ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް މާލެ އާއި ސްރީ ލަންކާގެ ކޮލަމްބޯއާ ދެމެދު ފެށުމަށް ބޭއްވި ރަސްމިއްޔާތު: އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ކޮންމެ ދުވަހަކު ވެސް ލަންކާ އަށް ދޭ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހުމަދު)
ދިވެހިންނަށް ލަންކާ ވިސާގެ ޕްރޮސެސިން ފީ މައާފުކުރަން މަޝްވަރާ ކުރަނީ
ސްރީ ލަންކާ އަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ހިލޭ ލިބޭނެ ކަމަށާއި ފުރަތަމަ 30 ދުވަހަށް ފަހު އިތުރަށް ލަންކާގައި މަޑުކުރާ ނަމަ 60 ދުވަހުގެ ވިސާ އަށް އެދި ހުށަހަޅާ އިރު ދައްކަން ޖެހޭ ޕްރޮސެސިން ފީ މައާފުކުރުމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ލަންކާ އަށް ދަތުރުކުރާއިރު ވިސާ ނަގަންޖެހޭ ގައުމުތަކުގެ މީހުންނަށް ހާއްސަ އާ ވެބްސައިޓެއް ވަނީ ތައާރަފުކޮށްފަ އެވެ. އެ ވެބްސައިޓުގައި ވާގޮތުން ރާއްޖެއިން ލަންކާ އަށް ދާ އިރު ވިސާ ނަގަން ޖެހެ އެވެ.
ތަފްސީލް - އެކަމާ ގުޅޭގޮތުން 'ދައުރު'އާ ވާހަކަ ދައްކަވަމުން މަސްއޫދު ވިދާޅުވީ އެ ވެބްސައިޓުގައި އެހެން އޮތް ނަމަވެސް ލަންކާ އަށް ދާ ދިވެހިންނަށް ވިސާ އަށް އެދެން ނުޖެހޭނެ ކަމަށާއި ދިވެހިންނަށް ލަންކާ އިން އޮން އެރައިވަލް ވިސާ އެއްވެސް ފީ އަކާ ނުލާ ލިބޭނެ ކަމަށެވެ.
"ދިވެހިންނަށް 90 ދުވަހުގެ ވިސާ ލިބޭނެ. އޭގެ ތެރެއިން 30 ދުވަހަށް ފަހު އިތުރަށް ލަންކާގައި މަޑުކުރާ ނަމަ ޕޯޓަލް މެދުވެރިކޮށް ވިސާ އެކްސްޓެންޝަން ހަދަން ޖެހޭ. އެކަމަށް ވެސް ލަންކާ ސަރުކާރުން އެއްވެސް ފީއެއް ނުނަގާ. އެހެން ނަމަވެސް މިހާރު ލަންކާގައި ވިސާގެ ހިދުމަތް ދޭ ވީއެސްއެފް އިން ސާވިސް ޗާޖަކަށް ނަގާ ދިވެހިންގެ އަތުން 18 ޑޮލަރު (277.56ރ). މިހާރު އަޅުގަނޑުމެން މަޝްވަރާ ކުރަމުން މި ދަނީ އެ ފީ ވެސް މައާފުކުރުމަށް،" އޭނާ ވިދާޅުވި އެވެ.
ލަންކާ އަށް ދާ މީހުން އެ ގައުމަށް އެތެރެވުމުގެ ކުރިން ދައްކަން ޖެހޭ ފީ ބަލައިގަތުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް މިދިޔަ މަހުގެ 17 އިން ފެށިގެން ވަނީ އެގޮތަށް އަމަލު ކުރަން ފަށައިފަ އެވެ.
އެއާ އެކު އެ ކުންފުނިން ވަނީ ވިސާ ޕްރޮސެސް ކުރުމަށް ނަގާ ފީ އާއި މުވައްޒަފުންގެ ހަރަދު ވެސް ވިސާ ފީގެ ތެރޭ ހިމަނައި ފަތުރުވެރިންގެ އަތުން ނަގާ ފީގެ އަދަދު ބޮޑުކޮށްފަ އެވެ.
އިިތުރަށް ކިޔާލަން
ފާހަގަ ކުރެވޭ - ލަންކާ އަށް ދިޔުމަށް ވިސާ ނަގަން ހާއްސަ ވެބްސައިޓު މެދުވެރިކޮށް ރާއްޖޭން ލަންކާ އަށް ދިޔުމަށް 30 ދުވަހުގެ ވިސާ އަކަށް އެދުމުން 130 ޑޮލަރުގެ ފީ އެއް ދައްކަން ޖެހޭ ކަމަށް އެ ޕޯޓަލް އިން ދައްކަ އެވެ.
އެނގުން މުހިއްމު - ނަމަވެސް، ރާއްޖޭން ލަންކާ އަށް ދާ ދިވެހިންނަށް ދުރާލާ ވިސާ ނަގަން ނުޖެހޭއިރު ވެބްސައިޓުން ފެންނަ ގޮތް ތަފާތުވަނީ ކީއްވެތޯ އީ-ވިސާ ސެންޓަރުގެ ކަސްޓަމާ ސަޕޯޓާ ސުވާލު ކުރުމުން ބުނީ ރާއްޖެއިން ލައްކާ އަށް ދާ މީހުންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ހިލޭ ލިބޭނެ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ވިސާ އަށް އެދެން ނުޖެހޭނެ ކަމަށާއި ވެބް ޕޯޓަލްގައި ވިސާ ފީ ދައްކަން ޖެހޭ ކަމަށް އޮތީ ކީއްވެތޯ ބަލާނެ ކަމަށް ބުންޏެވެ.