މާހޯރަ 3 ދޯންޏަށް އިންޑިއާގެ ސިފައިން އަރައި މަސްވެރިންނަށް ބިރު ދެއްކި މައްސަލައެއް ވަނީ ފެންމަތިވެފައި (ފޮޓޯ/ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން)
ހުކުރު ދުވަހުގެރޭ ވެސް އިންޑިއާ ސިފައިން ރާއްޖޭގެ މަސްދޯންޏަކަށް އެރިކަމަށް ބުނެފި
ބުރާސްފަތި ދުވަހުގެރޭ ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އޮތް މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރާފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނެފި އެވެ.
މައްސަލައިގެ ފެށުން - ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް އިންޑިއާ ސިފައިން އަރާ، މަސްވެރިންނަށް ބިރުދެއްކި މައްސަލަ ފުރަތަމަ ފެންމަތިވީ މިދިޔަ ބުދަ ދުވަހު އެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް ހަތިޔާރާއެކު އިންޑިއާ ސިފައިން އަރާ ބިރުދެއްކި މައްސަލާގައި ޑިފެންސް މިނިސްޓްރީ އިން ބުނެފައިވަނީ އެކަން ކޮށްފައިވަނީ ސަރުކާރަށް އެންގުމެއްނެތި، ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކަމަށެވެ.
ތަފްސީލް - ބުދަ ދުވަހު ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލަ ފެންމަތިވެފައި ވަނިކޮށް، ޖެހިގެން އައި ބުރާސްފަތި ދުވަހުގެރޭ ވެސް އެ ފަދަ ހާދިސާ އެއް ހިނގާފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވަނީ ބުނެފަ އެވެ.
ހއ. އިހަވަންދޫ އަށް ނިސްބަތްވާ މާހޯރަ 3 ދޯނި ދަތުރުކުރަމުން ދަނިކޮށް މޮޅަދޫ ބޮޔާއި 3 މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް އަރާ، މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށް އެ ޔޫނިއަން އިން ބުންޏެވެ.
އެ މައްސަލަ ކަމާބެހޭ ފަރާތަކަށް ހުށަހަޅާފައިވާނެ ކަމަށް ބުނެފައިވާއިރު، އެކަމާ ގުޅިގެން އެމްއެންޑީއެފް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ގުޅުން ހުރި - ބުދަ ދުވަހުގެ ހާދިސާ އާ ގުޅިގެން ޑިފެންސް މިނިސްޓްރީ އިން ރޭ ނެރުނު ބަޔާނުގައި ބުނީ، ހއ. ދިއްދޫ އިރު އިތުރުން 72 ނޯޓިކަލް ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި ތިން ދޯންޏަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 253އަށް ނިސްބަތްވާ ބޯޑިން ޓީމަކުންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ރާއްޖޭގެ "ކަމާ ގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި" ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ - މަސްވެރިންގެ ޔޫނިއަން އިން މިއަދު ވަނީ، އިންޑިއާ ސިފައިން އެ ދޯނިތަކަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުކޮށްފަ އެވެ. ކިޔަމަންތެރިކަމާ އެކު ދިވެހި މަސްވެރިން ތިބި އިރު، އިންޑިއާގެ ސިފައިން އެ ދޯނިތަކަށް އަރާފައި ވަނީ ހަތިޔާރާ އެކުކަން ވީޑިއޯތަކުން ފެނެ އެވެ.