ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ގަވައިދަށް ފެއްތުމަށް 'ކުރަނގި'ގެ ނަމުގައި ފެށި އޮޕަރޭޝަންގެ ތެރެއިން ބިދޭސިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަނީ (ދައުރު ފޮޓޯ/އަޒްމީ އަހުމަދު)
ހިންމަފުށިން 500 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި
ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ ވަނަވަރު ދެނެގަނެ، އެ މީހުންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ އޮޕަރޭޝަނުގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ނަގާފައިވާ ކަމަށް ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން 'ކުރަނގި'އާ ގުޅޭގޮތުން އިހުސާން ސޯޝަލް މީޑިއާގައި ވިދާޅުވީ އެ މަސައްކަތް މި މަހުގެ 2 ވަނަ ދުވަހު ފެށި ކ. ހިންމަފުށިން މިހާތަނަށް 532 ބިދޭސީ މަސައްކަތްތެެރިންގެ ބަޔޯމެޓްރިކް ޑޭޓާ އާއި ފޮޓޯ އެއްކޮށްފައިވާ ކަމަށެވެ.
އެއިން ކޮންމެ މީހެއްގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަން ހެދޭވަރު ފޮޓޯ ނަގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއްފަހަރާ މި މަސައްކަތް ފެށޭނެ،" އިހުސާން ވިދާޅުވި އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދާ ފުރަތަމަ ރަށް ކަމަށްވާ ހިންމަފުށީގެ ކައުންސިލުން ދޭ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީ އާއި ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ތިން އަހަރު ތެރޭ ނިންމާލެވޭނެ ކަމަށް އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެގޮތުން:
-
ފުރަތަމަ އަހަރު ނިމޭއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބީ ކޮން ގައުމުތަކަކަށް ނިސްބަތްވާ ކިތައް ބިދޭސީންތޯ އަދި އެ މީހުން މިހާރު މަސައްކަތް ކުރަނީ ކާކު ސްޕޮންސާ ކޮށްގެންތޯ ނުވަތަ ކޮން ތާކުތޯ ދެނެގަންނާނެ
-
ދެން އަންނަ ދެ އަހަރު ތެރޭގައި، ރަސްމީ ލިޔެކިޔުން ނެތް މީހުންނަކީ ކޮން ބައެއްކަން ދެނެގަނެ، ބަޔޮމެޓްރިކްސް އައިޑެންޓިފިކޭޝަނާއި ފޮޓޯ އައިޑެންޓިޓީ ހަދާނެ
-
ސަރުކާރުގެ ނިޒާމުގެ ތެރޭގައި އޭނާގެ އެއްވެސް މައުލޫމާތެއް ނެތް ނަމަ އޭނާ ބުނާ ބަހަށް، އޭނާގެ ގައުމުގެ އެމްބަސީއާ ގުޅިގެން، އަސްލު ލިޔެކިޔުންތައް ހޯދައި އޭނާއަކީ ކާކުކަން ދެނެގަނެ ރާއްޖޭން އެ މީހަކު ފޮނުވާލާނެ
ކޮންމެ ރަށެއްގައި ތިބޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ފަހު އެ މައުލޫމާތު ކައުންސިިލާ ވެސް ހިއްސާ ކުރާނެ ކަމަށް އޮޕަރޭޝަން ފެށި ދުވަހު އިހުސާން ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ބިދޭސީންގެ މައުލޫމާތުގެ ކޮންޓްރޯލު މިނިސްޓްރީގެ އަތުން ގެއްލުނަނުދޭން ވެސް މަސައްކަތް ކުރާނެ އެވެ.
"ދޭތެރެދޭތެރެއިން މި ރަށުގައި ތިބޭ ފުލުހުންނާއި ކައުންސިލުން ބިދޭސީން ހާޒިރުކޮށްގެން ނޫނީ ދިމާވެގެން ވެރިފައި ކުރާނެ އެއީ މި ރަށުގައި ހުންނަން ޖެހޭ މީހެއްތޯ،" މި މަހުގެ 2 ވަނަ ދުވަހު ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވި އެެވެ.