ބޮޑުކަންނެލީގެ މަސްވެރިން މީގެ ކުރިން ކަނޑުމަތީގައި ބޭއްވި އިހުތިޖާޖެއް. (ފޮޓޯ/ޓްވިޓާ/ބީކޭއެމްޔޫ)
މި ހާލަތުގައި ލޭނު އަޅަން ފަށައިފި ނަމަ މަސްވެރިން ބަނގުރޫޓުވާނެ: ބީކޭއެމްޔޫ
ދިވެހި މަސްވެރިކަމުގެ ހާލަތު މިހާރު އޮތް ގޮތަށް އޮއްވައި ބޮޑުކަންނެލި މަސްވެރިކަމަށް ލޭނުއަޅަން ހުއްދަ ދީފި ނަމަ އާންމު މަސްވެރިން ބަނގުރޫޓުވާނެ ކަމަށް، މަސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ބޮޑުކަންނެލި މަސްވެރިކަމަށް ލޭނު އެޅުން ހުއްދަކުރުމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ބީކޭއެމްޔޫއިން ނެރުނު ނޫސްބަޔާނުގައި ބުނީ ލޭނުއެޅުން ހުއްދަ ކުރުމަކީ އާންމު މަސްވެރިންގެ ބަދަލުގައި މަދު ކުންފުނިތަކަކަށް ފައިދާވާނެ ކަމެއް ކަމަށެވެ.
ތަފްސީލު - އެކަމުގެ ސަބަބުން ލިބޭނެ ގެއްލުންތަކުގެ ތަފްސީލު ހިއްސާކޮށް އެ ޖަމިއްޔާއިން ބުނީ ލޭނު އެޅުން ހުއްދަ ކުރުމުން ބޭރު އަދި ދިވެހި ކުންފުނިތަކުގެ ލޭނު ބޯޓުތައް މެދުވެރިކޮށް ބޭރު ކަނޑުން ގިނަ އަދަދެއްގެ ކަންނެލި ހޯދާނެ ކަމަށެވެ.
އޭގެ ސަބަބުން އެއް ބޯޓުން އަނެއް ބޯޓަށް މަސް ގަނެވިއްކުމާއި ކަންނެލި ލިބޭ މިންވަރު އިންތިހާއަށް އިތުރުވެ، ދިވެހި އަތުނަނު ކަންނެލި އޮޑިތަކުން ބާނާ ކަންނެލީގެ ޑިމާންޑު ދަށްވެ، އަގު ދަށްވާނެ ކަމަށް ބީކޭއެމްޔޫއިން ބުންޏެވެ.
"ނަތީޖާއެއްގެ ގޮތުން ލިބޭ އާމްދަނީ އާއި ހަރަދާ ނުބައްދަލުވެ، ކަންނެލި މަސްވެރިކަމަށް އިންވެސްޓުކޮށްގެން ތިބި އޮޑިވެރިންނާއި ކަންނެލި މަސްވެރިކަމުން ދިރިއުޅޭ އާއިލާތައް ބަނގުރޫޓުވާނެ އެވެ،" އެ ބަޔާނުގައިވެ އެވެ.
ތަފްސީލު - އޭގެ އިތުރުން ތެލުގެ އަގާއި ކަންނެލި މަސްވެރިކަން ކުރަން ހޭދަކުރަން ޖެހޭ ހަރަދު އެހާ ބޮޑުއިރު، ކިރާ ކަންނެއްޔަށް ދުވަހުން ދުވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ ވެސް ބީކޭއެމްޔޫއިން ހިއްސާކޮށްފައިވެ އެވެ.
"އެހެންކަމުން މި ޖަމިއްޔާގެ މުހިންމު ޑިމާންޑެއް ކަމުގައިވާ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު (80 އާއި 100ރ.) ރިޔާސީ އިންތިހާބުގައި މި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ކަނޑައެޅުމަށާއި މިފްކޯއިން ކަންނެލި ގަންނަން ފެށުމަށްފަހު ނޫނީ ލޭނު އަޅަން ހުއްދަ ނުކުރުމަށް ސަރުކާރަށް ގޮވާލަމެވެ،" ބީކޭއެމްޔޫގެ ބަޔާނުގައިވެ އެވެ.
ފާހަގަކޮށްލެވޭ - ބީކޭއެމްޔޫގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލެއް ހޯދުމަށްޓަކައި އެ ޖަމިއްޔާއިން އަންނަނީ އޮޑިފަހަރުގެ އެއްވުމެއް މާލެ ސަރަހައްދުގައި ބާއްވައި އިހުތިޖާޖު ކުރަން ރާވަމުންނެވެ.
ކޮމެންޓް (3)
ސުޖޫ
ެެއެޑަމް
ާސަފޫ