12 ޖޫން 2024: ހުޅުމާލެ މަސް މާރުކޭޓުގައި މަސް ކިރަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މަސްވެރިކަން ރަނގަޅުވާން ފަށައިފި: މިފްކޯ
މަސްވެރިކަން ދަށްވުމަށް ފަހު ރަނގަޅުވާން ފަށާފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް އިން ފެށިގެން އޮގަސްޓު މަހާ ހަމައަށް ރާއްޖޭގައި މަސްވެރިކަން ދަށްވެ އެވެ. އަދި ޖުލައި މަހަކީ އާންމުކޮށް މަސްވެރިކަން އެންމެ ދަށް މަހެވެ.
މަސްވެރިކަން ދަށްވުމާ ގުޅިގެން، މިފްކޯއަށް ކިރާ މަހުގެ އަދަދު މަދުވެ، ދަޅުމަސް އުފައްދާ މިންވަރު ދަށްވެފައިވާ ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ. އަދި މިފްކޯގެ ފިހާރަތަކުން ވަޅޯމަހާއި ރިހާކުރު ފަދަ މަހުގެ އުފެއްދުންތައް ލިބުން ވެސް ވަނީ ދަތިވެފަ އެވެ.
ތަފްސީލް - މިފްކޯ އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލެ ސަރަހައްދުގައި މަސްވެރިކަން މިހާރު ރަނގަޅުވެފައިވާ ކަމަށާއި އެހެންކަމުން އެ ކުންފުނީގެ މަސް ކިރާ ބޯޓެއް މިއަދު މި ސަރަހައްދުގައި އޮންނާނެ ކަމަށެވެ.
މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭ އެހެން ހިސާބުތަކުގައި ވެސް މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމަށް މިފްކޯ އިން ބުންޏެވެ. އެ ކުންފުނިން ބުނީ:
-
ލ. އަތޮޅާއި ތ. އަތޮޅާ ދެމެދު މެދު މިންގަނޑަކަށް މަސްވެރިކަން ރަނގަޅު ކަމަށް
-
ދެކުނަށް މަސްވެރިކަން ރަނގަޅުވާނީ އަންނަ ހަފްތާއިން ފެށިގެން ކަމަށް މަސްވެެރިން ލަފާކުރާ ކަމަށް
-
މ. އަތޮޅުގައި ވެސް މަސްވެރިކަން ރަނގަޅު ކަމަށާއި އެ އަތޮޅުގައި ވެސް މަސް ކިރަން މިފްކޯގެ ބޯއްޓެއް އޮންނާނެ ކަމަށް
-
ގއ. އަތޮޅަށް މަސް ކިރަން ބޯޓެއް މިއަދު ފުރާނެ ކަމަށް
އެނގުން މުހިންމު - މަސްވެރިކަން ދަށްވެ، ހަރަދު ފޫނުބެއްދޭތީ މަހަށް ފުރުން މަދުކުރަން ޖެހިފައިވާ ކަމަށް ބައެއް މަސްވެރިން މިދިޔަ މަހުގެ ކުރީކޮޅު ވަނީ ބުނެފަ އެވެ.
އަދި މާލޭ މަސް މާރުކޭޓުގައި ވިޔަފާރިކުރާ ބައެއް މީހުން ވެސް އޭރު ބުނެފައިވަނީ ވިއްކާނެ ކަނޑުމަސް ލިބުން ދަތި ކަމަށެވެ.