މިރޭ ޕީއެންސީގެ ހަރުގެ ޖަލްސާގައި ސަލީމް ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީއެންސީ)
ސިޔާސީ މަގާމުތައް އިތުރުވެގެން ކަންބޮޑުނުވޭ، ވަޒީފާ ނުލިބޭ މީހަކު ނުހުންނާނެ: ސަލީމް
ދައުލަތް ވަރުގަދައަށް ހިންގަން ސިޔާސީ މަގާމުތައް އަދިވެސް އިތުރު ކުރަން ޖެހޭ ކަމަށާއި މި ފަސް އަހަރު ނިިމޭއިރު ވަޒީފާ ނުލިބޭ މީހަކު ނުހުންނާނެ ކަމަށް އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަލީމް މިގޮތަށް ވިދާޅުވީ މިރޭ ޕީއެންސީގެ މާލެ ޖަގަހައިގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - ސަރުކާރު ބަނގުރޫޓުވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ސަލީމް ރައްދުދެއްވި އެވެ. އަދި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުކުރުން ދިފާއު ކުރެއްވި އެވެ. އޭނާ ވިދާޅުވީ:
-
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މީގެ ކުރިން ރައްޔިތުންނަށް ލިބެމުންދިޔަ އެއްވެސް ހިދުމަތެއް އުނިވެފައެއް ނުވޭ
-
މީގެ ކުރިން ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭ ދުވަހަށް ވުރެ އެއް ދުވަސް ކުރިން މިހާރު މުސާރަ ދޭ
-
ސިވިލް ސާވިސްއިން ވެސް އަދި ސަރުކާރު ކުންފުންޏަކުން އެއްވެސް މީހަކު ކަނޑާލާފައެއް ނުވޭ
"ބައެއް ހާލަތްތަކުގައި އަޅުގަނޑުމެންނާ ހަމައަށް [ފާޑުކިޔުން] އެބަ އާދޭ، ސިޔާސީ މަގާމުތައް މާ ގިނައޭ. ދައުލަތް ވަރުގަދައަށް ހިނގާ ކަމުގައިވާ ނަަމަ އަޅުގަނޑުމެންނަށް އަދިވެސް ޖެހެނީ ސިޔާސީ މަގާމުތައް އިތުރު ކުރަން،" މަޖިލީހުގައި ތިންވަނަ ދައުރަކަށް އޭދަފުށީ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ސަލީމް ވިދާޅުވި އެވެ.
ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވި ގޮތުގައި ސިޔާސީ މަގާމުތައް އިތުރުވެގެން އެއްވެސް ވަރަކަށް ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތެވެ.
"ސިޔާސީ މަގާމެއް ދޭ ކޮންމެ މީހަކީ ވެސް، އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ މިއީ ބަންގްލަދޭޝް މީހެއް ނޫނީ އިންޑިއާ ނޫނީ އެހެން ރަށެއްގެ ވެސް މީހެއް ނޫން. މިއީ ދިވެހި ރައްޔިތުން. އެއިން ކޮންމެ މީހެއްގެ ވެސް ދިވެހި އާއިލާއެއް އޮންނާނެ. އެ މީހުން ވެސް ދިރިއުޅުމަށްޓަކައި މަގާމު ބޭނުންވާނެ، ފައިސާ ބޭނުންވާނެ، އެހެން ކަންތައްތައް ވެސް ބޭނުންވާނެ،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުގެ މަގްސަދަކީ ކުންފުނިތަކުގައި ވަޒީފާ އުފެދޭނެ ވަސީލަތްތައް ގާއިމްކޮށް ގިނަ ބަޔަކަށް ވަޒީފާ ދިނުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ތެރޭ ވަޒީފާ ބޭނުންވާ މީހަކަަށް ވަޒީފާ ނުލިބި ނުހުންނާނެ. ހުރިހާ މީހުން ތިބޭނީ ވަޒީފާގައި. އަދި އެ މީހުން ތިބޭނީ ވެސް އެކަށީގެންވާ މުސާރައިގައި. އެއްގޮތަކަށް ވެސް ކަންބޮޑުވެގެން އުޅޭނެ ކަމެއް ނެތް،" ސަލީމް އިތުރަށް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކީ ސިޔާސީ މަގާމުތަކުގެ އަދަދު 700ގައި ހިފެހެއްޓުމެެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީއިން ބުނާ ގޮތުގައި މިހާރު އެ އަދަދު ވަނީ 2،000 ހުރަސް ކޮށްފަ އެވެ. ސަރުކާރުން ސިޔާސީ މީހުންގެ ޖުމްލަ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.
އެނގުން މުހިއްމު - ކުންފުނިތަކުން މުވައްޒަފުން ކަނޑާނުލާ ކަމަށް ސަލީމް ވިދާޅުވި ނަމަވެސް ބައެއް މީހުން ވަކިކޮށްފައިވެ އެވެ. އެ ކުންފުނިތަކުން ބުނެފައިވާ ގޮތުގައި އެއީ މަސައްކަތަށް ފަރުވާ ކުޑަވުން ފަދަ ސަބަބުތަކާ ހެދި ކަނޑާލި މުވައްޒަފުންނެވެ.
އިތުރަށް ކިޔާލަން
ސަލީމްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ:
-
ރައީސް މުހައްމަދު މުއިއްޒަކީ މަޝްވަރާގެ އުސޫލުން ވެރިކަން ކުރައްވާ ރައީސެއް ކަމަށާއި އެމަނިކުފާނާ އެކު ބޮޑު ޓީމެއް އޮތީ ވެސް އޭގެ ސަބަބުން ކަމަށް
-
ރައީސް ރަނގަޅަށް ވެރިކަން ކުރައްވާތީ އެމަނިކުފާނުގެ އަގު ވައްޓާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް
-
ބައެއް މީހުންގެ ވިސްނުމުގައި ވެރިކަމަށް އާދެވޭނީ، ވަކި ރަށަކުން ވަކި ނަސަބަކުން އަންނަ މީހަކަށް؛ ނަމަވެސް އެގޮތަށް ދެކިގެން ނުވާނެ
-
ސަރުކާރުގެ ތެރެއިން ކަމެއް ކުރަން އަމިއްލަ އެދުމެއް އޮތަސް، އެކަން އޮންނަން ވާނީ ހުދޫދެއްގެ ތެރޭގައި، ގައުމަށާއި ރައީސަށް ވެސް ކެތް ކުރެވޭ މިންވަރަށް ކަމަށް
ކޮމެންޓް (1)
ސިކުނޑި