އަސުރުމާ 3 މަސްދޯނި (ފޮޓޯ/މަސްވެރިން)
އިންޑިއާ ސިފައިން ފައިބައިފި، ދޯނި އެނބުރި މަސްވެރިކަމަށް
ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު އަސުރުމާ-3 ދޯންޏަށް އެރި އިންޑިއާ ސިފައިން އެ ދޯނިން ފައިބައިފި އެވެ.
ވީ ކިހިނެއް؟ - އދ. މަހިބަދުއަށް ނިސްބަތްވާ އަސުރުމާ-3 ދޯންޏަށް އިންޑިއާގެ މަނަވަރެއް ކައިރިކޮށް ސިފައިން އެރި ކަމަށް އެންމެ ފުރަތަމަ ބުނި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން 'ދައުރު'އަށް ވަނީ، އިންޑިއާ ސިފައިން މިހާރު އެ ދޯނިން ފައިބާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.
ބުނީ ކީކޭ؟ - ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެން ނަޝީދު ވިދާޅުވީ އިންޑިއާ ސިފައިން އަސުރުމާ-3 ދޯނިން ފޭބީ ހަވީރު 4:40 ހާއިރު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:
-
ދޯނި މިވަގުތު އޮތީ މޮބައިލް ފޯން ރޭންޖު ލިބޭ ހިސާބަކު ނޫން. ޔޫނިއަނުން ދޯންޏާ މުއާމަލާތް ކުރަނީ ސެޓަލައިޓް ބޭނުންކޮށްގެން
-
ދޯނީގެ ކެޔޮޅާ ހަވާލާދީ އޭނާ ވިދާޅުވީ އެ މީހުން ބޭނުންވަނީ އެނބުރި ރަށަށް އައުމުގެ ބަދަލުގައި މަސްވެރިކަމައިގެން ކުރިއަށް ދިޔުމަށް ކަމަށް
އަސުރުމާ-3ގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށާއި "ފަޅުވެރިންގެ ހުރިހާ އެންމެން ވެސް އޯކޭ" ކަމަށް ނަޝީދު ވިދާޅުވި އެވެ.
އިންޑިއާ ސިފައިން އެ ދޯންޏަށް އެރީ ކީއްވެގެންކަމާއި ދޯންޏަށް އެރުމަށް ފަހު އެމީހުން ހަރަކާތްތެރިވި ގޮތުގެ ތަފްސީލީ މައުލޫމާތު ލިބިފައެއް ނުވެ އެވެ.
އަސުރުމާ-3ގެ ކެޔޮޅާ ހަވާލާދީ ނަޝީދު 'ދައުރު'އަށް ވިދާޅުވެފައިވަނީ:
-
އިންޑިއާ ސިފައިންގެ މަނަވަރު އެންމެ ފުރަތަމަ ދޯނި މަތިން ހެލިކޮޕްޓަރު އުދުއްސީ ކަމަށާއި އޭގެ ފަހުން މަނަވަރު ދޯންޏާ ކައިރިކޮށް ހަތިޔާރާ އެކު ސިފައިން އެރީ ކަމަށް
-
މަސް ދޯނީގައި ތިބި މީހުންނާ އިންޑިއާ ސިފައިން ކުރަނީ ކޮން ސުވާލެއްކަމެއް އަދި ދައްކަނީ ކޮން ވާހަކައެއްކަމެއް ސާފު ނުވާ ކަމަށް ނަޝީދު ވިދާޅުވި
ފާހަގަކޮށްލެވޭ - ރާއްޖޭގެ އުޅަނދަކަށް ބޭރު ސިފައިން އަރައިގެން އުޅޭ ކަން އެމްއެންޑީއެފްގެ ސަމާލުކަމަށް އައުމާ އެކު، އެމްއެންޑީއެފް އިން ވަނީ އެކަން ބަލަން ފަށާފަ އެވެ. މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް ކޯސްޓް ގާޑުގެ ފަރާތުން ލިބުނު އެހީތެރިކަން ޔޫނިއަންގެ ފަރާތުން ވެސް ފާހަގަކުރި އެވެ.