ދިރާސީ އާ އަހަރު 7 އޮގަސްޓް 2022 ވަނަ ދުވަހު ފެށުމާ ގުޅިގެން ދަރިވަރުން ސްކޫލަށް ހާޒިރުވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށަން މަޝްވަރާ ފަށައިފި
މި ހިނގާ ދިރާސީ އަހަރު ނިމުމުން، 2025ގެ ދިރާސީ އާ އަހަރު ޖެނުއަރީގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މަޝްވަރާތައް ބައްދަލުވުންތައް ބާއްވަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ތައުލީމީ ދާއިރާގެ އިސް ފަރާތްތަކާ އެކު މިފަދަ މަޝްވަރާތައް ފައްޓަވާފައިވާކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
ބުނީ ކީކޭ؟ - އޭނާ ވިދާޅުވި ގޮތުގައި، ދިރާސީ އާ އަހަރު ޖެނުއަރީގައި ފެށުމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މިނިސްޓްރީން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން، 2025 ވަނަ އަހަރު އެ ބަދަލު ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް، ޝަފީއު ފާހަގަކުރެއްވި ގޮތުގައި، އެ ނިންމުން ނިންމާނީ ބަލަން ޖެހޭ ކަންކަން ބަލައި ދިރާސާކޮށް، ބަޖެޓު ކަނޑައަޅައި މަންހަޖާއި ޓައިމްލައިން އާއި ދެން ވެސް ހުރި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު އެވެ.
އެނގުން މުހިއްމު - ރާއްޖޭގައި ޒަމާނުއްސުރެ ސްކޫލުތަކުގެ ބޮޑު ޗުއްޓީ އޮތީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދިމާވާ ގޮތަށެވެ. އެކަމަކު 2021 ވަނަ އަހަރުން ފެށިގެން ބޮޑު ޗުއްޓީ ވަނީ އަހަރުގެ މެދުތެރެއަށް، ޖޫން މަހާއި ޖުލައި މަހާ ދިމާވާ ގޮތަށް ހަމަޖައްސާފަ އެވެ.
ޗުއްޓީއަށް ގެނައި ބަދަލާ މެދު ބައެއް މީހުން ހިތްހަމައެއް ނުޖެހެ އެވެ. ބައެއް ބެލެނިވެރިން ބުނަނީ ޖޫން އަދި ޖުލައިގައި ކުރިމަތިވާ ހުޅަނގުގެ ވިއްސާރައިގައި ޖެހި، ޗުއްޓީއަށް ހުރަސް އެޅޭ ކަމަށެވެ. އެކަމަކު އެކަމުގެ ރައްދުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ބޮޑު ޗުއްޓީ ބަދަލުކުރީ، ފާއިތުވި ފަސް އަހަރުގެ މޫސުން ދިރާސާކޮށް، އަހަރުގެ މެދާއި ނިމޭ ހިސާބާ ދެމެދު މާ ބޮޑު ތަފާތެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.
ގުޅުން ހުރި ކަމެއް - ބޮޑު ޗުއްޓީއާ ގުޅިގެން އާންމުންގެ ތެރޭގައި ބޮޑު ބަހުސެއް އުފެދިފައިވާ ދަނޑިވަޅެއްގައި، ރައީސް މުއިއްޒު އެ މަނިކުފާނުގެ ކެމްޕޭންގެ ތެރޭގައި ހުށަހެޅުއްވި ހައްލަކީ ސްކޫލު ބޮޑު ޗުއްޓީ އަނބުރާ ޑިސެމްބަރު މަހަށް ބަދަލުކޮށް، އަހަރުގެ މެދު ތެރެއަށް އެއް މަހުގެ އިތުރު ޗުއްޓީއެއް ހަމަޖެއްސުމެވެ. އެ މަނިކުފާނު އޭރު ހުށަހެޅުއްވީ:
-
ހަތަރު ހަފުތާ ހިމެނޭ ސްކޫލު ބަންދެއް، ޖޫން/ޖުލައި މަހުގައި ވެސް ހަމަޖައްސަން
-
އެއާ އެކު، ޑިސެމްބަރު މަހު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދޭނެ؛ އާއްމު ގޮތެއްގައި ބޮޑު ޗުއްޓީގައި ހިމެނެނީ ދޮޅު މަސް ދުވަސް
-
މުއިއްޒު ވިދާޅުވީ އަހަރު މެދު ތެރެ އާއި ފަހުކޮޅު ވެސް ބޮޑު ޗުއްޓީއެއް ދީގެން، ދަރިވަރުންގެ ކިޔެވުމާއި އިތުރު ހަރަކާތްތަކަށް ރަނގަޅަށް ވަގުތު ލިބޭނެ ކަމަށް
-
އެގޮތަށް ނިންމެވީ، ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނާ ވާހަކަ ދެއްކުމަށް ފަހުގައި ކަމަށް ވެސް ރައީސް މުއިއްޒު އޭރު ވިދާޅުވެފައިވޭ