ޔާމީން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ޔާމީންގެ ބާތިލްކުރި 11 އަހަރުގެ ހުކުމުގެ ޝަރީއަތް ބުދައިގައި އަލުން ފަށަނީ
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށަން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އާރަށް މައްސަލާގައި ކްރިިމިނަލް ކޯޓުން 25 ޑިސެމްބަރު 2022ގައި ޔާމީންގެ މައްޗަށް އިއްވީ:
-
ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް
-
މަނީ ލޯންޑަރިންގެ ކުށަށް، 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)ގެ ޖޫރިމަނާއަކާ އެކު ހަތް އަހަރުގެ ޖަލު ހުކުމެއް
މި ނިންމުން ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް މިދިޔަ 18 އެޕްރީލްގައި ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އެންގި އެވެ.
އެ ހުކުމް ބާތިލުކުރުމުން ޔާމީން މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމުން މިނިވަންވެފަ އެވެ.
ތަފްސީލް - މައްސަލައިގެ ޝަރީއަތް ފަށާނެ ތާރީހާ ގުޅޭ ގޮތުން ސުވާލުކުރުމުން ކްރިމިނަލް ކޯޓުން މިއަދު 'ދައުރު'އަށް ބުނީ ޝަރީއަތް މި ހަފްތާގައި ފަށަން ގާޒީ އަލީ ނަދީމް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން:
-
އާރަށް މައްސަލައިގެ ޝަރީއަތް ފަށަން ބާއްވާ އަޑުއެހުން އޮންނާނީ އަންނަ ބުދަ ދުވަހު
-
ކްރިމިނަލް ކޯޓުގައި މިވަގުތު ހުއްޓިފައި އޮތް ޔާމީންގެ ރ. ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ވެސް ގިނަ ދުވަސްތަކަކަށް ފަހު އަންނަ އަންގާރަ ދުވަހު އޮންނާނެ
ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން މި ފަށަނީ އެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގިތާ ހަތަރު މަސް ފަހުންނެވެ. އަދި ފުއްގިރި މައްސަލާގައި ވެސް އަޑުއެހުންތައް މަޑުޖެހިފައި އޮންނަތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
އެނގުން މުހިންމު - ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ފަށަން ތައްޔާރުވެފައި ވާއިރު، މި މައްސަލަ ދަށު ކޯޓުން އަލުން ބަލާއިރު ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތްކުރުމަށް ހައި ކޯޓުން އަންގާފައިވާ އެންގުމުގެ ބައި ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ދައުލަތުން މިހާރު އޮތީ އެދިފަ އެވެ. އެ މައްސަލަ އަދި އެ ކޯޓުން ބަލައެއް ނުގަނެ އެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުވެފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ހުކުމް ހައި ކޯޓުން ބާތިލުކުރީ، ހެކިތައް ޖުމްލަކޮށް ވަޒަންކުރުމުގައި ދަށު ކޯޓުން ގޯސްތަކެއް ހަދާފައިވާ ކަމަށް ގަބޫލުކުރެވޭތީ އެވެ.
ދަށު ކޯޓުން މި މައްސަލަ އަލުން ބަލާއިރު ރިއާޔަތްކުރަން ޖެހޭ ކަންތައްތަކެއް ހައި ކޯޓުން ކަނޑައަޅާފައިވެ އެެވެ. އެގޮތުން، ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކުރީ:
-
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދީ، އެއާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅަން
-
ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގެންފައި ވަނީ އިޖުރާއަތާ ހިލާފަށް ކަމުން އެ ހެކި އެއްފަރާތްކޮށް މައްސަލާގައި ގޮތެއް ނިންމުމަށް
-
މައްސަލަ އަލުން ބަލާއިރު މި މައްސަލާގައި ކުށް ސާބިތުވެފައިވާ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވި ވިދާޅުވުމަކަށް އެމްއެމްޕީއާރުސީގެ ފައިސާއިން ޔާމީން ފައިސާ ނެންގެވި ކަމަށް ޝައްކުކުރެވޭ ކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމަވާފައިވަނީ ގޯސްކޮށް ކަމުން އެ ދޭހަ އެއް ފަރާތް ކުރުމަށް
-
މައްސަލަ އަލުން ބަލާއިރު ހެކިތައް ވަކިވަކިން ވަޒަން ކުރުމަށް
ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ފަނޑިޔާރު ފުރުސަތު ދެއްވާފައި ނުވާތީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ދިފާއުވުމުގެ ހައްގާއި އިސްތިއުނާފް ކުރުމުގެ ހައްގުން ޔާމީން މަހުރޫމްވެފައިވާ ކަމަށެވެ.
އަދި ޝަރީއަތުގެ މަޖިލީހުގައި އިޖުރާއީ އައިބެއް އޮތްކަން ސާފުވާ ކަމަށާއި އޭގެ ސަބަބުން ހެކި ވަޒަންކޮށްފައިވާ ގޮތަށް ބަދަލުއައުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައި ވެއެވެ.
ގުޅުންހުރި ކަމެއް - އާރަށު މައްސަލާގައި ޔާމީންއަށް ރިޝްވަތު ދިންކަން ސާބިތުވި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމުގެ މައްޗަށް އިއްވާފައިވާ ތިން އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފަ އެވެ.
ކޮމެންޓް (1)
ސިކުނޑި