މިޔަރަކާއެކު ޑައިވަރަކު (ފޮޓޯ/ ކަނޑިއަޑި)
ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ވިޔަފާރީ ބޭނުމަށް ބޭނުންކުރުން ހުއްދަ ދެނީ
ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ޕްރޮސެސްކޮށް ވިޔަފާރީ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ ލިބޭގޮތަށް ލޭނު މަސްވެރިކަމާބެހޭ ގަވައިދެއް އެކުލަވާލައި އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ލިބޭނެ މަސްވެރިކަމުގެ ކޯޓާ ކުޑަވެދާނެކަމަށް ބަލާ ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކުރުމުގެ މަގުސަދުގައި ލޭނު މަސްވެރިކަން ރާއްޖޭގައި އަލުން ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ މާޗު މަހު އޮތީ ނިންމާފަ އެވެ.
ވަޒީރުންގެ މަޖިލީހުގެ އެ ނިންމުމާ ގުޅިގެން ލޭނު މަސްވެރިކަން ކުރުމާބެހޭ ގަވައިދެއް އެކުލަވާލައި އެ ގަވާއިދަށް ހިޔާލުފާޅުކުރުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.
ތަފްސީލް - މިގަވައިދުގައި ވާގޮތުން، ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު އަދި އެ މަސްވެރިކަމުގައި އަމާޒުނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް، ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ ލިބޭނީ އެފަދަ ބާވަތްތައް ޕްރޮސެސްކުރުމުގެ ހުއްދަ އޮތް ތަންތަނަށެވެ. އެގޮތުން:
-
ލޭނުގައި ޖެހި މަރުވެފައިވާ މިޔަރު ޕްރޮސެސްކުރުމަށް ހާއްސަ ލައިސެންސެއް ދޫކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވޭ
-
މި ލައިސެންސް ލިބިފައިވާ ފަރާތަކަށް މިޔަރު ކިރައި ޕްރޮސެސްކުރުމަށް ގަވައިދުގެ ދަށުން ހުއްދަކޮށްފައިވޭ
-
މިފަދަ ތަންތަނުން ވެސް ހިފޭ މިޔަރާ މެދު އަމަލުކުރަން ޖެހެނީ މަސް ޕްރޮސެސްކުރާ ފެސިލިޓީތަކެކޭ އެއްގޮތަށް، ކިރާ މިޔަރުގެ މައުލޫމާތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ފޮނުވައި މަސް ޕްރޮސެސްކުރުމުގެ ޝަރުތުތަކާ އެއްގޮތަށް
ނަމަވެސް، ލޭނު މަސްވެރިކަން ކުރުމަށް ލައިސަސްދީފައިވާ އުޅަނދު ފަހަރުތަކުގައި ސީދާ މިޔަރަށް އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ގަވައިދުގައި ހިމަނާފައި ވެއެވެ.
މިނިސްޓްރީން ބުނީ އެއީ ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުން ނޫން ކަމަށެވެ އަދި އެއީ އެ މަސްވެރިކަމަށް ހުޅުވާލުމުގެ ވިސްނުމުގައި އަޅާ ފިޔަވަޅެއް ވެސް ނޫން ކަމަށް ވެސް ބުންޏެވެ. މިގޮތުން ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ފަދަ ތަކެތި މަދުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް މި ގަވާއިދުގައި ހިމަނާފައި ވެސްވެ އެވެ.
އެގޮތުން ހިމަނާފައިވާ ކަންކަމަކީ:
-
މަސްވެރިކަން ކުރާއިރު ލޭނުކޮޅުގެ މިޔަވާލީގެ ގޮތުގައި ވަޔަރު ނުވަތަ ނަރު ބޭނުން ނުކުރުން
-
ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާ ވެސް އަވަހަކަށް ދޫކޮށްލުން
-
މަރުވެފައި އޮންނަ މިޔަރު ބަނދަރަށް ގެންނައިރު އެއްވެސް އުރަހައެއް ހަށިގަނޑުން ވަކިނުކޮށް ގެނައުން
ކޮމެންޓް