
ރާއްޖެ އައި ބިދޭސީއަކަށް އިމިގްރޭޟަނުން ހިދުމަތް ދެނީ (ފައިލް ފޮޓޯ/ އިމިގްރޭޝަން)
ދިވެހިން ޓްރެވެލާ ޑިކްލަރޭޝަން ފޯމް ފުރަން ނުޖެހޭގޮތަށް ހަމަޖައްސައިފި
ރާއްޖެއިން ފުރާއިރު އަދި ރާއްޖެއިން ބޭރުން ރާއްޖެ އެތެރެވާއިރު ފުރިހަމަ ކުރަންޖެހޭ ޓްރެވެލާ ޑިކްލަރޭޝަން ފޯމް ނުވަތަ އިމުގަ ފުރިހަމަ ކުރަން ދިވެހިންނަށް ނުޖެހޭގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ދަތުރު ކުރާ ގައުމުތަކުގެ މައުލޫމާތާއި އެއާލައިންގެ މައުލޫމާތު ހިމެނޭހެން ފުރިހަމަކުރަންޖެހޭ މި ޑިކްލަރޭޝަން ފުރާގޮތަށް ހަމަޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ.
ތަފްސީލް - ކޮވިޑަށް ފަހު ވެސް މި ޑިކްލަރޭޝަން ފުރިހަމަކުރަން ޖެހުމަކީ ބުރައެއް ކަމަށް ގިނަ ބަަޔަކު ފާހަގަ ކުރެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު ކަމާ އިއްޔެ ހަވާލުވި މުހައްމަދު ޝަމްއާން ވަނީ މިއަދުން ފެށިގެން ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނާއި ރާއްޖެއިން ބޭރުން އަންނަ ދިވެހިން މި ފޯމު ފުރަން ނުޖެހޭގޮތަށް ހަމަޖައްސަވައިފަ އެވެ.
އިމިގްރޭޝަނުން ބުނީ މި ފޯމު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ނިންމީ ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވީހާ ވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ކަމަށެވެ.
ފާހަގަކޮށްލެވޭ - ދިވެހިންނަށް މި ފޯމު ފުރަން ނުޖެހުނަސް، ރާއްޖެއިން ބޭރުން އަންނަ ބިދޭސިންނާއި ރާއްޖެއިން ފުރާ ބިދޭސިން މި ފޯމު ފުރިހަމަ ކުރަން ޖެހޭނެ އެވެ.
އިމިގްރޭޝަނުން ބުނީ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު އިމިގްރޭޝަންގެ ހިދުމަތްތައް އަބަދުވެސް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.
ކޮމެންޓް