މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ/ އަޒްމީ އަހްމަދު)

ކުށްކުރާ ކުޑަކުދިން އިސްލާހުކުރަން ހާއްސަ ރަށެއް ކަނޑައަޅަން ނިންމައިފި

އެ ރަށަށް ކިޔަން ހަމަޖައްސާފައި ވަނީ 'ހޯޕް އައިލެންޑް'؛ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ރަށުގައި ކުދިން ރިހެބިލިޓޭޓް ކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް

ކުށްކުރާ ކުޑަކުދިން އިސްލާހުކުރަން ހާއްސަ ރަށެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު އަލީ އިހުސާން އެކަން އިއުލާންކުރެއްވީ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން އިސްކަންދަރު ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ތަފުސީލު - "އަޅުގަނޑުމެން މި ވިސްނަނީ، ދިވެހިރާއްޖޭގެ ވަކި ރަށެއް މިކަމަށް [ކުދިން ރިހަބިލިޓޭޓް ކުރުމަށް] ހާއްސަކޮށް، ސިފައިންނާއި ފުލުހުން [އަދި] ކަމާ ބެހޭ އެހެން މިނިސްޓްެރީތަކާ ގުޅިގެން ކުދިންނަށް ހިންގޭ ޕްރޮގްރާމެއް ހިންގުމަށް،'" އިހްސާން ވިދާޅުވި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހްސާން ވާހަަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަޒްމީ އަހްމަދު)

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ ޖިނާއީ އަދުލުގެ ގާނޫނުގައި ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން މިހާރު އޮންނަ އުމުރު 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

އެ ނިންމުމާ ގުޅޭ ގޮތުން މިއަދު އޭނާ ވިދާޅުވީ:

  • އެކަމަށް ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި 

  • އޭގެ ބޭނުމަކީ އެއްވެސް ހާލެއްގައި ތުއްތު ކުދިން ޖަލަށް ލައި ގެންގުޅުމެއް ނޫން

  • ވިސްނުމަކީ އެ އުމުރުގައި ކުށުގައި އުޅޭ ކުޑަކުދިން، ކުށުގެ ވެށިން ނަގައި، އެ ކުދިން ރިހަބިލިޓޭޓްކޮށް، މުޖްތަމައުއަށް ފައިދާ ހުރި، ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި އަނބުރާ ނެރެން ކުރާ މަސައްކަތަށް 'ގާނޫނީ ބާރު ހޯދުން'

ގާނޫނުން އެ ބާރު ހޯދައިގެން ސަރުކާރުގެ ވިސްނުމަކީ، އިހްސާން ވިދާޅުވި ގޮތުގައި، އެކަމަށް ހާއްސަ ރަށުގައި އެ ކުދިން އިސްލާހުކުރުމެވެ.

"[އެ ރަށުގައި ހިންގާ] ޕްރޮގްރާމްގެ ތެރޭގައި އެކުދިންނަށް ދީނީ ތައުލީމާއި ރަސްމީ ތައުލީމުގެ އިތުރުން ކޮންޓެކްޓްސް ސްޕޯޓްސް އަދި ސައިކޯޝޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"މިރަށަށް ކިޔަން ނިންމާފައި ނަމަކީ، ހޯޕް އައިލެންޑް،"

18 އަހަރަށް ފަަހު، ދެން ބަދަލުކުރާނީ އެމްއެންޑީއެފް/ފުލުހުންގެ ހިދުމަތަށް

އިހްސާން ވިދާޅުވި ގޮތުގައި، އެ ރަށުގައި ހިންގާ ޕްރޮގްރާމްތަކުގެ ނަތީޖާއަކަށް ވާނީ ކުށުގެ މާހައުލުގައި މިހާރު އުޅޭ ކުދިންނަށް ރަނގަޅު މާހައުލެއް ލިބި، ހަޔާތަށް 'އާ އުންމީދެއް' ވެސް ލިބިދިނުމުވެ.

"މި ރަށުގައި ކުދިން 18 އަހަރު ވަންދެން ގެންގުޅުމަށް ފަހު، އެ ކުދިން ދިވެހި ފުލުހުންގެ ހިދުމަތަށް ނުވަތަ ދިވެހި ސިފައިންގެ ހިދުމަތަށް ރަސްމީކޮށް ނެގޭނެ،" އޭނާ ވިދާޅުވި އެވެ. 

އެއަށް ފަހު އެ ދެ މުއައްސަސާގައި ވަކި މުއްދަތަކަށް އެމީހުން ތިބޭނެ ކަމަށް ވެސް އިހްސާން ވިދާޅުވި އެވެ.

"[އޭގެ ފަހުން] ހަދާ އިވެލުއޭޝަންއަކުން، ބޭނުން ދާއިރާއަކުން ކުރިއަށް ދިޔުމަށް ފުރުސަތު ދެވޭނެ،" އިހުސާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް