މާލޭ ނޯތު ހާބަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫދް ޖުނައިދު)

މާލޭ ބަނދަރުތައް ޒަމާނީކޮށް ބޯޓުން ފީ ނެގުމަށް މަޝްވަރާކުރަނީ

މާލޭގައި ބަނދަރުކުރާ ބޯޓުފަހަރުތަކުން ފީ ނެގުމުގެ ގަވާއިދެއް ކައުންސިލުން މީގެ ކުރިން ފާސްކޮށްފައި އެބައޮތް، އެކަމަކު އެޔަށް އަމަލުކުރަމަކުން ނުދޭ

މާލޭ ނޯތު ހާބަރުގައި ބޯޓުފަހަރު އަޅާ ގޮތާ ގުޅޭ ގޮތުން ހުރި ޝަކުވާތަކާ އެކު، އެ ބަނދަރު ތަރައްގީކޮށް ބަނދަރުތަކުގައި އަޅާ ބޯޓުފަަހަރުތަކުން ފީ ނެގުމާ މެދު މާލޭ ސިޓީ ކައުންސިލުން މިއަދު މަޝްވަރާކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މަޝްވަރާކޮށްފައިވަނީ މާލޭ ކައުންސިލުން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ. އެކަމާ ގުޅޭ ގޮތުން ކައުންސިލް ބައްދަލުވުމަށް މޭޔަރު އާދަމް އާޒިމް މިއަދު ހުށަހެޅުއްވި މައްސަލާގައި އެކަމަށް ހައްލު ގެންނަން ހުށަހަޅުއްވާ ހުށަހެޅުމެއްގެ ގޮތުގައި އޮތީ ބަނދަރުގައި އަޅާ ބޯޓުފަހަރުތަކުން ކޮންމެވެސް މިންވަރެއްގެ ފީއެއް ނެގުމަށެވެ.

ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި ފާސްކުރީ ރަނގަޅު މާސްޓަ ޕްލޭނަކާ އެކު ބަނދަރު ޒަމާނީކޮށް، ފީއެއް ނެގުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ ކުރިން އެކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ބެލުމަށް ކައުންސިލްގެ ޓްރެފިކް ކޮމިޓީއަށް މައްސަލަ ފޮނުވުމަށެވެ.

މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/މާލޭ ސިޓީ ކައުންސިލް)

ބުނީ ކީކޭ؟ - މި މައްސަލަ ހުށަހެޅި ސަަބަބެއް ކަމަށް އާޒިމް ވިދާޅުވީ، ބައެއް ބޮޑެތި ބޯޓުފަހަރު މާލޭގެ ބަނދަރުގައި އަޅާފައި އޮންނަ ގޮތުން ބައެއް ބޯޓުފަހަރުގެ ވެރިންގެ ކިބައިން ޝަކުވާތައް ލިބިފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ މާލެ ދަތުރުކުރާ އަތޮޅުތަކުގެ ބޯޓުފަަހަރުގެ ވެރިންގެ ތެރެއިން 60އެއްހާ މީހުން ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން، ހިއްސާކުރި ޝަކުވާތަކުގެ ގޮތުގައި އާޒިމް ވިދާޅުވީ:

  • ބަނދަރު ކުރުމުގައި އެއްވެސް އުސޫލެއް ނެތުމުގެ ސަބަބުން ބައެއް ބޯޓުފަހަރަށް ބޮޑެތި ސަރަހައްދުތަކެއް ލިބިފައި އަނެއް ބައި ބޯޓުފަހަރަށް ވަރަށް ކުޑަ ސަރަހައްދެއް ލިބުމުގެ ޝަކުވާ

  • ބައެއް ބޯޓުފަހަރުތައް ބަނދަރުގައި މުޅި ބޯޓު ހުރަހަށް ބާއްވައިގެން ގިނަ ދުވަސްތަކެއް ވަންދެން އޮތުމުގެ ސަބަބުން އަނެއް ބައި ބޯޓުތަކަށް ބަނދަރުން ޖާގަ ނުލިބޭ ކަމުގެ ޝަކުވާ

އާޒިމް ވިދާޅުވީ ބަނދަރުކުރާ ބޯޓުފަހަރުތަކުން ފީ ނެގުމުގެ ގަވާއިދެއް ކައުންސިލުން މީގެ ކުރިން ފާސްކޮށްފައި ވެސް އެބައޮތް ކަމަށާއި އެކަމަކު އެއަށް އަމަލުކުރަމުން ނުދާ ކަމަށެވެ.

"ބަނދަރުގައި މަސް ދެ މަސް ތިބޭއިރު ދެން އަންނަ މީހުން ކިޔޫ ތަރުތީބަށް ދާއިރު 30 ވަނައަަށް ވެސް އެބަ ވެއްޓޭ ބައެއް ބޯޓުފަހަރު. އެމީހުން އެބަތިބޭ ދެ ހަފްތާ، ތިން ހަފްތާ ކައިރި ނުކުރެވިގެން. އެހެންވެއްޖެއްޔާ އެއް ބަޔަކަށް ވަރަށް ބޮޑު ފައިދާއެއް އަނެއް ބަޔަކަށް ވަރަށް ބޮޑު ގެއްލުމެއް އެއީ. އެހެންވީމާ އިންސާފުވެރި ރަނގަޅު ގޮތެއް ހަދައިދޭން މިތަނުގެ މަޝްވަރާއަށް މިގެނައީ."

މާލެ ދަތުރުކުރާ އަތޮޅުތަކުގެ ބޯޓްފަހަރުގެ ވެރިން މޭޔަރު އާދަމް އާޒިމްއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކުރަނީ. (ފޮޓޯ/މާލޭ ސިޓީ ކައުންސިލް)

މިކަމާ ގުޅޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރައްވާ ޑިމޮކްރެޓްސްގެ މެމްބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވީ މިހާރު މާލޭގެ އެއްވެސް ބަނދަރެއް ބަލަހައްޓަންވާނީ މާސްޓަ ޕްލޭނެއްގެ ދަށުން ޒަމާނީކޮށްގެން ކަމަށެވެ. އެތަނުގައި ބަނދަރު ކުރާ ބޯޓުފަހަރުގެ އަދަދާއި މުއްދަތު ހިމެނޭހެން ވަކި މުއްދަތެއްގެ ތެރޭގައި ބޯޓު ފަހަރު ނުނަގައިފި ނަމަ އެޅޭނެ ފިޔަވަޅުތަކެއް ވެސް ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަނދަރު ބެލެހެއްޓުމުގެ ހާއްސަ އުސޫލުތަކަކާ އެކު އެކަށީގެންވާ ފީ އެއްވެސް ނަގަން ޖެހޭނެ ކަަމަށް ސައިފް ވިދާޅުވި އެވެ. މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އަޅާ ނުލާ ދޫކޮށްލާފައި އޮތް މައްސަލައެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ މައްސަލައަށް ހައްލު ގެނެވޭނީ މުޅި ހާބަރު އެއްކޮށް ޒަމާނީ ކޮށްގެން ކަމަށެވެ.

"އަޅުގަނޑަށް ތާއީދުކުރެވެނީ ހާބާ މާސްޓަ ޕްލޭނެއް އެކުލަވާލައިގެން އޮގަނައިޒް ގޮތަކަށް އެސްއޯޕީތަކެއްގެ ދަށުން އުސޫލުތަކެއްގެ ދަށުން ފީ އެއްވެސް ނަގައިގެން އެތަން މެނޭޖުކުރަން،" ސައިފް ވިދާޅުވި އެވެ.

އޭނާ ހުށަހެޅުމަށް ބައްދަލުވުމުގައި ތިއްބެވި އެހެން މެމްބަރުން ވެސް ތާއީދުކުރެއްވި އެވެ. އެހެންވެ، ބައްދަލުވުމުގައި ފާސްވީ ބަނދަރު ޒަމާނީކޮށް، އުސޫލުތަކެއްގެ ދަށުން ފީއެއް ނަގަން ކޮމިޓީ މަރުހަލާގައި މަޝްވަރާކުރުމަށް ފަހު ކައުންސިލް ބައްދަލުވުމަށް އެ މައްސަލަ އަލުން ގެނައުމަށެވެ. 

ކޮމެންޓް (2)

ހަމަ އަހާލީ

8 އޯގަސްޓު 2024
އަންނި ޗެޓީ ކީއްވެ ހުސްކޮށް އޮންނަނީ؟ އެތަނަށް ދޯނި ގާތް ކުރުން މަނާތޯ؟
0 1

މައްޔާ

8 އޯގަސްޓު 2024
މިހާރުވެސް މާލޭގެ ނޯރތް ހާރބަރ އަދި ޓީ ޖެޓީއަށް ކައިރި ކުރާ އުޅަނދުތަކުން ބޮޑެތި ފީތަށް ނަގަމުންދެއެވެ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް