ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޝަމީމް ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ ރައިސް އޮފީސް)

ކުށުގެ ޒިންމާ ނަގާ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން؛ ބަދަލު ކުރަންވީ މާހައުލު: ޕީޖީ ޝަމީީމު

ޝަމީމު ވިދާޅުވި ގޮތުގައި، މި މައްސަލައަށް ހައްލެއް ނުލިބޭ ނަމަ، މިއީ ގައުމީ މައްސަލައަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް

ކުށުގެ ޒިންމާ ނަގާ އުމުރު 12 އަހަރަށް ދަށްކުރުމަކީ މުޅި މައްސަލައަށް ހައްލު ލިބޭނެ ކަމެއް ނޫން ކަމަށާއި ހައްލަކީ އެ ކުދިންގެ މާހައުލު ބަދަލު ކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމަށް ނިންމައި އެގޮތަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން މިދިޔަ އޭޕްރީލް މަހު ވަނީ ހާމަކޮށްފަ އެވެ. އެކަމާ ގުޅިގެން ޕީޖީ ޝަމީމުގެ އަމިއްލަ ބްލޮގްގައި އޭނާ ވަނީ ލިޔުމެއް ލިޔުއްވާފަ އެވެ.

އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމުން، ޖަލުން އޭނާއަށް ދަސްވާނެ ކަމަށް ލަފާކުރާ ކަންތައްތަކަށް ބަލާއިރު، މިއީ ކުޑަކުދިން ކުށުން ދުރުހެލިކުރުވުމަށްޓަކައި ކުރަން އެހާ ރައްކާތެރިކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެ އެވެ. މިއީ، ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެކެވެ.

ހުސައިން ޝަމީމު/ ޕްރޮސެކިއުޓާ ޖެނެރަލް

ތަފްސީލު - 'ކުށް ކުރާ ކުޑަކުޑަކުދިން - ހައްލަކީ އުމުރު ދަށްކުރުމެއް ނޫން، މާހައުލު ބަދަލު ކުރުން' އެ ސުރުހީގެ ދަށުން ޝަމީމު ޝާއިއުކުރެއްވި ލިޔުމުގައި އޭނާ ވަނީ، ސަރުކާރުން ނިންމި ނިންމުމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ޝަމީމު ގަބޫލު ކުރައްވާ ގޮތުގައި، މުޅި މައްސަލަ ހައްލު ކުރެވެނީ ކުށް ކުރާ ކުދިންނަށް އަދަބު ދީގެންނެއް ނޫނެވެެ. އެ މީހުންނަށް މަގު ދައްކައިދީ، އެ ނޫން ވެސް ފުރުސަތުތަކެއް ހޯދައިދީގެންނެވެ.

"ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އަދި ހައްލެއް ހޯދިފައި ނުވާ މައްސަލައެކެވެ. ގާނޫނު އެބަ އޮތެވެ. ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ކާމިޔާބަކާ ގާތަށް ވެސް އަދިއެއް ނުދެވެ އެވެ،" ލިޔުން ފައްޓަވަމުން އޭނާ ލިޔުއްވާފައިވެ އެވެ.

ޝަމީމު ވިދާޅުވި ގޮތުގައި، ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތައް ތަފާތެވެ. ކުޑަކުދިން ކުށް ކުރަނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ކުށެއް ކުރާކަށް ނޫނެވެ.

"9 އަހަރުގެ ކުއްޖަކު، ހެނދުނު ހޭލައިގެން މިއަދު ކުށެއް ކޮށްލާނަމޭ ހިތަށް އަރާނެ ކަމަކަށް، ކުޑަކުދިންނާ ގާތުގައި އުޅޭ، އެ ކުދިންގެ ވިސްނުން ހުންނަ ގޮތް އެނގޭ މީހަކު ގަބޫލުކޮށްފާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެ އެވެ،" ޝަމީމު ލިޔުއްވާފައިވެ އެވެ.

ކުށް ކުރުމާ ގާތުގައިވާ 200 އެއްހާ ކުދިން ރާއްޖޭގައި ތިބިކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ، މި މައްސަލައަށް ހައްލެ ނުލިބިއްޖެ ނަމަ، މިއީ ގައުމީ މައްސަލައަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ.  

ސަރުކާރުގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ޝަމީމު ވިދާޅުވީ:

  • ޖިނާއީ ތަހުގީގުކުރުމާއި ދައުވާކުރުމާއި ޖަލުގައި ބަންދުކުރުމަކީ އިޖްތިމާއީ މައްސަލަތަކަށް އޮތް ހައްލެއް ނޫން

  • ޖަލުގެ އާބާދީގެ %70 އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުން؛ ޖިނާއީ ދައުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ހައްލުވާ ނަމަ، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައެއް އޮންނީ ހައްލުވެފައި

ޝަމީމު ވިދާޅުވި ގޮތުގައި، މީހުން ޖަލުގައި ބަންދުކުރަނީ، އެ މީހުންނަށް ޖަލުގައި ފަރުވާދީ، ރަނގަޅު މީހެއްގެ ގޮތުގައި މުޖްތަމައުއަށް ގެނައުމަށެވެ. ނަމަވެސް، އެފަދަ ފުރިހަމަ ހިދުމަތެއް އަދި ރާއްޖޭގެ ޖަލުތަކުގައި ނުދެވޭ ކަމަށާއި އޭގެ ބަދަލުގައި ޖަލުން ދަސްވަނީ އިތުރު ކުށް ކުރަންކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ. އަދި ކުޑަކުދިން ޖަލަށްލައިގެން މި މައްސަލަ ހައްލުކުރުމަށް އޭނާ ދެކޮޅުކަން މި ލިޔުމުގައި ހާމަކުރައްވާފައިވެ އެވެ.

"އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމުން، ޖަލުން އޭނާއަށް ދަސްވާނެ ކަމަށް ލަފާކުރާ ކަންތައްތަކަށް ބަލާއިރު، މިއީ ކުޑަކުދިން ކުށުން ދުރުހެލިކުރުވުމަށްޓަކައި ކުރަން އެހާ ރައްކާތެރިކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެ އެވެ. މިއީ، ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެކެވެ،" ޝަމީމު ވިދާޅުވި އެވެ.

މިހާރު އޮތް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭކަން ޝަމީމު ވެސް އެއްބަސްވެވަޑައިގެންނަވަ އެވެ. އޭގެ ތެރޭގައި، ބެލެނިވެރިންނަށް ހިންގާ ޕްރޮގްރާމްތައް ލާޒިމުކުރެވޭނެ ގޮތަކާއި އިދާރާތަކުގެ ދައުރު މިހާރަށް ވުރެ ސާފުވާނޭ ގޮތެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މިހާރު ގާނޫނު އޮތް ގޮތުން އެއްވެސް ކަމެއް ނުވެގެން އުޅެން ޖެހޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމު ވިދާޅުވި ވިދާޅުވީ، ރާއްޖޭގައި ކުޑަކުދިން ކުށްކުރަނީ އެ ކުދިންގެ މާހަލުން އެކަމަށް ހިތްވަރު ލިބޭތީ އެވެ. ކުށަށް ހިތްވަރު ނުލިބޭ މާހައުލެއްގައި އުޅޭ ކުއްޖަކު މިހާތަނަށް އެއްވެސް މުއައްސަސާއެއްގެ ސަމާލުކަމަށް އައިސްފައި ނުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ވީމާ، ކުޑަކުދިން ކުށް ކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއް ކަމަކީ ކުށުގެ ނުކުރައްލަކަށް ހުށަހެޅިފައިވާ ކުދިން ތިބި މާހައުލު ބަދަލުކުރެވޭތޯ ބެލުމެވެ،" އެކަން ކުރުމުގެ ގާނޫނީ ބާރު މިހާރު ވެސް އެބައޮތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މާހައުލު ބަދަލު ކުރުމާ އެކު، ކުޑަކުދިންގެ ސުލޫކަށް ބަދަލު ގެނައުމަކީ "ސުވިޗަކަށް ފިތާލުން" ކަހަލަ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ވަގުތަކުން ނަތީޖާއެއް ނުފެންނާނެ އެވެ. ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާނެ އެވެ. ދައުލަތުގެ ވަސީލަތްތައް ވެސް އެކަމަށް ހޭދަކޮށްގެން، އެ ކުއްޖާ އާއި އެ ކުއްޖާގެ ވަށައިގެންވާ މާހައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަން ޖެހެ އެވެ،" ޝަމީމު ވިދާޅުވި އެވެ.

އޭގެ އިތުރުން، ޝަމީމު ވިދާޅުވީ:

  • އެ ކުއްޖާގެ މައިންބަފައިންގެ ވަޒީފާއެއް ނެތް ނަމަ، ވަޒީފާއެއް ވެސް ހޯދައިދޭންވީ

  • ތައުލީމީ ދާއިރާއިން އެ ކުދިންނަށް އިތުރު ހާއްސަ ފުރުސަތުތައް ވެސް ލިބޭނެ ގޮތް ހަދަންވީ

  • ޔުނިވާސިޓީތަކާއި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތަކުގައި އެ ކުދިން ބައިވެރިކުރަންވީ

  • ނުރަނގަޅު ރަހްމަތްތެރިންނާ އެކު ހޭދަކުރަން ލިބޭ ވަގުތު މަދުކުރެވޭތޯ ބަލަންވީ

  • އެ ކުއްޖާއާ އެއްކޮށް އުޅޭ އެހެން ކުދިން ވެސް، މަޑުމަޑުން މި ޕްރޮގްރާމްތަކުގައި ބައިވެރިކުރަންވީ

"މި ހުރިހާ މަސައްކަތަކުން އެންމެ ކުއްޖަކާއި އެ ކުއްޖާގެ އާއިލާ އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެނެވުނަސް، މިކަމަށް ކުރި ހަރަދުގެ އަގު ލިބުނީ އެވެ. މާހައުލު ބަދަލުކުރުމަށް ކުރާ އިންވެސްޓްމަންޓަކީ ކުއްޖަކު ޖަލުގައި ބަންދުކުރުމަށް ހިނގާ ހަރަދަށް ވުރެ ކުޑަ، އޭގެ ނަތީޖާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓެއް ކަމަށް އަޅުގަނޑަށް ފެނެ އެވެ،" ލިޔުން ނިންމާލައްވަމުން ޝަމީމު ލިޔުއްވާފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ މެއި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވި ގޮތުގައި، ކުށްކުރާ ކުދިން، ކުށުގެ ޒިންމާ ނަގާ އުމުރު 12 އަހަރަށް ދަށް ކުރަނީ އެ ކުދިން ޖަލަށް ލައިގެން ރަނގަޅު ކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، ސަރުކާރުގެ ވިސްނުމަކީ ވަކި ރަށަކަަށް އެ ކުދިން ގެންގޮސް ޕްރޮގްރާމްތަކެއް ހިންގުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް (1)

އަބަދު

20 ޖޫން 2024
އުމުރު ދައްކުރުމަކީ މާހައުލަށް ގެންނަ ބަދަލެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް