ރައީސް މުހައްމަދު މުއިއްޒު، ދުބާއީގައި ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި މިއަދު ވާހަކަފުޅުދައްކަވާ އިރު ބައިވެރިޔަކު އަޑުއަހަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ރާއްޖެ-ޔޫއޭއީ

އެސްއީޒެޑާއި މާލީ ދާއިރާއަށް ޔޫއޭއީގެ އިންވެސްޓްމެންތަކަށް ރައީސް ގޮވާލައްވައިފި

މީގެ އިތުރުން ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް ވެސް އިންވެސްޓް ކުރުމުގެ ފުރުސަތު އޮތް ކަމަށް ރައީސް ވިދާޅުވި
13 ފެބްރުއަރީ 2024

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އާއި މާލީ ސިނާއަތު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އިންވެސްޓަރުން ބައިވެރިވުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ދުބާއީގައި ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށާއި އިންވެސްޓް ކުރެވެން ހުރި ދާއިރާތަކަށް އަލިއަޅުވާލައްވާފަ އެވެ.

ބުނީ ކީކޭ؟ - "ރާއްޖޭގެ ފައިނޭންޝަލް ސާވިސަސް ދާއިރާ ފުޅާކުރުމަކީ އަޅުގަނޑުގެ ސަރުކާރުން މުހިއްމު އިސްކަމެއްދޭ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ:

  • 'މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ'ގެ ނަމުގައި އިދާރާއެއް އެކުލަވާލާފައިވާ ކަމަށް

  • މި އިދާރާ އުފެއްދީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކަކާއި އޯފްޝޯ ބޭންކިންގެ ހިދުމަތް ހިމެނޭ ގޮތުން މާލީ ސިނާއަތެއް ތަރައްގީ ކޮށް، ރަނގަޅު ގަވައިދުތަކާއި އުސޫލުތައް އެކުލަވާލުމަށް ކަމަށް

ރައީސްގެ ވާހަކަފުޅުގައި، ދުބާއީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު އުފައްދާ، ފްރީ ޒޯންތައް ތަރައްގީ ކުރުމުގައި ޔޫއޭއީގެ ތަޖުރިބާ ފާހަގަކުރައްވާ، އެކަމުން ފިލާވަޅު ހާސިލްކޮށް، ދެ ގައުމުން އެކުގައި މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ތިޔަބޭފުޅުންގެ ވިޔަފާރިތައް ހިންގުމަށް އަމާން، ރައްކާތެރި، އެފިޝަންޓް މާހައުލެއް ރާއްޖޭގައި ގާއިމްކޮށްދިނުމުގައި އަޅުގަނޑުމެންގެ ސަރުކާރުން ދެމިތިބޭނަން،" ރައީސް ޔަގީންކަން ދެއްވި އެވެ.

ރައީސް މުހައްމަދު މުއިއްޒު (ވ) އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ދުބާއީގައި ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
ދުބާއީގައި ހިނގަމުންދާ އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިން (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯންތައް ތަރައްގީ ކުރުމުގެ ނިޒާމީ އޮނިގަނޑަށް އަމަލުކުރަން ފަށާފައިވާ ކަމަށް ވިދާޅުވެ، އެ ފުރުސަތުގެ ބޭނުން ވެސް އިންވެސްޓަރުންނަށް ހިފެން އޮތްކަން ރައީސް ފާހަގަކުރެއްވި އެވެ.

އަދި ކުރިއަށް އޮތްތަނުގައި، ގާނޫނާއި ގަވައިދުތައް އިތުރަށް ހަރުދަނާކޮށް، ދެފުށްފެންނަ، ރައްކާތެރި ގޮތަކަށް އިންވެސްޓްމެންޓްތައް ހިމާޔަތް ކުރެވޭނެ ކަމުގެ ޔަގީންކަން މިހާރަށް ވުރެ ވެސް ބޮޑަށް އިންވެސްޓަރުންނަށް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު، ދުބާއީގައި ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި މިއަދު ވާހަކަފުޅުދައްކަވާ އިރު ސަރުކާރުގެ އިސް ބައެއް ބޭފުޅުން އަޑުއައްސަވަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

މީގެ އިތުރުން، ރާއްޖޭގައި މިހާރު ފަށާފައިވާ މަޝްރޫއުތަކާއި، ކުރިއަށް ފަށަން ރާވާފައިވާ މަޝްރޫއުތަކަށް ވެސް އިންވެސްޓު ކުރުމުގެ ފުރުސަތު އޮތްކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން އެމަނިކުފާނު އަލިއަޅުވާލެއްވި މަޝްރޫއުތަކުގެ ތެރޭގައި:

  • ވިޒިޓާ އިކޮނޮމީ ކޮންސެޕްޓްގެ ދަށުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާ ކުރުމަށްޓަކައި އިކޯ-ޓޫރިޒަމް، ސްޕޯޓްސް ޓޫރިޒަމް، އެޑިއުކޭޝަން ޓޫރިޒަމް އަދި ވެލްނެސް ޓޫރިޒަމް ތައާރަފު ކުރުން

  • ރާއްޖޭގެ މައި ޕޯޓު އަލުން ތަރައްގީކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް، 8 ޑިގްރީ ގްލޯބަލް މެރިޓައިމް ޝިޕިން ރޫޓު އޮންނަ ސަރަހައްދުން ރާއްޖޭގެ އުތުރުގައި މެރިޓައިމް ޑިވެލޮޕްމަންޓްގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުން

  • މަސްވެރިންގެ ކޯލްޑް ސްޓޯރޭޖް ދެގުނައަށް ވުރެ ބޮޑުކުރުން

  • ތިމާވެއްޓަށް ވިލުންވެރިވާ ގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީކުރުން

  • ރަސްމާލެ ތަރައްގީ ކުރުން

  • ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން އިތުރު ތިން ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވް ގާއިމްކޮށް، ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެެއް ތަރައްގީ ކުރުން

  • ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ %33 އަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް