން މާލޭގައި މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
ސަފީރުންނަށް އުނދަގޫކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން، ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް އެއްވެ އަޑުއުފުލައި ސަފީރުންނަށް އުނދަގޫކުރަމުންދިއުމުގެ ތުހުމަތުގައި ދެ އަންހެނުން ހައްޔަރު ކުރުން އެމްޑީޕީ އިން ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ - ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާކޮށްފައިވާތީ އެމީހުން ހައްޔަރު ކުރީ އިއްޔެ އެވެ.
ތަފްސީލް - އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާ ދެކޮޅަށް މެދުކެނޑުމެއްނެތި އަޑުއުފުލަމުން ގެންދިޔަ އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށްފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހަމަ ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.
އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ކޮންމެ ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް އެ ޕާޓީ އިން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުން ހިޔާލު ފާޅުކުރަމުން ގެންދިޔައީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށާއި އެ ހިޔާލު ފާޅުކުރުން ހުއްޓުވުމަކީ އެމާއްދާގެ ދަށުން ހުއްދަ އަމަލެއް ނޫން ކަމަށް އެމްޑީޕީ އިން ބުންޏެވެ.
"ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ މިސަރުކާރުން ހިންގި އެއްވެސް އަމަލެއްގައި އިހުލާސްތެރިކަމެއް ނެތްކަން، މިހާތަނަށް މިސަރުކާރުން އަމަލުކޮށްފައިވާގޮތަށް ބެލުމުން ވެސް ހާމަވެ އެވެ،" އެމްޑީޕީ އިން ބުންޏެވެ.
އެމްޑީޕީ އިން ނެރުނު ބަޔާނުގައި އިތުރަށް ބުނީ:
ފަލަސްތީނަށް އެހީ ފޮނުވުމާއި ބައިނަލްއަގުވާމީ މުޖުތަމައުގައި އަޑުއުފުލުމުގައި އަދި ފަލަސްތީނުގެ ހައްގުގައި އަޅާނޭ ކަމަށް އިއުލާނުކުރި ފިޔަވަޅުތައް އެޅުމުގައި ވެސް މި ސަރުކާރުގެ ފުށުން ފެންނަނީ ފަހަތުފަޔަށް ބުރަވުމާއި އިހުމާލުގެ އަމަލުތައް ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނާ މެދު ދިވެހިންގެ ހިތުގައި އޮންނަ ހަމްދަރުދީއަކީ ރާއްޖޭގެ ރައްޔިތުންގެ އާންމު ޖަޒުބާތު ކަމަށާއި އެ ޖަޒުބާތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ކުރާ ގާނޫނު ހުއްދަކުރާ އަމަލެއްގެ ސަބަބުން ހިފައި ހައްޔަރު ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.
އެމްޑީޕީ އިން ވަނީ ޝާދިޔާ އާއި ޑރ. ޝަޒްރާ ވަގުތުން މިނިވަން ކުރަން ވެސް ގޮވާލައިފަ އެވެ.