ވެލާނާ އިންޓަނަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޓެކްސީތަކެއް މަޑުކޮށްލައިގެން (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓެކްސީ

ޓެކްސީ ވިޔަފާރިއަށް ސަރުކާރުން ވަންނަން އުޅޭ ކަމަށް ބުނެ މިނިސްޓަރާ ބައްދަލުކޮށްފި

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާ ހަވާލާދީ ޑްރައިވަރުން ބުނި ގޮތުގައި 1 ސެޕްޓެމްބަރުގައި އެކަމާ ގުޅޭ ދިރާސާއެއް ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފް ކުރުމަކީ މީގެ ދެ އަހަރެއްހާ ދުވަސް ފަހުގެ ކަމެއް.

ޓެކްސީ ވިޔަފާރިއަށް ސަރުކާރުން ވަންނަން އުޅޭ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާ މިއަދު ބައްދަލުކޮށްފި އެވެ.

ފަސްމަންޒަރު - މިދިޔަ މަހު ފަހުކޮޅު މިނިސްޓްރީން އިއުލާން ކުރި 'މާލެ ފެހި' ޕްރޮގްރާމްގައި، މާލޭ ސަރައްދުގައި ޒަމާނީ، ސަލާމަތީ ގޮތުން ރައްކާތެރި އަދި ބަރޯސާވެވޭ ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ހިމަނާފައިވެ އެވެ. 

ވީ ކިހިނެއް؟ - ހުޅުމާލޭގައި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިން ބޭރުގައި މިއަދު ހެނދުނުން ފެށިގެން ބައެއް ޑްރައިވަރުން ދިޔައީ ނުރުހުން ފާޅު ކުރަމުންނެވެ. އެކަމާ ގުޅިގެން ހަވީރުގެ ވަގުތެއްގައި އަމީން ވަނީ މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރައްވާފަ އެވެ. 

ތަފްސީލު - ބައްދަލުވުމަށް ފަހު ޑްރައިވަރުން ރާއްޖެ ޓީވީއަށް ދިން އިންޓަވިއުގައެއްގައި ބުނިގޮތުގައި އެ މީހުން އަމީންއާ ބައްދަލުކުރީ މައިގަނޑު ތިން ކަމެއްގަ އެވެ. އެއީ:

  • 1-

    ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފް ކުރަން އުޅުން؛ އެއީ ޑްރައިވަރުންގެ ދިރިއުޅުމަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމެއް 

  • 2-

    ޓެކްސީތައް ހިދުމަތް ނުދޭ ދަންވަރު ގަޑީގައި ޓޯ ކުރުމުގެ މައްސަލަ

  • 3-

    ޓެކްސީ ހިދުމަތް ދިނުމަށް އެކަށީގެންވާ މާހައުލެއް ނެތުން

މިނިސްޓަރާ ހަވާލާދީ ޑްރައިވަރުން ބުނި ގޮތުގައި ޓެކްސީގެ ހިދުމަތަކީ ސަރުކާރުން މިވަގުތު ވަންނަން ގަސްތުކުރާ ވިޔަފާރިއެއް ނޫނެވެ. އަދި ސަރުކާރުން މިކަމުގައި އަޅާ ފިޔަވަޅަކުން ޑްރައިވަރުންގެ ދިރުއުޅުމަށް އުނިކަމެއް ނާންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް އެ މީހުން ބުންޏެވެ.

"މައިގަނޑު ގޮތެއްގައި ފާހަގަކުރީ މި ވިޔަފާރިއަކީ ސަރުކާރުން އެއްވެސް ހާލެއްގައި ވަންނަން ގަސްދުކުރާ ވިޔަފާރިއެއް ނޫން. އެހެން ނަމަވެސް އެ ބޭފުޅުން [މިނިސްޓްރީން] ފާހަގަކުރި ގޮތުގައި މިކަމާ ގުޅޭ ސްޓަޑީއެއް ހެދުމަށްޓަކައި 1 ސެޕްޓެމްބަރުގައި ފަށާނެ ކަމަށް،" އެއް ޑްރައިވަރަކު ރާއްޖެ ޓީވީގައި ބުންޏެވެ.

"މިނިސްޓަރުގެ ފަރާތުން ވަރަށް ބޮޑު ޔަގީންކަމެއް ދެއްވި، އެ ހިދުމަތަކީ [ޓެކްސީ ހިދުމަތް ސަރުކާރުން ފޯރުކޮށްދިނުމަކީ] 1 ސެޕްޓެމްބަރުގައި ފެށިގެން ދާނެ މަސައްކަތެއް ނޫންކަން."

ޑްރައިވަރުން ބުނި ގޮތުގައި ޓެކްސީ ފްލީޓަކީ ދޮޅު އަހަރު ނުވަތަ ދެ އަހަރެއްހާ ދުވަސް ފަހުން ފެށޭނެ ކަމެކެވެ. އަދި ދިރާސާއެއް ހަދަނީ އެކަން ފެށުމުގެ ކުރިން ބޭނުންވާ މައުލޫމާތު އެއްކުރުމަށެވެ.

"ޓެކްސީ ހިދުމަތް މިހާރު ވެސް ދެމުންދާ ފަރާތްތަކުގެ މަޝްވަރާއާ އަދި މި މިނިވަން ވިޔަފާރިއަށް ބުރޫނާރާނެ ގޮތެއްގެ މަތިން މި ވިޔަފާރީގައި ތިބި ފަރާތްތަކާއި މާލީ ގޮތުން ދަތިވެފައިވާ ފަރާތްތަކަށް ވެސް މި ޓެކްސީ ފްލީޓްގެ ތެރެއިން އެހީތެރިކަން ވެސް ލިބޭނެ ފޯމިއުލާއެއް އޮތް ވާހަކަ [މިނިސްޓްރީން] ދެންނެވީ،" އެހެން ޑްރައިވަރަކު ބުންޏެވެ.

އެނގުން މުހިއްމު - 'މާލެ ފެހި' ޕްރޮގްރާމްގައި ޓެކްސީ ލައިނާ ގުޅޭގޮތުން ބުނެފައިވަނީ:

  • މި ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް ދުވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ހުޅުވާލާނެ

  • އެގޮތަށް ހަމަޖެއްސުމުން ޑްރައިވަރުންނާއި ފަސިންޖަރުންނަށް ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ

  • މި ޓެކްސީތަކުގެ މަދުވެގެން %25 އަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދު ކަމަށް ހެދުމަށް ވަނީ ނިންމާފައި

އެ ހިދުމަތް ތައާރަފް ކުރާނެ ވަކި ތާރީހެއް އޭގައި ބުނެފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް