މާލޭ މޭޔަރުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ސަލްޓަން ޕާކުގައި އެމްޑީޕީ އިން ބޭއްވި ހަފްލާގައި އާޒިމް އުފާފާޅުކުރައްވަނީ (ދައުރު ފައިލް ފޮޓޯ/މުހައްމަދު އަމާން)
އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސަކަށް އާޒިމް
އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްކަމަށް މާލޭ މޭޔަރު އާދަމް އާޒިމް މިއަދު އިންތިހާބުވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ މާލޭ މޭޔަރު ޝިފާ މުހައްމަދު އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ބައެއް މެންބަރުން މިދިޔަ އަހަރު ތެރޭ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރުމުން އެމްޑީޕީގެ ގައުމީ މަޖިލީހުން ހުސްވެފައިވާ ގޮނޑިތަކަށާއި ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިމެނޭ އާ ހަ ދާއިރާގެ ރައީސުންނާއި ނައިބު ރައީސުން އިންތިހާބު ކުރުމަށް އެ ޕާޓީން މިއަދު ވަނީ ބައި-އިލެކްޝަންތަކެއް ބައްވައިފަ އެވެ.
އެ އިންތިހާބުގެ ވޯޓުލުން އޮތީ މިއަދު މެންދުރު ފަހު 2:30 އިން ރޭގަނޑު 9 އަށެވެ. އެގޮތުން:
-
މާލޭގައި ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލްގައި 20 ވޯޓު ފޮށި ބެހެއްޓި
-
އަށް ދާއިރާއެއްގެ 25 ރަށެއްގައި ވޯޓު ފޮށިތައް ބަހައްޓާފައިވޭ
ތަފްސީލް - މާލޭ ދާއިރާގެ ގޮނޑި އާޒިމް ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހުއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. މިހާތަނަށް ނަތީޖާ ދައްކާގޮތުގައި އާޒިމަށް 600 އަށް ވުރެ މަތިން ވޯޓު ލިބުނު އިރު ފަލާހަށް އަދި ލިބުނީ 200 ވޯޓެވެ.
ފާހަގަކޮށްލެވޭ - ކުރިން ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އާޒިމް އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ ރިޔާސީ އިންތިހާބަށް ފަހު އެވެ. އޭގެ ފަހުން އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވައި އެ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.