ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)
ބޭރު ސިފައިންނަށް އީއީޒެޑް ތެރެއަށް ވަދެވިގެންނުވާނެ، ކަން ހިނގައި ދިޔަގޮތް ހާމަކުރޭ: ސޯލިހު
ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ތެރެއަށް ބޭރުގެ އެއްވެސް ގައުމެއްގެ އުޅަނދަކަށް ހުއްދަ ނުނަގާ ވަދެވިގެން ނުވާނެ ކަމަށް ވިދާޅުވެ، އެކަން ހިނގާ ދިޔަގޮތް ރަނގަޅަށް ތަހުގީގު ކުރުމަށް ފަހު ސަރުކާރުން އެ މައުލޫމާތު ހާމަކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ސޯލިހު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމުގެ ކަންތައްތައް ދިޔަ ގޮތް ބައްލަވާލެއްވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "އެކަން އެގޮތަށް ހިނގާފައި އޮތް ކަމަށް ވަންޏާ އެއީ ވަރަށް ގޯސްކޮށް ހިނގާފައި އޮތް ކަމެއް. އެކަހަލަ ކަމެއް އެއްވެސް ގައުމަކުން އެހެން ގައުމެެއްގެ ސަރަހައްދު ތެރެއަށް ވަދެ، ހިނގައިގެން ނުވާނެ،" އިންޑިއާ ސިފައިން ރާއްޖޭގެ މަސްދޯނިތަކަކަށް ހަތިޔާރާ އެކު އެރި މައްސަލައަށް އިޝާރާތް ކުރައްވައި ސޯލިހު ވިދާޅުވި އެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ވަގުތީ ރައީސްކަން ވެސް ކުރައްވާ ސޯލިހު އިތުރަށް ވިދާޅުވި ގޮތުގައި:
-
ރާއްޖޭގެ އީއީޒެޑް ތެރެއަށް ބޭރުގެ އެއްވެސް ގައުމަކަށް ހުއްދަ ނުނަގާ ވަދެވިގެނެއް ނުވާނެ؛ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފު ކަމެއް
-
ވީހާވެސް އަވަހަކަށް އެ މައްސަލަ ތަހުގީގުކޮށް، ކަން ހިނގައި ދިޔަގޮތް ބަލައި، އެ މައުލޫމާތު ހާމަކުރުމަކީ ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭނެ ކަމެއް
"އަދި އެ ވިދާޅުވާ ގޮތަށް، އެ ގައުމަކަށް، އިންޑިއާ އިން ކަމަށް ވަންޏާ، އެ ފަރާތްތަކަށް ވެސް އެކަމުގެ ޝަކުވާ ހުށަހަޅާ، ކަން ހިނގާފައި އޮތްގޮތް ބަލައި، ދެވަނަ ފަހަރަށް މިއިން ކަމެއް ދިމާވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަންޖެހޭނެ،" ސޯލިހު ވިދާޅުވި އެވެ.
އެނގުން މުހިއްމު - ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް އިންޑިއާ ސިފައިން އަރައި، މަސްވެރިންނަށް ބިރުދެއްކި މައްސަލަ ފުރަތަމަ ފެންމަތިވީ މިދިޔަ ބުދަ ދުވަހު އެވެ. އިންޑިއާ ސިފައިން އެ ދޯނިތަކަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް ހަތިޔާރާ އެކު އިންޑިއާ ސިފައިން އަރައި، ބިރުދެއްކި މައްސަލާގައި ޑިފެންސް މިނިސްޓްރީ އިން ބުނެފައިވަނީ އެކަން ކޮށްފައިވަނީ ސަރުކާރަށް އެންގުމެއްނެތި، ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކަމަށެވެ.