ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)
ބޯހިޔާވަހިކަމަށް ހާއްސަ ކޮމިޓީއެއް މަޖިލީހުގައި އުފައްދައިފި
ބޯހިޔާވަހިކަމުގެ ކަންކަމަށް ހާއްސަކޮށްގެން މުޅިން އަލަށް މަޖިލީހުގައި ދާއިމީ ކޮމިޓީއެއް މިއަދު އުފައްދައިފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން މަޖިލީހުގައި 16 ދާއިމީ ކޮމިޓީއެއް އޮތް ނަމަވެސް މިދިޔަ ހަފްތާގައި މަޖިލިސް ގަވައިދު އިސްލާހުކޮށްފައި ވަނީ 'ގެދޮރުވެރި ކޮމިޓީ'ގެ ނަމުގައި އާ ކޮމިޓީއެއް އުފައްދާ ގޮތަށް، ޖުމްލަ 17 ކޮމިޓީއަކާ އެކު އެވެ.
ތަފްސީލު - މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ކޮމިޓީ އުފެއްދެވިކަން އިއުލާން ކުރައްވާފަ އެވެ. އަދި މަޖިލީހުގެ މިއަދުގެ ވޯޓު ގަޑީގައި އެ ކޮމިޓީގެ މެންބަރުންގެ އަދަދާއި އައްޔަން ކުރާނެ މެންބަރުންގެ ނަންތައް ވަނީ ފާސްކޮށްފަ އެވެ.
އެ ނިންމުމުގެ ތަފްސީލު އަދި ނުލިބެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މަޖިލީހުގެ ގަވައިދުގެ 134 ވަނަ މާއްދާގައި އެ ކޮމިޓީގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:
-
ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާކޮށް، މައްސަލަތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގޫޅޭ ގޮތުން ސަރުކާރަށް ލަފާ ދިނުން
-
ބޯހިޔާވަހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެކަން ފާހަގަކޮށް މަޖިލީހަށް ހުށަހެޅުން
-
ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުން
-
އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރު އެޅުން
-
ބޯހިޔާވަހިކަމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ލިބޭތޯ ބެލުން
-
ގެދޮރުވެރިކަމާ ގުޅޭ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުން
މީގެ ކުރިން ގެދޮރުވެރިކަމާ ގުޅޭ ކަންމުގެ މެންޑޭޓް އޮންނަނީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގަ އެވެ.