އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު، ޖަމީލް މިރޭ ނޫސްވެރިންނާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ނަތީޖާ އިން ރައްޔިތުންގެ ބަސް ސާފު، 24 ގަޑިއިރު ތެރޭ ޔާމީން ދޫކޮށްލަން ޖެހޭ: ޖަމީލް

ޖަމީލް ވަނީ އެއްވެސް ޝަރުތެއް ނެތި ޔާމީން ގެއަށް ބަދަލުކޮށް، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ގޮވާލައްވާފައި
30 ސެޕްޓެމްބަރު 2023

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ އިން، ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުކުރައްވާފައިވާ އިރު، އެ ނަތީޖާ އިން ބުނެދެނީ މި ސަރުކާރުން ކުރި ކަންތައް ރައްޔިތުން ގަބޫލު ނުކުރާކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް މުއިއްޒު ވަނީ ކުރި ހޯއްދަވައިފަ އެވެ.

ތަފްސީލް - އިންތިހާބުގެ ކާމިޔާބީ ފާހަގަކޮށް އުފާ ފާޅުކުރުމަށް ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން އެ ދެ ޕާޓީގެ އޮފީސް ދޮށަށް އެއްވެ އުފާ ފާޅުކުރަމުން ދާއިރު އެ ސަރަހައްދުގައި ހުންނަވައި ކުރީގެ ނާއިބު ރައީސް ޖަމީލް ނޫސްވެރިންނަށް ވިދާޅުވީ އިންތިހާބުގެ ނަތީީޖާ އަކީ ގިނަ ބަޔަކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"ނަތީޖާ އިން ފެންނަނީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި ހުކުމްތައް ރަނގަޅު ނޫންކަން،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އެއްވެސް ޝަރުތެއް ނެތި ޔާމީން ގެއަށް ބަދަލުކޮށް އަދި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އަށް ގޮވާލައްވާފަ އެވެ.

"އިންތިހާބުގެ ނަތީޖާ އިން ރައްޔިތުންގެ ބަސް ވަރަށް ސާފު. ނަތީޖާ އިން ފެންނަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި ހުކުމްތައް ވެސް ރަނގަޅު ނޫންކަން،" ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށެވެ.

 މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު ޕީޕީއެމް-ޕީއެންސީ ސަޕޯޓަރުން ގެންދަނީ އުފާ ފާޅުކޮށް، ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕާޓީގެ  އޮފީސް ދޮރުމަތީގައި އަޑު އުފުލަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް