ހުޅުމާލެ މަސް މާރުކޭޓު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ލޭނު މަސްވެރިކަމަށް ހުއްދަ ދޭތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
ބޮޑުކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ސަރުކާރުން ހުއްދަ ދޭން އުޅޭތީ އިދިކޮޅު އެމްޑީޕީން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީން އެކުލަވާލައި އަދި ގެޒެޓްނުކޮށް އޮތް އެ ގަވާއިދު އޮތީ ވަރަށް ނުރައްކާތެރިކޮށް ކަމަށެވެ.
އެ ގަވާއިދު މިހާރު އޮތީ އާންމުންގެ ހިޔާލަށް ހުޅުވާލާފަ އެވެ. އެ ގަވާއިދާ ގުޅޭ ގޮތުން ހިޔާލެއް އޮތް ނަމަ މި މަހުގެ 18ގެ ކުރިން ފޮނުވަން ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ތަފްސީލް - ޒިޔާދު ވިދާޅުވީ އެ ގަވާއިދުގައި ބުނާ ގޮތުން ބޮޑުކަންނެލީގެ މަސްވެރިކަން ދެން ކުރެވޭނީ ހަމައެކަނި ބިދޭސީންނަށް ކަމަށެވެ.
އެނގުން މުހިންމު - ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ ލޭނު މަސްވެރިކަމުގެ ގަވާއިދު ބުނާ ގޮތުން ލޭނު މަސްވެރިކަން ކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްގައި އެކަމަށް ހާއްސަ ސަރަހައްދުގައި މިނިސްޓްރީން ދޫކުރާ ހާއްސަ ލައިސެންސެއް ލިބިގެންނެވެ.
ލޭނު މަސްވެރިކަމަށް ބޭނުންކުރާ އުޅަނދު ރަޖިސްޓަރީކޮށްފައި އޮންނަންވާނީ ދިވެހި ރައްޔިތެއް ނުވަތަ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ގާނޫނީ ޝަހުސެއްގެ ނަންމަތީގައި ކަމަށް ގަވާއިދު ލާޒިމްކުރެ އެވެ. އަދި މިގޮތަށް ރަޖިސްޓަރީވެފައިވާ އުޅަނދެއްގެ 'ބެނެފިޝަލް އޯނަޝިޕް' އެއްވެސް ބިދޭސީ ފަރާތަކަށް އޮވެގެން ނުވާނެ ކަމަށް ވެސް ގަވާއިދުގގައު ބުނެފައިވެ އެވެ.
"އަދި މީގައި އެންމެ ނުރައްކާ ތަންކޮޅަކީ މިހާރު މިޔަރު ވެސް ނެގޭ ދިވެހިންނަށް ނުވަންޏާ ގަވާއިދު ބުނާ ގޮތުން، މިޔަރު ހުއްދަވަނީ ދިވެހިން ނޫން މީހުންނަށް،" ޒިޔާދު ވިދާޅުވި އެވެ.
"ގަވާއިދުގައި ލިޔެފައި އޮތީ ލޭނުގައި ޖެހޭ މިޔަރު މަރުވެއްޖެ ނަމަ ނަގާށޭ، ދިރެންޏާ ދޫކޮށްލާށޭ، ތިމަންނަމެން މޮނީޓާ ކުރާނަމޭ. މީގައި އެބައޮތް ލިޔެފައި ލޭނުގައި އަޅަންވާ ލީޑާ ބުޅީގެ ސައިޒާއި މިނާ ވެސް، އެއީ ވެސް ތިމަންނާމެން މޮނީޓާ ކުރާނަމޭ. މި ނުރައްކާވާ ކަމަކީ މިހާރު ކުރަން މިއުޅޭ ކަމަކީ ޕާޓީގެ ރައީސް [އަބްދުﷲ ޝާހިދު] އެ ވިދާޅުވިހެން ކަނޑު މި ވިއްކާލެވެނީ."
ޒިޔާދު ވިދާޅުވީ އެ ގަވާއިދާ އެކު ބޮޑު ކަންނެލީގެ މަސްވެރިކަން ދިވެހިންގެ އަތުން ގެއްލޭނެ ކަމަށާއި މިއީ މަސްވެރިން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
ގަވާއިދުގައިވާ ގޮތުން ލޭނު މަސްވެރިކަމުން ބޭނޭނީ:
-
ލޯ ބޮޑު ކަންނެލި
-
ރީނދޫއުރަހަ ކަންނެލި
-
ހިބަރު
އެ ގަވާއިދުގައިވާ ގޮތުން، ލޭނު މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ޕްރޮފެޝަނަލް ތަމްރީނު ލިބިފައިވާ މާސްޓާ، މާސްޓާ ފިޝަމަން ނުވަތަ ކެޕްޓަނުގެ ގޮތުގައި އެކަކު އަދި އިންޖިނިއަރެއްގެ ގޮތުގައި އެއް ބިދޭސީއަށް ހަރަކާތެރިވެވޭނެ އެވެ.
އެ ގަވާއިދުގައި ވަނީ:
-
ލޭނު މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުގައި ވެސަލް މޮނިޓަރިން ސިސްޓަމް ހަރުކޮށް، ފުރުމުގެ 48 ގަޑިއިރު ކުރިން މިނިސްޓްރީގެ ޑީޕާޗާ ކްލިއަރެންސް ފޯމް ފުރަންޖެހޭނެ
-
އެ އުޅަނދުގައި މިނިސްޓްރީން ކަނޑައަޅާ އިލެކްޓްރޯނިކް މޮނިޓަރިން ސިސްޓަމެއް ހަރުކުރަން ޖެހޭނެ
-
ލޭނުގައި ޖެހި ބޭނޭ މިޔަރު ނަގާއިރު މަރު ނުވާ ނަމަ ދޫކޮށްލަން ޖެހޭ؛ މަރުވެފައި އޮންނަ މިޔަރު ޕްރޮސެސްކުރަން ބޭނުންކުރެވިދާނެ
-
ފީކަންފަތް މިޔަރާއި ކަނޑިމިޔަރު މަރުވެފައި އޮތް ނަމަވެސް ބޭނުންކުރުން މަނާވާނެ
-
މިޔަރު ޕްރޮސެސްކޮށް ރާއްޖޭން ބޭރަށް ވިއްކަން އެކަމަށް ހާއްސަ ހުއްދައެއް ނަގަންޖެހޭނެ
-
މިޔަރު ޕްރޮސެސްކޮށް ރާެއްޖޭގެ އެތެރޭގައި ވިޔަފާރި ކުރުމަކީ މަނާ ކަމެއް
-
ލޭނު މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުގައި %20އަށް ވުރެ ގިނައިން ބިދޭސީންނަށް ހަރަކާތެރިވެވޭނެ، އެކަމަކު އެއީ ހާއްސަ ކޯޓާ ފީއެއް ދައްކައިގެން
ފާހަގަކޮށްލެވޭ - ދިވެހި މަސްވެރިކަމުގެ ހާލަތު މިހާރު އޮތް ގޮތަށް އޮއްވައި ބޮޑުކަންނެލި މަސްވެރިކަމަށް ލޭނުއަޅަން ހުއްދަ ދީފި ނަމަ، އާންމު މަސްވެރިން ބަނގުރޫޓުވާނެ ކަމަށް، މަސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން މިދިޔަ ޖޫން މަހު ވަނީ ބުނެފަ އެވެ.
ކޮމެންޓް (1)
ަްައަސްލުމީ