ވިލިމާލޭގައި ވަގުތީ މާރުކޭޓް ހެދުމަށް ބަހައްޓާފައިވާ ޓެންޓެއް؛ މާރުކޭޓް ހަދާ ތަން އެކި ފަހަރުމަތިން ބަދަލުވެ، އެންމެފަހުން ނިންމީ ވިލިމާލޭގެ އިރުމަތީ ފަރާތުގައި ކުރީގެ ޑައިނަމޯ ހުރި ސަރަހައްދުގައި މާރުކޭޓް ހަދަން(ފޮޓޯ/މިހާރު)
ވިލިމާލޭ ވަގުތީ މާރުކޭޓް މައްސަލާގައި 3 ލައްކަ ދޭން ޖެހިއްޖެ
ވިލިމާލޭގައި ހަދަން ހަވާލުކޮށްފައިވާ ވަގުތީ ލޯކަލް މާރުކޭޓް މައްސަލާގައި އެތަން ހަދަން ހަވާލުކުރި ކުންފުންޏަށް ދޭންޖެހި ނުދީވާ ކަމަށް ބުނާ 364،965ރ. ދިނުމަށް މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
މައްސަލައިގެ ފެށުން - ވިލިމާލޭގައި ވަގުތީ މާރުކޭޓެއް އެޅުމަށް ހަވާލުކޮށްފައިވަނީ 2 ފެބްރުއަރީ 2022ގަ އެވެ. 'ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން' ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެތަނުގެ މަސައްކަތް ހަވާލުކުރީ 45 ދުވަސް ތެރޭ ނިންމާ ގޮތަށް 2.5 މިލިއަން ރުފިޔާ އަށެވެ.
ވީ ކިހިނެއް؟ - މާލޭ ކައުންސިލުގެ ސަބަބުން އެކި ފަހަރު މަތިން މަސައްކަތް ފެށުން ލަސްވެ އަދި ކުރެހުމާއި މަސައްކަތް ކުރާ ސަރަަހައްދަށް ގެނައި ބަދަލުތަކާ އެކު އިތުރު މަސައްކަތް ކުރަންޖެހި ގްލޯރިއަސް ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ބުނެ މާލެ ކައުންސިލާ ދެކޮޅަށް ބަދަލު ހޯދުމުގެ މައްސަލަ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅީ 31 މެއި 2023ގަ އެވެ.
މި މައްސަލާގައި އެ ކުންފުނިން އެދިފައިވަނީ އެކު ޖުމްލަ 1 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަދަލެއް މާލެ ކައުންސިލުގެ ފަރާތުން ނަގައިދިނުމަށެވެ. އެއީ:
-
އެއްބަސްވުމުގެ ބޭރުން ކުރުވާފައިވާ މަސައްކަތުގެ ތެރެއިން ނުލިބިވާ 364،965ރ.
-
މާލެ ކައުންސިލުގެ ސަބަބުން މަސައްކަތް ލަސްވުމާ ގުޅިގެން ގްލޯރިއަސް ކުންފުނީގެ އަތުން ހަރަަދުކުރަން ޖެހުނު 781،541ރ.
-
ބިލުތަކަށް ފައިސާ ނުދީ ލަސްވުމާ ގުޅިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 251،369ރ.
-
ނުސީދާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 500،000ރ.
ނަމަވެސް، މި މައްސަލާގައި އިއްޔެ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ނަގައިދީފައިވަނީ ހަމައެކަނި އެއްބަސްވުމުގެ ބޭރުން ކުރުވާފައިވާ މަސައްކަތްތަކަކަށް ނުލިބިވާ ކަމަށް ބުނާ 364،965ރ. އެވެ. އަދި މި ފައިސާ 14 ދުވަސް ތެރޭ ސިވިލް ކޯޓަށް ދެއްކުމަށް މާލެ ކައުންސިލުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
ބުނީ ކީކޭ؟ - ގްލޯރިއަސް ކުންފުނީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވާ ގޮތުގައި މާރުކޭޓް އަޅަން ހަމަޖައްސާފައިވާ ބިން ތިން ފަހަރެއްގެ މަތިން ބަދަލުވެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން މަސައްކަތް ފެށުން ލަސްވާ ކޮންމެ ދުވަހަކަށް އެ ކުންފުންޏަށް ގެއްލުންވަމުންދާކަން މާލެ ކައުންސިލުގެ ސަމާލުކަމަށް އެކި ފަހަރުމަތިން ގެނެސްފައިވާނެ ކަމަށާއި އެކަމުގެ ޒިންމާ ކައުންސިލުން ނަގާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
މައްސަލާގައިވާ ގޮތުން:
-
މާރުކޭޓް މަސައްކަތަށް ބިމެއް ކަނޑައަޅާ ހަވާލުކޮށްފައިވަނީ މަސައްކަތް ހަވާލުކޮށްފައި އޮންނަތާ އަހަރެއް ފަހުން 31 މާޗު 2022ގައި
-
އޭގެ ފަހުން އެއްބަސްވުމުން ބޭރުން އިތުރު މަަސައްކަތްތަކެއް ހަވާލުކޮށްފައިވޭ؛ އަމިއްލަ ތަކެތީގައި ކޮށްފައިވާ އެ މަސައްކަތަށް ދޭންޖެހޭ 364،965ރ. ލިބިފައެއް ނުވޭ
-
މަސައްކަތުގެ %72 ނިންމައި އެ މަސައްކަތަށްވާ 1.7 މިލިއަން ހޯދުމަށް ހުށަހެޅުމުން އެ ފައިސާ ދީފައިވޭ
-
މުޅި މަސައްކަތް 5 ޖުލައި 2022ގައި ނިންމާފައިވާނެ؛ އެ ދުވަސްތަކަށް ދޭންޖެހޭ 667،866ރ. ވެސް ދީފައިވަނީ ޖެހިގެން އައި އަހަރު
-
އޭގެ އިތުރުން ހޯދަން އެދިފައިވާ މިލިއަނެއްހާ ރުފިޔާ މިހާތަނަށް ދީފައެއް ނުވޭ
ރައްދުގައި ކައުންސިލުން ބުނީ، ގްލޯރިއަސް ކުންފުނިން ކުރި މަސައްކަތަށް ދޭން ޖެހޭ ފައިސާ ދީފައިވާނެ ކަމަށާއި އޭގެ އިތުރުން ހޯދަން އެދިފައިވާ ފައިސާގެ އަދަދުތަކަކީ އެއްބަސްވުމުގެ ދަށުން ދޭން ޖެހޭނެ ފައިސާއެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި އިތުރު މަސައްކަތުގެ ގޮތުގައި ކުރުވާފައިވާ ކަމަށް ބުނެ ހޯދަން އެދިފައިވާ ފައިސާއާ ގުޅޭ މަސައްކަތްތަކަކީ ވެސް ކައުންސިލުގެ އެންގުމެއް ނެތި ކުންފުނިން އަމިއްލައަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމުން އެ ފައިސާއަށް ވެސް ޒިންމާވާން ނުޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ނަމަވެސް، ސިވިލް ކޯޓުގެ ހުކުމުގައި ބުނީ:
-
މާރުކޭޓް އެޅުމަށް ހަމަޖެއްސި ސަރަހައްދު ބަދަލުކުރުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި ފެންސުތަކެއް ނެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ގްލޯރިއަސް ކުންފުނީގެ ކިބައިން މާލެ ކައުންސިލުން އެދިފައިވާކަން ދެފަރާތުގައި ބަދަލުކުރެވިފައިވާ ލިޔެކިއުންތަކުން އެނގޭ
-
އެއީ އެއްބަސްވުމުގައި ހިމެނިފައިނުވާ ކަންތައްތަކެއްކަން ވެސް އެނގޭ
-
އެހެންކަމުން، އެ މަސައްކަތަށް ދޭން ޖެހޭ ކަމަށް ބުނާ 364،965ރ. އަކީ މާލެ ކައުންސިލުން އެ ކުންފުންޏަށް ދޭން ޖެހޭނެ ފައިސާކަން ސާބިތުވޭ
ދެން އެ މައްސަލާގައި ނަގައިދޭން އެދިފައިވާ ފައިސާ އެއީ ދޭން ޖެހޭނެ ފައިސާއެއް ނޫން ކަމަށް ކޯޓުން ނިންމާފައިވަނީ، އެ ހަރަދުތަކަކީ ހަގީގަތުގައި ވެސް ގްލޯރިއަސް ކުންފުނިން ކޮށްފައިވާ ހަރަދުތަކެއްކަން އަންގައިދޭ ލިޔެކިއުންތަކެއް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނުވާތީ އެވެ.