ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)

ކުއްޖަކާ ބެހުނީ 'އިސްކުރު މަދު މީހެއް' ކަމަށް ބުނެ ތިނަދޫ ކޯޓުން ބޭރުކޮށްލި މައްސަލަ ބަލަން އަންގައިފި

ދައުވާ ލިބޭ ފަރާތާއި މުހާތަބުކޮށް "މީހަކީ އިސްކުރު މަދު މީހެއް" ކަމަށް ކޯޓުގެ ފަނޑިޔާރު ވިދާޅުވެފައިވާ ވިދާޅުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ހައި ކޯޓުގެ ނިންމުމުގައިވޭ

ކުޑަކުއްޖެއްގެ ގައިގާ އަތްލި ކަމަށް ބުނާ މައްސަލައެއްގައި ދައުވާކޮށްފައިވާ މީހެއްގެ "އިސްކުރު މަދު" ކަމަށް ބުނެ، އޭނާ އަކީ އެ ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ މީހެއް ކަމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ބާތިލުކޮށްފި އެވެ.

މައްސަލައިގެ ފެށުން - ޝިފާއު މުހަައްމަދު، ނޫރަލިއާގެ/ގދ. ތިނަދޫގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް 24 ޖޫން 2021ގައި ދައުލަތުން މި މައްސަލަ ހުށަހެޅުމާ އެކު ޝިފާއުގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި، އެ ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާކަމުގެ ދިފާއެއް އަނގަބަހުން ހުށަހަޅާފަ އެވެ.

ތިނަދޫ ކޯޓުގައި މި މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ނިހާމް ރަޝީދު މި މައްސަލާގައި ނިންމެވި ނިންމުމުގައި ބުނެފައިވަނީ:

  • ކްލިނިކަލް ފިސިއޯލޮޖިސްޓެއް ކަމަށްވާ ވިނޯދު ކުމާރު އަޒުހަގާރުގެ ހެކިބަހުންނާއި މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކުން ޝިފާއު އަކީ މުޖުތަމައުގައި ބޭނުންކޮށް އުޅޭ "އިސްކުރު މަދު މީހެއް" ކަމަށް ބުނެއުޅޭ ހާލަތުގައި ހުރި މީހަކު ކަމަށް ބުރަވެވޭ

  • މި މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކުން ފިސިއޯލޮޖިސްޓުގެ ހޯދުންތަކަށް ބާރުލިބެން އޮންނާތީ ޝިފާއު އަކީ ވިސްނައިގަތުމަށާއި ދިފާއުގައި ވާހަކަދެއްކުމަށް ނުކުޅެދޭ މީހަކުކަން ސާބިތުވާ ކަމަށް ކަނޑައަޅަން 

ވީ ކިހިނެއް؟ - މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފްކުރި މައްސަލާގައި ބުނީ ނަފްސާނީ އުނިކަމެއް ހުރުމަކީ އޭގެ ޒާތުން ދައުވާ ލިބިގަތުމަށް ހުރަހަކަށް ވެދާނެ ކަމެއް ނޫން ކަމަށެވެ.

ޝިފާއުއަށް ޝަރީއަތް ދެނެގަނެވޭނެތޯ ސުވާލުކުރުމުން ބޮޑެތި ކަންކަން ނިންމުމުގައި އެހެން މީހުންގެ އެހީތެރިކަން ބޭނުންވި ނަމަވެސް، އެހެން މީހުންގެ އެހީތެރިކަމާ އެކު ޝަރީއަތް ކުރިއަށް ގެންދިއުމުގެ ގާބިލިއްޔަތު ޝިފާއުގެ ކިބައިގައި ހުރި ކަމަށް މި މައްސަލައިގައި އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ހަބީރު ވެސް ދަށު ކޯޓުގައި ބުނެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

މައްސަލައިގައި ވަކީލަކާ ނުލައި ޝިފާއު ހާޒިރުވި ދުވަހު ޝަރީއަތުގައި ވަކީލެއް ބޭނުންވާ ކަމަށާއި މައްސަލައަކީ ކޮން ބާވަތެއްގެ މައްސަލައެއްތޯ، މިފަދަ ކަންކަން ފަހުމް ވާކަން އޭނާ ޝަރީއަތުގައި ދެއްކިވާހަކައިން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ތަފްސީލް - ހައި ކޯޓުން މި މައްސަލާގައި އިއްޔެ ވަނީ، ތިނަދޫ ކޯޓުން މި މައްސަލާގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައުލަތުން މި މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ، މައްސަލައިގެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް އަލުން މައްސަލަ ކުރިއަށް ގެންދިއުމަށް ތިނަދޫ ކޯޓަށް އަންގާފަ އެވެ.

ޝިފާއުގެ ސިއްހީ ހާލަތާ ގުޅޭ ޓެސްޓަކީ ގާނޫނާ އެއްގޮތަށް ހަދާފައިވާ އެއްޗެއްތޯ ކަށަވަރުކޮށް، އޭނާގެ މައްޗަށް ދިފާއު ލިބިގެންވޭތޯ އަލުން ބެލުމަށް ވެސް އެންގި އެވެ.

ހައި ކޯޓުގެ ނިންމުމުގައި ބުނީ:

  • މި މައްސަލާގައި ޝިފާއުގެ ސިކުނޑީގެ ހާލަތާ ގުޅޭ ގޮތުން ރިޕޯޓު ތައްޔާރުކޮށް ހެކިބަސް ދިން ފިސިއޯލޮޖިސްޓުގެ ބަހުން ވެސް އާންމު ވިސްނުމާ އެކަށީގެންވާ މިންވަރަށް ކަންކަން ކުރުމުގެ ގާބިލުކަން ޝިފާއުގެ ހުރި ކަމަށް ބަޔާންކޮށްފައިވޭ 

  • ހަބީރުގެ މިބަހުން ދިފާއެއް ބިނާކުރުމަށް ނުކުޅެދޭ މިންވަރަށް ނެތްކަން ދޭހަވަނީ ކިހިނެއްކަން ސާފެއް ނޫން

  • ޝިފާއު އަކީ ސިކުނޑީގެ ހާލަތަށް އަދި ޖިސްމާނީ ހާލަތަށް ބަލާއިރު، ދިފާއުގައި ވާހަކަ ދެއްކުމަށް އެހީވެދެވޭ އަދި އަމިއްލައަށް ޝަރީއަތަށް ޖަވާބުދާރީވެވޭ އަދި ހެކިވެރިންނާ ސުވާލުކޮށް، ވަކީލުންނާ މުއާމަލާތުކުރުމުގެ ގާބިލުކަން ހުރި މީހެއްކަން ކަށަވަރުކުރެވިގެންދޭ

  • މި މައްސަލާގައި ދައުވާ ބަލައިގަތުމަށް ކުޅެދޭނެ ކަމަށް ބުރަދަން ދޭ ކަންތައްތަކާ އަދި ނުކުޅެދިގެންވާ ކަމަށް ބެލިދާނެ ކަންތައްތައް ހުރިއިރު، ދައުވާ ރައްދުވާ ފަރާތަކީ "އިސްކުރު މަދު މީހެއް" ކަމަށް ބުނެއުޅޭ ހާލަތުގައި ހުރި މީހަކު ކަމަށް ފަނޑިޔާރަށް ބުރަވެވުނު ގާނޫނީ އަސާސް ސާފެއް ނުވޭ 

ދައުވާ ލިބޭ ފަރާތާއި މުހާތަބުކޮށް "މީހަކީ އިސްކުރު މަދު މީހެއް" ކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިހާމްގެ ނިންމުމުގައި ވިދާޅުވެފައިވާ ވިދާޅުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ. އެ ބުނުމަކީ ގާނޫނީ ގޮތުން ދެވޭ މާނައެއް، ބުރަދަނެއް ނުވަތަ ނަތީޖާއެއް ސާފުނުވާ ބުނުމެއް ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.

"އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވެސް ކަރާމާތަށް އިހްތިރާމްކުރުމުގެ މަގުސަދު ހާސިލުކުރުމުގެ ބޭނުމުގައި ހާއްސަ ގާނޫނެއް ހެދިފައިވާ އިރު މުޖުތަމައުގައި ބޭނުންކުރެވޭ ސުވާލު އުފެދޭ މިބާވަތުގެ ބަސްތައް، އެއަށް ބުރަދަން ދޭ އެއްވެސް އަސާސެއް ނެތި، ގަލާއީ ނިންމުމެއްގައި މިފަދައިން ނިންމައި މުހާތަބުކުރުމަކީ އެދެވޭ ގޮތެއް ކަމުގައި ނުދެކެމެވެ،" ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.

މި މައްސަލައިގައި ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ތައްޔާރުކޮށްފައިވާ ކްލިނިކަލް ސައިކޮލޮޖިސްޓާ މެދު ވެސް ހައި ކޯޓުން ވަނީ ސުވާލު އުފައްދާފަ އެވެ.

ކްލިނިކަލް ސައިކޮލޮޖިސްޓަކީ ގާނޫނުގެ ބޭނުމަށް މިފަދަ އެގްޒެމިނޭޝަނެއް ހެދުމަށް ގަބޫލުކޮށްފައިވާ ފަންނުގެ ދާއިރާގައި ހިމެނޭ މީހެއްކަން މައްސަލައިގައި ޔަގީންކޮށްފައި ނުވާ ކަމަށް ހައި ކޯޓުން ބުންޏެވެ. އެހެންވެ، މި ރިޕޯޓަކީ އިޖުރާއަތާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްތޯ ދެނެގަންނަން ޖެހޭ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް