ފެނަކައިގެ މުވައްޒަފުންތަކެއް މަސައްކަތުގައި: ފެނަކައިގެ ތެރޭގައި ހިޔާނާތްތައް ގިނަވެފައިވާ ވާކަމުގެ ޝަކުވާ ބޮޑު

އޭސީސީ

ފެނަކައިގެ ތެޔޮ ތާގިތައް ބަދަލުކުރުން މަޑުޖައްސާލަން އޭސީސީން އަންގައިފި

މިގޮތަށް އޭސީސީން އެންގީ އެކަމާ ގުޅިގެން އެ ކޮމިޝަނުން މައްސަލައެއް ބަލަމުންދާތީ

ފެނަކަ ކޯޕަރޭޝަނުން ހިދުމަތްދޭ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ތާންގިތަކެއް ބަދަލުކުރުމުގެ މަސައްކަތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށް ދާތީ އެ މަސައްކަތްތައް މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން މިއަދު އެ ކުންފުންޏަށް އަންގައިފި އެވެ.

ބުނީ ކީކޭ؟ - އޭސީސީން މިއަދު ބުނީ، އެގޮތަށް އަންގާފައި ވަނީ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ތާންގިތަކެއް އާ ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގެއްފަށާފައި ވާތީ ކަމަށެވެ.

"އެކަމާ ގުޅިގެން އެ ކުންފުނިން ކުރިޔަށް ގެންދާ އެންމެހާ ކަންކަން ކުރިޔަށް ނުގެންގޮސް މަޑުޖައްސާލުމަށް އޭސީސީން ވަނީ އަންގާފައެވެ،" އޭސީސީން އެކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެެއްގައި ބުނެފައި ވެއެވެ.

ނަމަވެސް، ބަލަމުންދާ އެ މައްސަލައިގެ ތަފްސީލެއް އެ ކޮމިޝަނުން ދީފައެއް ނުވެ އެވެ.

ގުޅުންހުރި ކަމެއް - ސަރުކާރު ބަދަލުވުމުގެ މަރުހަލާ ނުވަތަ އިންތިގާލީ މަރުހަލާ މިހާރު ކުރިއަށް ދާތީ އާ އެއްވެސް މަޝްރޫއެއް ނުވަތަ މަސައްކަތެއް ވެސް ނުފެށުމަށް ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ކުންފުނިތަކަށް އަންގައިފަ އެވެ. އަދި އިންތިހާބީ ރައީސްގެ އޮފީހުން ވެސް ވަނީ އެފަދަ ކަންކަން ނުކުރުމަށް ސަރުކާރު ކުންފުނިތަކަށް އިރުޝާދު ދިނުމަށް ވެސް ޕީސީބީގެ ކިބައިން އެދިފަ އެވެ.

އެނގުން މުހިންމު - ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެނަކައިގެ ވެރިންގެ މައްޗަށް އަބަދުވެސް ކުރެވޭ އިރު އެ ކުންފުނިން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 2.8 ބިލިއަނަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ. އަދި އެ ދަރަނި ދެއްކުމަށް ފަސޭހަކުރަން އިސްލާމިކް ބޭންކުން 400 މިލިއަން ރުފިޔާގެ ލޯނެއް ވެސް މިފަހުން ފެނަކައިން ނަގާފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް